ރިސްކެއް ނަގަން ބޭނުމެއްނޫން، އިދިކޮޅުން ނެރެންޖެހޭނީ މައްސަލައެއް ނެތް ސާފު ކެންޑިޑޭޓެއް- ގާސިމް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ބޯމަތި ވެގެން އަންނައިރު އިދިކޮޅުން ނެރެންޖެހޭނީ ފުލުހުންގެ އެއްވެސް ޝަރުއީ ޙުކުމެއްވެސް މިވަގުތު ނެތް، ޕީޖީ އޮފީހުގައި އެއްވެސް މައްސަލައެއް ފައިލް ކޮށްފައިވެސް ނެތް، ފުލުސް އޮފީހުގައި އެއްވެސް ތަހްގީގެއްވެސް މިވަގުތު ނެތް ސާފު ކެންޑިޑޭޓެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އެއްކެންޑިޑޭޓު ނެރުމުގެ ވާހަކަ ދެއްކިނަމަވެސް އެ ބަހުސްގައި އެމްޑީޕީ އާއި ޖޭޕީގެ ޚިޔާލު ދެކަފިވެ، ދެޕާޓީގެ މެދުގައި ބަހުގެ ހަމަލާތަކެއް ދެވެމުންދާ ދަނޑިވަޅުގައި ގާސިމް މިހެން ވިދާޅުވީ އެއްކެންޑިޑޭޓް އިދިކޮޅަށް ނުދެއްކި ލަސްވަމުންދާތީ ޖަރުމަނުގައި ހުންނަވައިގެން ރޭ ނެރުއްވި ބަޔާނެއްގައެވެ.

ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން ބޭނުންނަމަ މިވަގުތު އިދިކޮޅުން އެއްވެސް ރިސްކެއް އޮތް ބޭފުޅެއްގެ ނަން ވައްދައިގެން ނުވާނެކަމަށެވެ. ގާސިމް ވިދާޅުވީ ޕީޖީ އޮފީހުގައި މައްސަލައެއް ފައިލް ކޮށްފައި އޮތް ބޭފުޅެއްގެ ނަން އިދިކޮޅުން ވެއްދި ނަމަވެސް އަލުން މައްސަލަ ހުޅުވާލައި އެ ކެންޑިޑޭޓް ދުއްވާލުމުގެ ރިސްކުވެސް ނެގެން ނެތް ކަމަށެވެ.

އެހެންކަމުން އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމުގައި ގާސިމް އެންމެ ތާއީދު ކުރައްވާ ގޮތް ކަމަށް ބަޔާނުގައި ވިދާޅުވެފައި ވަނީ އެއްވެސް މައްސަލައެއް ނެތް ސާފު ދެ ކެންޑިޑޭޓެއްގެ ނަން ދެޕާޓީއެއްގެ ނަމުގައި އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނަށް ވެއްދުމެވެ. ރަނިންމޭޓާއެކު އެ ދެނަން ކޮމިޝަނަށް ވެއްދުމަށް ފަހު އެތަނުން "ކްލިއާރ ވެގެން" އަންނަ ކެންޑިޑޭޓާއި ރަނިންމޭޓަށް އިދިކޮޅު ހުރިހާ ޕާޓީއަކުން ތާއީދުކޮށް ކުރިޔަށް ދިޔުމެވެ. ގާސިމް ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ބަޔެއްގެ ނަން އިދިކޮޅުން ވެއްދިނަމަވެސް ސަރުކާރުން އެ ކެންޑިޑޭޓުންނަށް "ގޯނާ ކުރާނެ" އެވެ. އެހެންކަމުން މިވަގުތު އެއްވެސް ރިސްކެއް އޮތް ނަމެއް ވެއްދުމަށް ތާއީދު ނުކުރައްވާކަން ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

ގާސިމް ވިދާޅުވީ މައްސަލަ ހުރި ކެންޑިޑޭޓުންގެ ނަން އިދިކޮޅުން ނަގައިގެން ރިސްކު ނަގަން ބޭނުންނަމަ އިދިކޮޅަށް އެންމެ ގިނަ ވޯޓު ލިބޭނީ ރައީސަކަށް ރައީސް މައުމޫންގެ ނަން އަދި ނައިބު ރައީސަކަށް ރައީސް މުޙަންމަދު ނަޝީދުގެ ނަމާއެކު އިދިކޮޅުން ނުކުތުމެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސަކަށް ގާސިމް އިބްރާހިމް، މަޖިލީހުގެ ނައިބަކަށް އިބްރާހިމް މުޙަންމަދު ސޯލިޙް އަދި ހޯމް މިނިސްޓަރަކަށް ޝައިޚް އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރަކަށް ކާނަލް ނާޒިމް ހެދުމެވެ. ނަމަވެސް މިއަދުގެ ޙާލަތަކީ މި ބޭފުޅުންނަށް ރައްޔިތުންގެ ތާއީދު އޮތް ނަމަވެސް ޝަރުއީ މައްސަލަތަކާހުރެ އެއިން ބޭފުޅަކަށް ނަން ހުށަހެޅެން ނެތްކަން ގާސިމް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ގާސިމް ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންވެސް އިދިކޮޅުން ކެންޑިޑޭޓަކު ނެރޭއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގެންނަން ޖެހޭނީ ސީދާ އެމްޑީޕީގެ ބޭފުޅެއް ކަމަށް ވިސްނާ ވިސްނުންވެސް ދޫކޮށްލައި އެކަމުގައި އެންމެ ފައިދާހުރި ގޮތަކަށް މަޝްވަރާ ކޮށްގެން ކަންކަން ނިންމުމަށް ގޮވާލައްވާފައެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ފެންނަމުން ދަނީ އިދިކޮޅު ކޯލިޝަނުގައި މަޝްވަރާވެސް ކޮށްފައިނުވާ ބަޔެއް ބޮޑެތި ކަންކަމާއި ގުޅޭގޮތުން ވަކިބޭފުޅަކު އެބޭފުޅާއަށް ފެންނަ ޚިޔާލުފުޅެއް ފާޅު ކުރައްވަމުންދާ މަންޒަރު ކަމަށާއި އޭގެ ސަބަބުން އިދިކޮޅު އިއްތިހާދަށް އޮޅުން އަރާކަން ފާހަގަ ކުރެއްވިއެވެ.

މިސާލެއްގެ ގޮތުން ގާސިމް ނެންގެވީ މިހާރު އޮތް ރިޔާސީ ނިޒާމްގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށާއި ދެ ސަރުކާރެއް ރާއްޖޭގައި އޮވެދާނެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި، ބޭރުގެ ބަޔެއްގެ އަސްކަރީ އެހީގައި ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ދައްކާ ވާހަކައަށެވެ. އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެކަންކަމަކީ ޖުމްހޫރީ ޕާޓީން ދުވަހަކުވެސް ތާއީދު ކުރާނެ ކަންކަން ނޫން ކަމަށާއި އަދި މަޝްވަރާވެސް ކުރާނެ ކަންކަން ނޫން ކަމަށެވެ.

"މީގެއިތުރުން މިހާރުވެސް ކޮންމެ ދުވަހަކު އިރު ދުނިޔެއަށް ތޮޅެލަނީ ބައެއް ޕާޓީތަކުގެ އެންމެ އިސްބޭފުޅުންގެ އަރިސް ކުދިން، ތަފާތު އެކި ދޮގު ތުހުމަތުތައް ގުޅިފައިވާ ޕާޓީތަކުގެ އެހެން ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވަމުން ނޫންތޯއެވެ. އެވެސް ސިޔާސީ، އެހެން ނޫންތޯއެވެ. ތިމާއާ ޚިޔާލު އެއްގޮތްވާ ކޮންމެ ފަހަރަކު ޣާޒީއަކަށް، ޤައުމީ ބަޠޮލަކަށް ވެފައި، އެންމެ ކަމެއްގައި ޚިޔާލު ތަފާތުވިޔަސް އަދި އެއީ ކިތަންމެ ރަނގަޅު ޚިޔާލަކަށް ވިޔަސް، ޣާޒީ ބާޣީއަކަށް، ބަޠޮލު ޣައްދާރަކަށް ރައްޔިތުން ކުރިމަތީގައި އެ ފްރޭމްކޮށްލަނީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްގެ އަރިހުންކަން އަޅުގަނޑުމެން އެންމެނާއި ރައްޔިތުންނަށް މިއަދު ފެންނާނެއެވެ" ބަޔާނުގައި ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ބަޔާން ނިންމާލައްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ޖޭޕީ އޮތީ ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ކަމަށެވެ.

"މި ކޯލިޝަނާއި އިޞްލާޙީ ހަރަކާތްތެރިންގެ މަސައްކަތުގެ އުންމީދާއި އެއްގޮތަށް މި އަނިޔާވެރިކަމުން ސަލާމަތްވާން ޖޭޕީއިން ދޭންޖެހުނު ދުލެއްދީ، ޖޭޕީއަށް ތިޔަ ބޭފުޅުންނަށް އެއްބަސްވެވި ދެވޭ މަޤާމަކަށް މިދެންނެވި އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހަޅާ ރައްޔިތުންނާއި ޤައުމު އިސްކޮށް އަދުގެ ހާލަތަށް ކެތްތެރިކަމާ ޙިކުމަތްތެރިކަމާއެކު ގޮތެއް ނިންމަން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަންވެސް ތިޔަ ހުރިހައި ބޭފުޅުންނަށް އަރުވަމެވެ." ގާސިމް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.