ހެއްވާ: ސޯދުގެ ކޮނޑުހުޅު

ސޯދަކީ އަޅުގަނޑުގެ ދިވެހި މުދައްރިސެވެ. ސޯދު ފިޔަވައި ދިވެހިބަހުގެ އެއްވެސް ހަމައެއް، ލިޔުމުގެ އެއްވެސް އުސޫލެއް އަޅުގަނޑަށް ކިޔައިދިން އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންވީމާ އަޅުގަނޑުގެ ދިވެހި މުދައްރިސަކީ ހަމައެކަނި ސޯދެވެ. ސޯދޭ މި ދަންނަވަނީ މުލީ ޢަބްދުﷲ ޞާދިޤުގެ ވާހަކައެވެ.

ސޯދަކީ ސަމާސާ އަދަބުގައި ވަރަށް ކުރީގައި އުޅުއްވާ ބޭކަލެކެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި އޭނާ ލިޔުއްވާ ސީރިއަސް ލިޔުންތަކުގައި ވެސް ކޮންމެވެސް ވަރަކަށް ހެއްވާ ގޮތް ހުރެއެވެ. އޭނާގެ ވާހަކައިގައިވެސް ހަމަ އެ ހެއްވާ އަސަރު ހުރެއެވެ. އެއީވެސް ގުދުރަތުން ބައެއް މީހުންނަށް ދެއްވާ ހުނަރެކެވެ.

އެއް ދުވަހަކު ސޯދާ ބައްދަލު ކޮށްލާން އަޅުގަނޑު ޤައުމީ މަރުކަޒަށް ހިނގައްޖައީމެވެ. އަޅުގަނޑު ވަން އިރު އޭނާގެ އަރިހުގައި އެހެން ބޭކަލަކުވެސް އިންނެވިއެވެ. އެއީ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ ޔޫސުފް ޢަލިފުޅެވެ. އަޅުގަނޑު ވަނީމާ ސޯދު ފެއްޓެވީ އޭގެ ހަފްތާއެއްހައި ދުވަސް ކުރީން ދިމާވީ ހާދިސާއެއްގެ ވާހަކައެވެ.

"މި ދިޔަ ހަފްތާގެ ތެރޭގައި އެއް ދުވަހަކު އަހަރެން ފާޚާނާ ތެރެއަށް ވެއްޓުނީ-" ސޯދު ވާހަކަ ފެއްޓެވިއެވެ. "ވެއްޓުނީއޭ ބުންޏަސް މުޅިއަކުން އެހެންނެއް ނޫން- އިނދަޖެހުނީ- އިނދަޖެހިފައި ކޮނޑަށް ވަރަށް ތޫނު ތަދެއް ވަދެއްޖެ- އެ ވަން ތަދު ނުފިލައިގެން އަހަރެން ޑަކްޓަރަށް ދައްކާން ހިނގައްޖައިން- ޑަކްޓަރު ބަލާފައި ބުނީ ޖެހުނު ތަނަކަށް އެއްވެސް ގެއްލުމެއް ވެފައެއް ނެތޭ-"

އަޅުގަނޑު ވާހަކައިގައި ބައިވެރި ވުމުގެ ގޮތުން ނަންގަނެލީމެވެ. "ތަދެއް އެރީ ކޮނޑަށޭ ދެންމެ ބުނުއްވީމެއް ނޫންތޯ-؟ އިނދަ ޖެހޭ އިރު ޖެހޭނީ ފިނދުމަސްގަނޑެއް ނޫންތޯ-؟ އެހެންވީމާ ޑަކްޓަރުގެ ވާހަކަ ރަނގަޅު-"

ސޞޯދު ބުނުއްވިއެވެ. "އާނ- ޑަކްޓަރުގެ ވާހަކަ ރަނގަޅު- އަހަރެންވެސް އޭނާގެ ވާހަކައަށް ތާއީދު ކުރިން- ތާއީދު ނުކޮށެއްވެސް ނުވާނެތާ- އަހަރެން ވެއްޓިގެން ގޮސް ޖެހުނީ ތަޅުންގަނޑު މަތީގައި- އެ ތަނަކަށް ހަމަ އެއްވެސް ކަމެއް ނުވޭ- ވީ ކަމެއް މިވީ އަހަންނަށް-"

ޑަަކްޓަރަށް ދެއްކެވީމާ ވީ ގޮތް ވަރަށް ތަފްޞީލު ކޮށް ސޯދު ކިޔުއްވައި ދެއްވިއެވެ. އޭނާގެ ވާހަކަ ނިންމަވައި ލެއްވީމާ އަޅުގަނޑު ބުނެލީމެވެ. "ވެއްޓިގެން ގޮސް ޖެހުނީ ފިނދުމަސްގަނޑު- އެކަމަކު ތަދު މިވަނީ ކޮނޑަށް- އެއީ ކިހިނެއްވީ ކަމެއްތޯ-؟"

ޞޯދު އިޝާރާތް ކޮށްލެއްވީ ޔޫސުފް ޢަލިފުޅަށެވެ. "ތިޔަ ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގިލައްވާނީ ޔޫސުފްފުޅަށް-"

އަޅުގަނޑު ޔޫސުފް ޢަލިފުޅާ ދިމާއަށް ބަލައިލީމެވެ.

އޭނާ ހިނިތުންވެ ލައްވައިފައި ބުނުއްވިއެވެ. "އެހެރަ ކަންތައްތަކެއް ކަލޭމެން ކުދިންނަކަށް އަދިއެއް ނޭނގޭނެ- އެ ވާ ގޮތް ބުނެދެންތަ-؟ ބަލިވެ، ވެއްޓޭން ގާތް ވެފައި ހުންނަ ފަން ގެއެއްގެ އެއް ކަނުގައި ހިފައި ހަލުވައިލީމާ ވާނީ އެކަހަލަ ގޮތަކަށް- ވާރޭ ވެހެން ފަށާނީ އެ ހަލުވައިލި ދިމާއަކުންނެއް ނޫން- އެންމެ ބޮޑަށް ބާ ވެފައި ހުރި ދިމާއަކުން-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.