ރޯދައިގެ ފިލާވަޅު 9: ރޯދައަށް ހުރެ ދޮގު ހަދައި، ނުބައި ޢަމަލުކުރުމުގެ ނަތީޖާ

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ ‏"‏‏.‏ (صحيح البخاري، كتاب الصوم، باب من لم يدع قول الزور والعمل به في الصوم)
އަބޫހުރައިރާ رضى الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. "ދޮގު، ބާޠިލު ވާހަކަ ދެއްކުމާއި، އެފަދަ ޢަމަލުކުރުން ދޫނުރާ މީހާ އޭނާގެ ކެއުމާއި ދޫކޮށްލާފައި ހުރުމުގެ އެއްވެސް ބޭނުމެއް މާތް ﷲއަށް ނުވެއެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 1903)
އިސްލާމްދީނުގައި ރޯދަ ފަރުޟުކުރެއްވުމުގެ މަތިވެރި މަޤްޞަދު މި ޙަދީޘުން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. އެހެނީ، ރޯދައިގެ ހަގީގީ މަގުސަދަކީ ކެއުމާއި ބުއިން ދޫކޮށްލައި ބަނޑަށް ހުރުމެއް ނޫނެވެ. ރޯދަ ފަރުޟުކުރެވުނީ އެއަށްވުރެ މާ މަތިވެރި މަގްސަދެއްގައެވެ. މާ ބޮޑު ހިކުމަތަކަށްޓަކައެވެ. ރޯދަ ފަރުޟުކުރެއްވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުން އެކަން އެނގެއެވެ. ﴿لَعَلَّكُمْ تَتَّقُونَ ﴾ [البقرة: 183] (ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.) މާތް ﷲއަށް ތަޤްވާވެރި ވެވޭނީ އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ނަހީކުރެއްވި ކަންކަމުން ދުރުހެލިވެގެންނެވެ.
ދޮގު ހެދުމާއި ބާޠިލު ވާހަކަދެއްކުމާއި، އެފަދަ ކަންކަންކުރުމަކީ ޔަޤީނުންވެސް މާތް ﷲއަށް އުރެދުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަންކަމަށް އަރައިގަތުމުން ރޯދައިގެ މަގުސަދު ގެއްލުނީއެވެ. މާތް ﷲއަށް ތަޤްވާވެރި ނުވެވުނީއެވެ. އެފަދަ މީހާ ނުކައި ނުބޮއެ ހުރުން ބޭކާރުކަމަކަށް ވީއެވެ. އޭނާގެ ބަނޑުހައިހޫނުކަމުން އޭނާއަށް ރޯދައިގެ ދަރުމަ ނުލިބޭތީއެވެ.
މި ޙަދީޘުން ލިބޭ އަނެއް ފިލާވަޅަކީ ރޯދައަކީ އިންސާއަށް ފުރިހަމަ ތަރުބިއްޔަތެއް ކަމުގައި ވުމުގެ ފިލާވަޅެވެ. ކާބޯތަކެތިން ދުރުހެލު ހުރުމުން ހަށިގަނޑަށް ކެތްތެރިވުމުގެ ތަރުބިއްޔަތު ލިބޭއިރު، ރޯދަ ފަރުޟުކުރެއްވި އާޔަތުގައި ވާފަދައިން ތަޤުވާވެރިވެ، މި ޙަދީޘުގައިވާ ފަދަ ޢަމަލުތަކުން ދުރުހެލިވުމަކީ ރޫޙަށް ލިބޭ ތަރުބިއްޔަތެކެވެ. އެހެންކަމުން މި ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިގެންފި މީހާ ވެގެންދާނީ ތިމާގެ ނަފުސު ކޮންޓްރޯލުކުރަން އެނގޭ، ނަފުސު އެދޭހާ ގޮތަކަަށް ދީލާނުލާ މީހަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.