
ވ.އަލިމަތާ އިން ފުރައިގެން އެނބޫދޫ ރިސޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ހުންގާނުގެ ހޮޅިއެއް ފަޅައިގެން ދިޔުމުން އެލޯންޗަށް އެހީވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިހާދިސާގައި އެލޯންޗުގެ ހުންގާނުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. މި މައްސަލަ ދިމާވެފައިވަނީ "އެކްސް ސްޕީޑް މެރިން" ނަމަކަށް ކިޔާ ލޯންޗަކަށެވެ. މިހާދިސާ ކުރިމަތިވިއިރު އޭގައި 9 ޓޫރިސްޓުންނާއި، 2 ޑައިވް އިންސްޓަރަކްޓަރުންނާއި 2 ފަޅުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގެ މައުލޫމާތު މިރޭ 19:30 ގައި ލިބުމާއެކު ކޯސްޓްގާޑުގެ ލޯންޗު ފާސްޓަރ އިންޓަރސެޕްޓަރ ކްރާފް ވެލާނާ ވަނީ އެލޯންޗަށް އެހީވުމުގެ މަސައްކަތް ފަށައިފައެވެ.
ކެޕްޓަން އާޒިމް ވިދާޅުވީ ވަރަށް ކަނޑުގަދަ ކަމަށާއި ވެލާނާ ލޯންޗު މިހާރު ގެންދަނީ ހާލުގައި ޖެހިފައިވާ ލޯންޗާ ކައިރި ކުރަމުން ކަމަށެވެ.