
މާލެއާއާއި ބައެއް ރަށްރަށުގައި ޑެންގީއާއި، ވައިރަލް ފީވާއާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިލްތިމާސް ކޮށްފިއެވެ.
ކޮންމެ އަހަރަކު މިދުވަސްވަރަކީ މިފަދަ ބަލިތައް ރާއްޖޭގައި ފެތުރޭ ދުވަސް ވަރެކެވެ. އެހެންކަމުން އެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗުޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބަލި ވެގެން ޑޮކްޓަރަށް ދެއްކުމަށް ނޫންގޮތަކަށް ހޮސްޕިޓަލްތަކަށް ނުގެންދިޔުމަށް ވެސް އެތަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޭޑީކޭއާއި އައިޖީއެމްއެޗުން ބުނެފައިވަނީ އަދި އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކުން ބުނެފައިވަނީ ހުންއައިސްގެން މިދުވަސްވަރު އެ ތަންތަނަށް ދައްކާ ބަލިހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
މިބަލިތަކުން ސަލާމަތްވުމަށް އާންމު ސާފުތާހިރު ކަމަށް ސަމާލުވުމަށާއި މަދިރިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އިލްތިމާސް ކުރެއްވިއެވެ. މަދިރިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވައިކުރަންޖެހެއެވެ. އެކަމަށްޓަކައި މަދިރިގެ ބޭނުންކުރުން، މަދިރި ވަދެފާނެ ދިމަދިމާގައި މަދިރި ދައު ޖެހުން، ހެނދުނާއި ހަވީރު ނުވަތަ މަދިރި ހަފާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލެއްޕުން، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
މަދިރިން ސަލާމަތްވުމަށްޓަކައި ގޯތިތެރޭގައި ހުންނަ ފެންހަރުލާފަދަ ތަކެތި (ހުސް ދަޅާއި ފުޅި، ނާށި ، ޓަޔަރު ފަދަ ތަކެތި) ނައްތާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.