عَنْ سَهْلِ بْنِ سَعْدٍ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَدْخُلُونَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ ". (صحيح مسلم، كتاب الصيام، باب فضل الصيام)
ސަހްލު ބްނު ސަޢުދު رضى الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ހަމަކަށަވަރުން ސުވަރުގޭގައި އައްރައްޔާނު އޭ ކިއުނު ދޮރުކޮޅެއް ވެއެވެ. ޤިޔާމަތް ދުވަހު ރޯދަވެރިން ވަންނާނީ އެ ދޮރުކޮޅުންނެވެ. އެބައިމީހުން ފިޔަވައި އެހެން މީހަކު އެބައިމީހުންނާއެކު އެ ދޮރުކޮޅުން ނުވަންނާނެއެވެ. ވަޙީކުރައްވާނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެބައިމީހުން އެ ދޮރުކޮޅުން ވަންނާނެއެވެ. ފަހެ، އެބައިމީހުންގެ އެންމެ ފަހު މީހާ ވަނުމުން އެ ދޮރުކޮޅު ލައްޕަވައިލައްވާނެއެވެ. ދެން އެ ދޮރުކޮޅުން އެއްވެސް މީހަކު ނުވަންނާނެއެވެ. (ޞަޙީޙު މުސްލިމް، ޙަދީޘު: 1152)
އައްރައްޔާނުގެ މާނައަކީ ކަރުހިއްކުން ފިލުވައިދޭ އެެއްޗެވެ. ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅަށް އެ ނަން ދެއްވާފައިވަނީ ދުނިޔޭގައި ރޯދަވެރިން ރޯދައަށް ތިބެނީ ކަރުހިއްކައިގެންފައިވާ ޙާލުގައި ކަަމަށްވާތީ އެކަމުގެ ބަދަލެއްެގެ ގޮތުގައެވެ.
ރަމަޟާން މަަހަކީ އެމައްސަރުގައި މާތް ﷲ ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކެއް ހުޅުއްވައިވައި، ނަރަކައިގެ ހުރިހާ ދޮރުތަކެއް ބަންދުކުރައްވާ މައްސަރެވެ. މިއީ ދުނިޔޭގައި ރޯދަވެރިންނަށް ޓަކައި އެކަލާނގެ ދެއްވާ ޚާއްޞަ ނިޢުމަތެވެ. ދެން ޤިޔާމަތްދުވަހު، އެންމެހާ ޚަލްްްޤުތަކުން މަޙްޝަރުކުރައްވައި، ސުވަރުގެވަންތަވެރިން ސުވަރުގެ ވަންނަ ހިނދު، ރޯދަވެރިންނަށް ވަކިން ގޮވައިލައްވާފައި، އެބައިމީހުން ދުނިޔޭގައި ރޯދައިގެ އަޅުކަމުގައި ތިބި ޙާލަތާގުޅޭ ގޮތުން ނަންދެއްވާފައިވާ ދޮރަކުން ވަނުމުގެ ނިޢުމަތް އެބައިމީހުންނަަށް ދެއްވާނެއެވެ.
މިއީ ޚާލިޞް ނިޔަތަކާއެކު ތެދުވެރިގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފައި، އެހެނިހެެން ގޮތްގޮތުން ފަރުޟުވީ ރޯދަ (ކައްފާރާގެ ރޯދައާއި ނަދުރު ބުނެގެން ހިފާ ރޯދަ ފަދަ ރޯދަތައް) ފުރިހަމައަށް ހިފާ އެންމެންނަށް މާތް ﷲ ދެއްވާ މަތިވެރި ޝަރަފެކެވެ.
މި މަތިވެރި ޝަރަފު ހޯދޭނީ ކެއިން ބުއިން ދޫކޮށްލުމުގެ އިތުރަށް ރޯދައަށް އުނިކަން ލިބޭ އެެންމެހައި ކަންކަމުން ދުރުހެލިވެ ތިބެ ރޯދަ ހިފާ މީހުންނަށެވެ. އައްރައްޔާނު ދޮރުކޮޅުން ސުވަރުގެ ވައްދަވާ މީހުންގެ ތެރެއިން މާތް ﷲ އަޅަމެން ލައްވާށިއެވެ. އާމީން!