މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު އެމީހުންގެ ހައްގެއް ނެތް: ފައްޔާޒު

ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު މަސައްކަތްތެރިންގެ ހައްގެއް ރާއްޖޭގައި ނެތްކަމަށް ގަމުދާއިރާގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންގެ ޚިދުމަތް ފާހަގަކޮށް އެމީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރު ކުރުމުގެ ދުވަސް ކަމަށެވެ. ނުވަތަ އެމީހުންނަށް ލިބެންވާ ހައްގުތައް ލިބޭތޯ ބަލައި ނުލިބޭކަމަށްވާނަމަ ލިއްބައިދޭންޖެހޭ ދުވަސް ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުންވަނީ މަސައްކަތްތެރިންގެ އިތުރަށް އެންމެންގެ ހައްގުތައް ނިގުޅައިގެންފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތްތެރިންގެ ހައްގެއްގެ ވާހަކައެއް ދައްކާނެ ކަމެއްނެތް، އާންމު ރައްޔިތެއްގެ ހައްގެއްވެސްނެތް، ވިޔަފާރިވެރިއެއްގެ ހައްގެއްވެސްނެތް. ހައްގު މިހާރުއޮތީ ހަމައެކަނި ރައީސް ޔާމީން ބޭނުންފުޅުވާ ވަގުތެއްގައި ބޭނުންފުޅުވާ މީހަކަށް ޔާމީން ބޭނުންފުޅުވާ ހައްގެއް. އެހެންވީމާ ވަކި މަސައްކަތްތެރިންގެ ހައްގެއް އާންމު ރައްޔިތުންގެ ހައްގެއް އަންހެނެއްގެ ހައްގެއް ފިރިހެނެއްގެ ހައްގެ ކުޑަކުއްޖެއްގެ ހައްގެއް ވިޔަފާރިވެރިއެއްގެ ހައްގެއް މިއިން އެއްވެސް ހައްގެއް ދިވެހިރާއްޖޭގައި ކަށަވަރު ކުރެވިފައެއްނެތް އަދިއެއް. ކަށަވަރު ކުރުމުގެ އިތުރަށް އާންމު އުސޫލުން އެހުރިހާ ހައްގެއްވަނީ ނިގުޅައިގެންފައި،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރެވޭ ފެހި ގާނޫނޫއަސާސީއޭ މިކިޔާ ގާނޫނު އަސާސީ ނެތް ކަމަށެވެ. ފެހި ގާނޫނު އަސާސީއާ ޚިލާފަށް، އޭގައިހުރި ހުރިހާ އަސާސީ ކަންކަމާއި ޑިމޮކްރަޓިކް އުސޫލްތަކާއި ހުރިހާއެއްޗެއް، ނެތް އެއްޗަކަށް ހަދާފައި ރައީސް ޔާމީން ވެރިކަން ކުރައްވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ސަރުކާރު ހިންގަވަމުން ގެންދަވަނީ ތަންތަނަށް ބިރު ދައްކައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއީ އެއްވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

"މިހުރިހާ ކަމަކަށް ބަލާއިރު މަސައްކަތްރިންނަށް ހައްގެއްނެތް. މިއީ ހަގީގަތަކީ" ފައްޔާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.