މާލީގެ 'ސްޕައިޑާ މޭން' އަށް ފްރާންސުގެ ރައްޔިތަކަށް ވުމުގެ ފުރުސަތު ދީފި

މާލީގެ މަމޫދޫ ގައްސާމޫއާ ފްރާންސްގެ ރައީސު އިމާނުއެލް މެކްރޯން ބައްދަލުކުރައްވަނީ

މަމޫދޫ ގައްސާމޫ އަކީ ފްރާންސަށް ގަވާއިދާއި ޚިލާފަށް ވަދެފައި ހުރި މީހެކެވެ. އޭނާ ބޭނުންވާނީ މީހުންގެ ލޯމަތިން ދުރުގައި އުޅޭށެވެ. އެހެންނަމަވެސް، އުތުރު ޕެރިހުގައި ހުރި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގެ ބެންކަނީން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު އެލިފައި އޮތްތައް ފެނުމުން، އެކުއްޖާ ސަލާމަތްކުރަންޖެހޭ ކަމަށް އޭނާ ވިސްނިއެވެ.
އޭނާ ހިފިއްޖެ ނަމަ އޭނާ ހައްޔަރުކޮށް، އޭނާގެ ގައުމު މާލީއަށް އަބުރައި ފޮނުވާލާނެކަމަށް އޭނާ ފަޅި ސިކުންތަކަށްވެސް ޚިޔާލުނުކުރިއެވެ.
އޭނާ އާދަޔާއި ޚިލާފު ހަކަތައާއި ހިތްވަރެއް ދައްކައި، ބެލްކަނީއަކަށް ފަހު ބެލްކަނީއެއް ގިރާ ކުރަމުންގޮސް ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގައި އެލިފައި އޮތް ކުއްޖާ ނަގައި ސަލާމަތްކުރިއެވެ. އެކަމުގެ ސަބަބުން 22 އަހަރުގެ އެ ޒުވާނާއަށްވަނީ 'ސްޕައިޑާ މޭން' ގެ ލަގަބު ލިބިފައެވެ.
އޭނާ ކުއްޖާ ސަލާމަތްކުރި މަންޒަރުތައް ސޯޝަލް މީޑިޔާގައި އެނބުރެން ފެށުމާއެކު ފްރާންސް އިސް މަސްއޫލުވެރިންގެ ސަމާލުކަމަށް އޭނާ އައެވެ.
އިއްޔެ ރައީސު އިމާނުއެލް މެކްރޯން ވަނީ ރިޔާސީ ގަނޑުވަރުގައި އޭނާއާ ބައްދަލުކުރައްވައި އޭނާ އަށް ފްރާންސްގެ ރައްޔިތަކަށް ވުމުގެ ފުރުސަތު ދެއްވާފައެވެ. އަދި އިމަންޖެންސީ ސާވިސަސްގެ ވަޒީފާއެއްވެސް އޭނާއަށް ހުށަހަޅުއްވާފައެވެ.
"ސާބަސް"! ރައީސު މެކްރޯން އޭނާއަށް ވިދާޅުވިއެވެ. "ތިޔަކުރީ އާދަޔާއި ޚިލާފު މަސައްކަތަކަށްވާތީ ..... އަހަރުމެން މިއުޅެނީ ތިބާގެ ލިޔެކިއުންތައް ގަވާއިދަށް ފައްތަން" މެކްރޯން ވިދާޅުވިއެވެ. "އަދި ތިބާ ބޭނުމިއްޔާ ރަށްވެއްސަކަށް ހެދުމުގެ މަސައްކަތް ކުރިއަށްގޮސް ތިބާއީ ފްރާންސްގެ ރައްޔިތަކަށް ހަދައިދޭނަން"
"އަހަރެން އެގޮތަށް އަމަލުކުރީ އެއީ ކުޑަކުއްޖަކަށް ވާތީ" ލެ ޕެރީސިއަން ނޫހަށް ދިން ބަސްދީގަތުމެއްގައި މަމޫދޫ ގައްސާމޫ ބުންޏެވެ. "އަހަރެން މައްޗަށް އަރަމުން ދިޔައީ. އަހަރެންނަށް އޭނާ ސަލަމާތްކުރެވުނީތީ ކަލާނގެއަށް ޝުކުރު ދަންނަވަން" އޭނާ ބުންޏެވެ.
ގައްސާމޫ މަގުން ހިނގާފައި ދަނިކޮށް މާގިނަ ބަޔަކު އެއްވެ، ދުއްވާ އެއްޗެތީގެ ބަރުގޮނުގެ އަޑު ގަދަވެގެން އުޅޭތީ ބަލާލެވުނު އިރު އޭނާއަށް އެ ކުއްޖާ ފެނުނީކަމަށާއި، އޭނާ އެ ވަގުތު ދުވެފައި ގޮސް ކުއްޖާ ސަލާމަތްކުރަން އެރީކަމަށް ލެ ޕެރިސިއަން ނޫހުގައި ވެއެވެ.
ރައީސު އިމާނުއެލް މެކްރޯން ވަނީ މަމޫދޫ ގައްސާމޫ އަށް ހިތްވަރުގަދަކަމުގެ ސެޓްފިކެޓެއް ދެއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.