ރޯދައިގެ ފިލާވަޅު 15: ރަމަޟާން މަހަކީ ޤުރްއާނުގެ މައްސަރު

عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم أَجْوَدَ النَّاسِ، وَأَجْوَدُ مَا يَكُونُ فِي رَمَضَانَ، حِينَ يَلْقَاهُ جِبْرِيلُ، وَكَانَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ الْقُرْآنَ فَلَرَسُولُ اللَّهِ صلى الله عليه وسلم أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ‏. (صحيح البخاري، كتاب المناقب، باب صفة النبي صلى الله عليه وسلم)

ޢަބްދުﷲ ބްނު ޢައްބާސް رضى الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެެވެ. ނަބިއްޔާ صلى الله عليه وسلم އަކީ މީސްތަކުންކުރެ އެންމެ ދީލަތި ކަލޭގެފާނެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތީ ރަމަޟާން މަހުގައެެވެ. އެއީ ޖިިބްރީލު عَلَيْهِ السَّلاَمُ އެކަލޭފާނާއި ބައްދަލުކުރައްވަން ވަޑައިގަންނަވާ ހިނދުގައެވެ. ޖިބްރީލު عَلَيْهِ السَّلاَمُ ރަމަޟާންމަހުގެ ކޮންމެ ރެއަކު ރަސޫލުﷲ صلى الله عليه وسلم އާ ބައްދަލުކުރައްވައި، އެކަލޭގެފާނާއެކު ޤުރްއާން ދިރާސާކުރައްވައި މުރާޖަޢާކުރައްވައެވެ. ފަހެ، ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ބާރު ވަޔަށްވުރެވެސް ދީލަތިކަން ބޮޑެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 3554)

ރަމަޟާން މަހަކީ ޤުރްއާނުގެ މައްސަަރެވެ. އެ މަހާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވަނީ ﴿ شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ ﴾ [البقرة: 185] (ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވުނު މަހެވެ.) އައްލައުޙުލް މަޙްފޫޘުން ބައިތުލްޢިއްޒާއަށް ޤުރްއާން ބާވައިލައްވާފައި ވަނީ ލައިތުލް ޤަދްރި ވިލޭރޭގައި ކަމަށް އިބްނު ޢައްބާސްް رضى الله عنه ގެ އިރިހުން ރިވާވެގެން ވެއެވެ. އަދި ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވީ ރަމަޟާން މަހެއްގެ 17 ވިލޭރޭގައެވެ. އެހެންކަމުން ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވުނީވެސް، އަދި އެއުޑުން ރަސޫލުﷲ صلى الله عليه وسلم ގެ މައްޗަށް ބާވައިލައްވަން ފައްޓަވާފައި ވަނީވެސް ރަމަޟާން މަހެއްގައެެވެ.

އަދި މި ޙަދީޘުން ސާބިތުވާ ގޮތުގައި ރަސޫލުﷲ صلى الله عليه وسلم އަށް ކޮންމެ އަހަރަކު ޤުރްއާން މުރާޖަޢާކޮށްދެއްވަނީ ވެސް ރަމަޟާން މަހުގައެވެ.

އިސްވެެދިޔަ ސަބަބުތަކަށްޓަކައިވެސް ރަމަޟާންމަހުގައި ކުރެވޭ އެންމެ މަތިވެރި އަޅުކަމުގެ ގޮތުގައި ޤުރްއާން ކިޔެވުން ހިމެނިގެންދާނެކަން ކަށަވަރެވެ. ކީރިތި ޤުރްއާން ކިޔެވުމުން ކޮންމެ އަކުރަކަށް ދަރުމައެއް ލިބޭއިރު ކޮންމެ ދަރުމައެެއް ރަމަޟާންމަހު 70 ގުނައަށް އިތުރުވެގެން ދެއެވެ. އެހެންކަމުން ރަމަޟާން މަހުގައި އެެއް ފަަހަރު ޤުރްއާން ޚަތިމުކުރުމުން އެހެން ދުވަސްތަކުގައި 70 ފަހަރު ޚަތިމުކުރުމުގެ ދަރުމަ ލިބިގެން ދާނެއެވެ.

މިކަމަށްޓަކައި ރަސޫލުﷲ صلى الله عليه وسلم ރަމަޟާންމަހުގެ ގިނައިން ޤުރްއާން ކިޔަވައި ވިދާޅުވެއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި، ތާބިޢީ ބޭކަލުންނާއި ސަލަފުއްޞާލިޙުން ކޮންމެ ރަމަޟާންމަހަކު ޤުރްއާން އެތައް ފަހަރަކު ޚަތިމުކުރެއްވުމަށް ސަމާލުކަން ދެއްވާފައި ވެއެވެ. އެހެންކަމުން، ރަމަޟާން މަހު މަދުވެގެން އެއް ޚަތިމު ކުރެވޭތޯ ކޮންމެ މީހަކުވެސް ބަލަން ޖެހެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.