ރޯދަމަޖާ: ދަރިފުޅަށް ނަޞީބު ފެނުނު ގޮތް

އަޙްމަދަކީ ކޮންމެވެސް ވަރަކަށް ވަޑާންކޮށްއުޅޭ މީހެކެވެ. އޭރު އަޙްމަދު އޮފީހުން އައިސް ކުރާ މަސައްކަތަކީ ، އޭނާ ހަދަމުންގެންދާ 8 ބުރީގެ ގެ އެކި ގްރޫޕްތައް ގެނެސް ނިންމުމުގެ މަސައްކަތެވެ. ކޮންމެ ދުވަހަކުވެސް ، އޮފީސް ނިންމާފަ އައިސް ސޯޓުބުރިލައިގެން ، ކުރަންވެފައި އޮތް ، ގޭގެ ކޮންމެވެސް ކަމެއް ކޮށްލައެވެ.

ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިން ، އަޙްމަދު އޮފީހުން އައިސް ، އަވަސްވެގަތީ ކުރީދުވަހު ސީލިންކުރަންފަށައި  ނުނިމިހުރި ބައި ނިންމައި ލުމުގެ މަސައްކަތަށެވެ. ހަރުގަނޑެއް ހިފައިގެން އައިސް ، އެއަށް އަރައި ސީލިންގ ތޮރުފާލަން އުޅުނެވެ. ބުރުމާގެ ކަށި އެހައި ތޫނެއްނޫނެވެ. އެހެންނަމަވެސް ، އެވަގުތު އެހެން ކައްޓެއް ހޯދަން ބޭރަށް ނުކުމެގެން ދާކަށް އަޙްމަދު ބޭނުމެއް ނުވިއެވެ.

ކަށި ކޮށިކަމުން އަތަށް ލެވުނުބާރެއްލާފައި ބުރުމާ ހިންގާލިތަނުން ބިންދައިގެން  އެދިޔައީ ކަށްޓެވެ. ހަމައެކަނި ކަށި ބިންދައިގެން ދިޔައީކީ ނޫނެވެ. އަޙްމަދުވެސް ، އަރާހުރި ހަރުގަނޑުން ސީޓުމައްޗަށް ވެއްޓުނެވެ. ހަރުގަނޑުން ވެއްޓުނު ގޮތުން ސީޓުގައި ވިދުނީ އޭނާގެ ކަނާތު ފަޔެވެ. އެފަޔަކީ ، ކުޑައިރު ބޯޅޅަކުޅެން އުޅެނިކޮށްވެސް އަނިޔާ ލިބިފައި އޮތް ފަޔެކެވެ. ކަކުހުޅަށް ދޭތެރެ ދޭތެރެއިން ތަދުވާތީ އުޅެއެވެ. އެހެންކަމުން ، އެކަކުލަށް އެވީތަދަކުން އަޙްމަދުގެ ހޭނުނެތުނީ ކިރިޔާއެވެ. ވީތަދުބޮޑުކަމުން އަޙްމަދަށް ތެދުވެވޭގޮތެއްވެސް ނުވިއެވެ. ބާރަކަށް ރޮޔެއްވެސް ނުގަނެވުނެވެ. ކުކުރާލަ ކުކުރާލަ އޮތީއެވެ. އެއީ އެގޭގެ 6 ވަނަ ފްލޯރ އެވެ.

އަޙްމަދު އެހެން އޮއްވައި ، މައްޗަށް ދިޔަ ކުއްޖަކަށް މީހަކު ކުކުރާ އަޑުކަހަލަ އަޑެއް އިވިގެން 6 ވަނަ ފްލޯރ ގެ އެތެރެޔަށް ބޯދިއްކޮށްލިއެވެ. ރާނާފައި ހުއްޓަސް އަދި ހުރީ ދޮރު ހަރުނުކޮށެވެ. އެހެންކަމުން ، ކުކުރާލަ ކުކުރާލަ އޮތް އަޙްމަދު ، ދާދި ފަސޭހައިން އެކުއްޖާއަށް ފެނުނެވެ. އަޙްމަދު ދިރިއުޅެނީ އެގޭގެ 7 ވަނަ ފްލޯ ހަދައިގެން އެބައިގައެވެ. އެއީ ޓެރަސް ފްލޯރވެސް މެއެވެ.

މައްޗަށްދާން އެރި ކުއްޖާއަށް އަޙްމަދު ވެއްޓިފައޮތްތަން ފެނިފައި ، އެހެން ކުއްޖަކަށް ފޯނުކޮށްގެން ގެނެސް ، 6 ވަނަ ފްލޯރއަށް އަޙްމަދު ގެންދިއުމުގެ މަސައްކަތް ފެށިއެވެ. އަތުލަފިކޮށްގެން ، ނަގައިގަނެގެން ގެންގޮސް 6 ވަނަ ފްލޯރއާ ހިސާބަށް އެރުނުއިރު ، އަޙްމަދުގެ އަންހެނުންނަށްވެސް މިޚަބަރު އޮތީ ލިބިފައެވެ. އެހެންނަމަވެސް ކޮޓަރިތެރޭ ކަމެއްކުރަން އުޅޭތީ ، އަޙްމަދު ގެނައި އިރު ނުކުމެވޭ ގޮތެއް ނުވިއެވެ.

6 ވަނަ ފްލޯރ އަށް އަޙްމަދު ގެނައިތަނުން އެންމެ ފުރަތަމަ ދިމާވީ އޭނާގެ ފިރިހެން ދަރިފުޅާއެވެ. ބައްޕަ ރޯން އޮތްތަން ބަލައިލާފަ ، ދުވެފަގޮސް ، މަންމަގާތު އޭނާ ބުންޏެވެ.

" ނަޞީބަކުން ، ބައްޕަ އަދި މަރެއް ނުވެއެވެ. "

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.