އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއާއެކު ވާދަކޮށް ބޮޑު ތަފާތަކުން މިރޭ އެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިންޑޮނޭޝިޔާއަށް ރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
އިންޑޮނޭޝިޔާ މިރޭގެ ވޯޓުގައި ރާއްޖޭގެ މައްޗަށް ހޯދި ކާމިޔާބަށް މަރުހަބާ ކިޔައި ދިވެހި ޚާރިޖިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުދި ގައުމުތަކަށް ކުރިމަތިވާ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރުމުގައި ރާއްޖެއިން އިސްދައުރެއް އަދާކުރަމުން ދާއިރު ރާއްޖެ ފަދަ ކުޑަ ގައުމެއް ސަލާމަތީ މަޖިލީހަށް ނުހޮވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، މިރޭ ނެގި ވޯޓުގައި ރާއްޖެއަށް ނާކާމިޔާބު ލިބުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ކުރިޔަށް އޮތްތަނުގައިވެސް ކުދި ގައުމުތައް ކުރިމަތިލާން ފަސްޖެހޭނެ ސަބަބަކަށް ނުވާނެކަމަށް ރާއްޖެ އުންމީދު ކުރާކަމަށެވެ.
ދިވެހި ޚާރިޖިއްޔާއިން ބުނީ ކުރިޔަށް އޮތްތަނުގައި ބައިނަލް އަގުވާމީ ފަރާތްތަކާއެކު ރާއްޖެ އިތުރަށް ގުޅުން ބަދަހި ކުރަމުންދާނެ ކަމަށެވެ. އަދި މިރޭގެ ވޯޓުން ބަލިވި ކަމަށްވިޔަސް އދ. އަށް ހުށަހަޅާ މުހިންމު މައްސަލަ ތަކުގައި އަޑު އުފުލާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށެވެ. މީގެއިތުރުން އެއްވެސް ގައުމެއްގެ ކުޑަބޮޑު މިނަށް ނުބަލައި ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކުރުމުގެ ފުރުޞަތު ކުރިޔަށް އޮތްތަނުގައި ފަހިވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހަށް ގައުމުތައް އިންތިޚާބު ކުރުމަށް މިރޭ އދ. ގެ އާންމު މަޖިލީހުގައި ބޭއްވި ވޯޓުގައި ރާއްޖޭގެ މައްޗަށް އިންޑޮނޭޝިޔާ ކާމިޔާބު ހޯދީ 144 ވޯޓު ހޯދައިގެންނެވެ. ރާއްޖެއަށް ލިބިފައި ވަނީ 46 ވޯޓެވެ. ސިއްރު ވޯޓެއްގެ ގޮތުގައި ނެގުނު މި ވޯޓުގައި އދ. މެމްބަރު 190 ގައުމު ވޯޓުގައި ބައިވެރިވިއެވެ. މިއީ އޭޝިޔާ ޕެސިފިކް ސަރަހައްދުން އދ. ގެ ސަލާމަތީ މަޖިލީހަށް ގައުމެއް އިންތިޚާބު ކުރުމަށް ބޭއްވި ވޯޓެކެވެ. މި ސަރަހައްދުން ވާދަކުރީ ރާއްޖެ އާއި އިންޑޮނޭޝިޔާ އެކަންޏެވެ.
އާންމު މަޖިލީހުގައި މިރޭ ވޯޓު ނެގިގެން ދިޔައިރު ރާއްޖެއިން ބައިވެރިވި ޓީމުގައި ފިޝަރީޒް މިނިސްޓަރ ޑރ މުޙަންމަދު ޝައިނީ އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސްބަޔެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.