ބޭރު ގައުމުތަކަށް ދައުވަތު ދިނުންވެސް އިލެކްޝަން ކޮމިޝަނުން ދިގު ދަންމާނެ- ނަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އޮތް އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރެއްވޭ ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް އިންތިޚާބާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެންޑިޑޭޓަކު ހަމަޖެއްސުމަށް ބޭއްވި ޕްރައިމަރީގައި އިލެކްޝަން ކޮމިޝަނުން އަމަލު ކުރެއްވި ގޮތުން އެކަނިވެސް އެކޮމިޝަނާމެދު އިތުބާރު ކުރެވެން ނެތް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން އިއުލާން ކޮށްފައިވާ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ބޮޑަށް ހުޅުވާލެވިގެން ރާއްޖޭގައި ބާއްވާ އިންތިޚާބަށް ވެގެންދާނެ ކަމަށާއި ބޭރުގެ ގައުމުތަކަށްވެސް އިންތިޚާބު އޮބްޒާވް ކުރުމަށް ދައުވަތު ދެއްވާނެ ކަމަށް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ބޭރުގެ ގައުމު ތަކަށް ކޮމިޝަނުން ދައުވަތު ނުދެއްވައި އެކަންވެސް ދިގު ދަންމަމުން ގެންދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވޭނީ މިހާރު އޮތް އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ބަދަލު ކޮށްގެން ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.