އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) އާއި އެހެން މެޗްތަކެއްގައި ބެޓް ކުރިކަމުގެ ތުހުމަތުގައި ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން މި މަހުގެ ދެވަނަ ދުވަހު ތާނޭގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ތަހުގީގު ފަށައިފިއެވެ. ތަހުގީގުގައި އަރްބާޒު ވަނީ އޭނާ ބެޓް ކުރިކަމަށް އިއުތިރާފުވެފައި ކަމަށް އިންޑީއާގެ މީޑިއާ އިން ރިޕޯޓްކޮށްފިއެވެ. އަދި މީގެ ކުރީންވެސް ބެޓްކޮށްގެން 2.75 ކުރޯޑްގެ ގެއްލުންވެފައިވާ ކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ތަހުގީގާ ގުޅޭ ރިޕޯތްތައް ބުނާގޮތުން މި މައްސަލައިގައި އިތުރު ދެ ފިލްމު ޕްރޮޑިއުސަރެއްގެ ނަންވެސް މިހާރު ވަނީ ފެންމަތިވެފައެވެ. އަދި މި ދެ މީހުންވެސް ތަހުގީގަށް ހާޒިރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ތާނޭގެ އެންޓި އެކްސްޓޯޝަން ސެލް (އޭއީސީ)ގެ ސީނިއަރ އިންސްޕެކްޓަރު ޕްރަދީޕް ޝަރްމާއާ ހަވާލާދީ ނޫސްތަކުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެ ދެ ޕްރޮޑިއުސަރުންނަކީ ޕަރަގް ޝާންގްވީ އާއި މުރާދް ޚައިތާނު އެވެ. މި މީހުން އަދި ތަހުގީގަށް ހާޒިރުކޮށްފައެއް ނުވެއެވެ. ޝާންގްވީ އަކީ ޖަލަން ގެ ޕާޓްނަރެކެވެ. އަދި މުމްބާއީގެ މަޝްހޫރް ބިލްޑަރެއްގެ ދަރިފުޅު ދިލިޕް ލުދާނީ އަކިވެސް މިމައްސަލައިގއި ތުހުމަތު ކުރެވޭ މީހެއް ކަމަށް ވެއެވެ.
އަރްބާޒް ޚާން ގެ މައްސަލަ ފެންމަތިވީ މޭ މަހުގެ 15ވަނަ ދުވަހު ސޯނޫ ޖަލަންގެ ގާތް އެކުވެރިއެއް ކަމުގައިވާ ސޯނޫ މަލަދް ހައްޔަރު ކޮށް ކުރި ތަހުގީގުންނެވެ. އޭނާ އަކީ އަންޑާރވޯލްޑް އާއި ދާވޫދު އިބްރާހީމް އާއި ގުޅުން އޮންނަ މީހެކެވެ. ދާވޫދް އިބްރާހީމް އަކީ މުމްބާއީ އަށް އުފަން ބޮޑު ޓެރަރިސްޓެކެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ ޕާކިސްތާނާއި އަފްޣާން ބޯޑަރުގައި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭނާ އަކީ މީހުން މެރުމާއި މަސްތުވާ ތަކެތި ޓްރެފިކް ކުރުމާއި ޓެރަރިޒަމް ގެ ތުހުމަތުގައި ހޯދަމުންދާ މީހެކެވެ. އޭނާ އަކީ އިންޑިއާގެ މޯސްޓް ވޯންޓެޑް ލިސްޓުގައި ނަން އޮންނަ މީހެކެވެ. 2011 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑެތި 10 ކުށްވެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އިންޑިއާއިން ވަނީ އޭނާ ހޯދައިދޭ ފަރާތަކަށް 25 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދަނީ ގެމްބްލިންގ އެކްޓުގެ ދަށުން ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންވަނީ މެޗުތައް ބެޓް ކުރުމަށް ބޭނުން ކުރާ ލައިން ހޯލްޑިންގ މެޝިނަކާއި 100 އަށްވުރެ ގިނަ ގޭމްބްލަރުންގެ ނަން ހިމެނޭ ޑައިރީ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. 100 ގޭމްބްލަރުންގެ ތެރޭގައި 50 އަށްވުރެ ގިނަ މާސްޓަރުންގެ ނަން ހިމެނޭކަމަށް އިންޑިއަން ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ. މާސްޓަރުންނަކީ މީހުންގެ އަތުން ފައިސާ އަތުލުމާ ހަވާލުވެތިބޭ މީހުންނެވެ.
#Visuals of Special Line Holding Machine (a machine that works as a small telephone exchange) used by Sonu Jalan for running IPL betting racket. During interrogation earlier today, actor #ArbaazKhan accepted that he had placed bets in IPL matches last year&had lost Rs 2.75 crore pic.twitter.com/glRYs9qvrz
— ANI (@ANI) June 2, 2018
ތަހުގީގަށް އަރްބާޒު ހާޒިރު ކުރި ދުވަހު ވީޑިއޯ ޖާނަލިސްޓަކުވަނީ މީޑިއާގެ ގިނަބަޔަކު އެތަނުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ އިންސްޓެގްރާމުގައި ޝެއަރކޮށްފައެވެ.