ހެއްވާ: ވަގުތުބަލާ ލޯގަނޑު

އަޙްމަދު އައު ގެއަކަށް ބަދަލު ވެއްޖެއެވެ. މާލޭގައި ދިރިއުޅެން ފެށީއްސުރެ އޭނާގެ އެންމެ ބޮޑު އުއްމީދަކަށް އޮތީ މާލޭގައި އަމިއްލަ ގެއެއް އެޅުމެވެ. އޭނާގެ އުއްމީދު ފުރިހަމަވީ ފަންސަވީސް އަހަރުންނެވެ. އޭނާ މާލެ އައި އިރު މާލެއިން ދެ ހާހެއްހައި ރުފިޔާއަށް ބިމެއް ލިބެއެވެ. އެހެން ނަމަވެސް އޭރު އޭނާގެ އަތަކު ފައިސާއެއް ނެތެވެ. އެއީ މިހާރު ކުޑަ ޢަދަދަކަށް ވީ ނަމަވެސް އޭރު ކުޑަ ޢަދަދެއް ނޫނެވެ.

އަޙްމަދުގެ ގޭގެ ވަށައިގެން ހުންނަނީ ހައްތަހާވެސް ގޭގެއެވެ. އޭނާގެ ގޭގެ ތިން ފާރަކީ ތިން ގެއެއްގެ އިން ފާރެވެ. ކުރިމައްޗަށް އޮންނަނީ މަގެކެވެ. ގޭގެ މައި ދޮރު ހުޅުވައިލުމާއެކު ވަދެވެނީ ގޭގެ ބޮޑު ކޮޓަރިއަށެވެ. ބޮޑު ކޮޓަރިއަކީވެސް، ބަދިގެއަކީވެސް އެއީއެވެ. ތަނުގެ ދަތި ކަމާ ހުރެ އެހެން ހަދަން ޖެހުނީމާ އެންމެންވެސް ބުނަނީ އެއީ އެންމެ މި ޒަމާނުގެ ގޮތް ކަމަށެވެ. އެހެންވީމާ އަޙްމަދުވެސް ބުނަނީ އެހެންނެވެ.

ގޭގައި ހުންނަނީ ތިން ކޮޓަރިއެވެ. ކޮޓަރިއެއްގެ ބޮޑު މިނަކީ ދިހަ ފޫޓު ހަ ފޫޓެވެ. ހެޔޮވަރުގެ އެނދެއް ބަހައްޓާފައި ދެން އެހެން އެއްޗެއް ވެއްދޭނޭ ޖާގައެއް ނުހުރެއެވެ. އެހެން ނަމަވެސް އަޙްމަދު ހުރީ ހިތް ހަމަ ޖެހިފައެވެ. ކޮންމެ ގޮތެއް ވިޔަސް އަމިއްލަ ގެއެއް ވާނީ އަމިއްލަ ގެއަކަށެވެ. ކުލި ބަލައެއް މީހަކު ނާންނާނެއެވެ. ގެއިން ނުކުންނާން ޖެހެނީ ކޮން އިރަކުކަން ނޭނގި، ފިކުރު ބޮޑު ވެފައި ހުންނާކަށް ނުޖެހޭނެއެވެ. މި ޒަމާނުގައި އަމިއްލަ ގެއެއް ހުރުމުގެ އެންމެ ބޮޑު އެއް ފައިދާ އަކީ އެއީއެވެ.

އަޙްމަދު ގެއަށް ބަދަލުވީ ރޯދަ މަހުއެވެ. އޭނާގެ ރަށުގެ އާދަ ކާދަ އޮންނަ ގޮތުން އައު ގެއަކަށް ބަދަލު ވުމަކީ ވަރަށް ބޮޑު ރަސްމިއްޔާތެއް އޮންނަ ކަމެކެވެ. އެކަމަކު އަޙްމަދަކަށް އެ ރަސްމިއްޔާތު ބާއްވާކަށް ނުކެރުނެވެ. އެއް ސަބަބަކީ މީހުން ކުރާނޭ މަލާމާތެވެ. ރާއްޖެތެރޭގެ މީހުންގެ ކަޓު ކަމެއް ދުވަހަކުވެސް ނުކެނޑޭނެއޭ ކިޔައިގެން މަލާމާތް ކުރާނޭކަން އެނގޭތީއެވެ. އެ ކަމަކީ ރަށުގެ އާދަ ކާދައިގެ ތެރޭގައި އޮންނަ ކަމަކަށް ވިޔަސް އެއީ ތާނކުން ތާނކު ނުޖެހޭ ކަމެއް ކަމަށް ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ. ރަސްމިއްޔާތު ނުބޭއްވި ސަބަބު ތަކުގެ ތެރޭގައި އެ ސަބަބުވެސް ހިމެނެއެވެ.

ރަސްމިއްޔާތެއް ނުބޭއްވިޔަސް ރައްޓެހިންނަށް ގެ ދައްކައިނުލައެއް އަޙްމަދުގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެންވީމާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޖަމީލު އެއް ރެއަކު ހާރުކާން ގެއަށް ގެނެސްފިއެވެ. އެއީވެސް އެހެން މީހުންނާ ތަފާތު ވެލުމުގެ ގޮތުން ކުރި ކަމެކެވެ. އެހެން މީހުން މީހުންނަށް ދަޢުވަތު ދެނީ ރޯދަ ވީއްލަން ނުވަތަ ތަރާވީސް ދަމަށެވެ. އޭނާ މި ދަޢުވަތު ދިނީ ހާރު ކާށެވެ.

ގޭތެރޭގެ އެކި ތަންތަން ބަލަމުން ގޮސް ޖަމީލުގެ ލޮލުގައި އަޅައިގަތީ ބޮޑު ކޮޓަރި ތެރޭގައި އެލުވާފައި އޮތް ލޯގަނޑެކެވެ. ކޮލިލާ އިރު ޖަހާ ކަހަލަ ލޯގަނޑެކެވެ. ޖަމީލު އަހައިލިއެވެ. "މިއީ ކޮން އެއްޗެއް-؟"

އަޙްމަދު ބުންޏެވެ. "ތިޔައީ އަހަރެންގެ ވަގުތު ބަލާ ލޯ ގަނޑު- ތިޔަ ލޯގަނޑުން ވަގުތު ބުނެ ދޭނެ- ބުނެ ދޭނީވެސް ހަމަ ސީދާ ދިވެހި ބަހުން-"

މިހެން ބުނެފައި އޭނާ ގޮސް އެއް ފަރާތު ކަނެއްގައި ބާއްވާފައި އޮތް މުގުރެއް ހިފައިގެން އައިސް އެ ލޯގަނޑުގައި ވަރަށް ބާރަށް ޖަހައިފިއެވެ. ޖަމީލުގެ ކަންފަތްވެސް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ލޯގަނޑުގައި ޖަހައިލުމާއެކު ޖެހިގެން ހުރި ގެއިން ގޮވައިލި އަޑު އިވުނެވެ.

"ކިހައި ބޮޑު ނުފޮރުއްޕާނެއް- މިހާރު އެހެރަގެން މެންދަމުން އަލިވެ ދޭއް ޖެހީ-!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.