މައުމޫނުގެ ވަކީލުން މިރޭގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރެއްނުވި

ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ކަމުގެ ތުހުމަތުގައި ބާއްވަން މިރޭ ތާވަލް ކުރި ޝަރީއަތުގެ މަޖިލީހަށް ރައީސް މައުމޫންގެ ވަކީލުން ހާޒިރުވެވަޑައިގަންނަވަން ދެކޮޅު ހައްދަވައިފިއެވެ.

މިރޭ އޮތް ޝަރީއަތުގެ މަޖިލީހަށް ވަޑައިނުގެންނެވި ސަބަބެއް ކަމަށް ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫންގެ ކޮއްކޯފުޅެއް ކަމަށްވާ މައުމޫން ޙަމީދު ވިދާޅުވީ ރައީސް މައުމޫނުގެ ސިއްޙީ ޙާލުކޮޅު މިވަގުތު ހުރިގޮތުން މިރޭ ބާއްވަން އޮތް ޝަރީއަތް ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގެންފައި ވީނަމަވެސް އެކަމަށް ބެލުމެއް ނެތި ޝަރީއަތް ކުރިޔަށް ގެންދަން ނިންމެވުމެވެ. މައުމޫންގެ ބަޔެއް ޝަރީއަތްތައް މީގެކުރިން ވަނީ ސިއްޙީ ޙާލުކޮޅު ހުރިގޮތުން ކެންސަލް ކޮށްފައެވެ.

ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ ބައްޔަކީ ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ކިޔާ ބައްޔެކެވެ. މިއީ ބޮލަށް އެނބުރުން އަރާ ބައްޔެކެވެ. މިބަލީގެ ސަބަބުން ބޮލަށް އެނބުރުން އެރުމާއެކު ވެއްޓުމުގެ ފުރުޞަތުވެސް އޮވެއެވެ.

މިރޭ އޮތް ރައީސް މައުމޫނުގެ ޝަރީއަތަށް ވަކީލުން ހާޒިރު ނުވިނަމަވެސް ފުލުހުންނަށް ފޯނު ދިނުމަށް އިންކާރު ކުރެއްވި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް އުފުލާފައިވާ ޝަރީއަތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.