
މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި، އެރަށު "ނިޔާމަ" ބޯޓް ތ. ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:35 އެހައިކަންހާއިރު ކަމަށެވެ. މައުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީން ލޯންޗްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް ޑައިވަރުންނާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށައިފައި ކަމަށެވެ.
މި ބޯޓް ފަރަށް އެރިއިރު ބޯޓުން 3 ދިވެހިންނާ 8 ބިދޭސީންނާއެކު ޖުމްލަ 11 މީހުން ދަތުރު ކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ބޯޓް ފުންކުރުމުގެ މަސައްކަތުގައި ބޯޓްގެ ފަޅުވެރިންނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ. މިމަސައްކަތުގައި ސިފައިންނާއެކު ފުލުހުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.