
ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ތާރީޚު މިއަދު ފައިނަލް ކޮށްފައިވާ ކަމަށާއި ތާރީޚު އިއުލާން ކުރައްވާނީ ބުރާސްފަތި ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުމަށްފަހު އިއުލާން ކުރުން ފަސްކުރި ސަބަބެއް އެތަނުން ވިދާޅެއް ނުވެއެވެ. އެ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެފައިވަނީ އިލެކްޝަންސް ބާއްވާ ތާރީޚު އިއުލާން ކުރާ ދުވަހު ނޫސްވެރިންނަށްވެސް ދައުވަތު ދެއްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރިން ވިދާޅުވެފައިވަނީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑަ ނޭޅި ލަސްވަމުންދިޔައީ ސްކޫލްތަކުގައި ތަފާތު އިމްތިހާންތައް ކުރިއަށް ދިއުމުން އެ ތަންތަން ލިބުމުގައި ދަތިކަމެއް ހުރުމުން ކަމަށެވެ. ވޯޓުލާ މާރުކަޒުތަކުގެ ގޮތުގައި އާންމުކޮށް މީގެ ކުރިންވެސް ބޭނުންކޮށްފައިވަނީ ސްކޫލްތަކެވެ.
އަކުރަމް ރޭ ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިދާރީ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށެވެ. ވަރަށް އަވަހަށް ވޯޓަރސް ލިސްޓުވެސް އިއުލާން ކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވެފައެވެ.