މައްސަލަ އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގައި އެގައުމުގެ ސިފައިންގެ މީހަކަށް ހާނީއްކަ ވެއްެޖެނަމަ ހަނގުރާމައަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސު ރޮޑްރިގޯ ޑުޓެރްޓޭ ދެއްވައިފިއެވެ. އޭނާ މި އިންޒާރު ދެއްވީ ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ތިބި ފިލިޕީންސް ސިފައިންނަށް ދުއްތުރާ ކުރަމުންދާ ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.
ރައީސު ޑުޓެރްޓޭގެ ފަރާތްޕުޅުން ފިލިޕީންސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ހެރްމޯޖެންސް އެސްޕެރޯން މިއިންޒާރު ދެއްވީ ސަރަހައްދުގެ އެތައް ގައުމަކުން އެތަނުގެ މިލްކުވެރިކަމާމެދު ދައުވާކުރާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަމަލުތަކަށް ފިލިޕީންސް ރައްދުދެނީ މާ ފިނިކޮށް ކަމުގެ ޝަކުވާތައް ލިބެމުން ދަނިކޮށެވެ.
"އިހަށްރޭ ރައީސު ވިދާޅުވި އަހަރުމެންގެ ސިފައިންނަށް ހާނީއްކަ ވެއްޖެެއްޔާ އެއީ ތިމަންމަނިކުފާނުގެ ރަތް ރޮނގު ހުރަސްކުރެވުނީއޭ" ރިޕޯޓަރުންނާ ވާހަަކަފުުޅުދައްކަވަމުން އެސްޕެރޯން ވިދާާާާާާާާާާޅުވިއެވެ.
"ނުވަތަ ޕަގް-އަސާ ރަށުގައި އަހަރުމެންގެ މީހުންނަށް ހާނިއްކަ ކޮށްފިއްޔާ ހަނގުރާމަކުރާނަމޭ އަހަރުމެން ނުބުނަން. އެހެންނަމަވެސް އެމީހުން (ޗައިނާ) އަަހަރުމެންނަށް ދުއްތުރާކޮށް އަަތްގަދަކުރަން މަސައްކަތްކޮށްފިއްޔާ، އަަަހަރުމެންނަށް އަތް އުފުލަން މަޖުބޫރުވެދާނެ. އެއީ އަހަރުމެންެގެ މަައްޗަށް އަތްގަަދަކުރުމަކީ އަހަރުމެން ހުއްދަދޭނެ ކަމެއް ނޫން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޕަގް-އަސާ، ނުވަތަ މަޝްހޫރު ނަމުންނަމަ ތިޓޫ، އަކީ އެ ސަރަހައްދުގެ އެންމެ ބޮޑު ރަށެވެ. އެރަށުގައި ފިލިޕީންސް ސިފައިން މަރުކަޒުކުރެވިފައި ތިބެއެވެ.
ބުދަ ދުވަހު ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު މެންބަރު ގެރީ އެލެހާނޫ ވަނީ މިމަހުގެ ކުރީކޮޅު ޗައިނާގެ ހެލިކޮޕްޓަރަކުން އެ ސަރަހައްދުގައި ފިލިޕީންސުން ކޮންޓުރޯލުކުރާ އެހެން ސަރަހައްދެއްކަމުގައިވާ ތޯމަސް ތިލައިގައި ތިބި ފިލިޕީންސް ސިފައިންނަށް ދުއްތުރާ ކޮށްފައިވާ ކަމުގެ ޝަކުވާކުރައްވާފައެވެ.
އަހަރަކު 5 ޓްރިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެކަނޑު ހުރަސްކޮށް ދަތުރުކުރާ ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބަޔަށް ދައުވާކުރަނީ ޗައިނާއިންނެވެ. އަދި ފަހަކަށް އައިސް އެގައުމުން ވަނީ އެކަނޑުގެ ގިނަ ފަރުތަކަކާއި ތިލަތަކެއްގެ މައްޗަށް އަތްގަދަކޮށްފައެވެ. އޭގެ ތެރޭގައި ފިލިޕީންސުން މިލްކުވެރިކަމަށް ދައުވާކުރާ ތަންތަންވެސް ހިމެނެއެވެ. ޗައިނާއާއި ފިލިޕީންސްގެ އިތުރަށް ބުރުނާއީ، މެލޭޝިޔާ، ވިއެޓްނާމް އަދި ތައިވާނުންވެސް އެ ކަނޑުގެ ސަރަހައްދުތަކަށް ދައުވާކުރެއެވެ.
މިމަހުގެ ކުރީކޮޅު ޗައިނާއިން ވަނީ އެކަނޑުގައި އޮންނަ، މިލްކުވެރިކަމާމެދު މައްސަލަ އުފެދިފައިވާ ސްޕްރެޓްލީ އައިލޭންޑްސްގައި ބޯޓު ފަހަރަށް އަމާޒުކުރެވޭ ކްރޫޒް މިސައިލާއި، މައްޗަށް ފޮނުވާލެވޭ މިސައިލް ބަހައްޓާފައެވެ.