ހެއްވާ: ބިރުވެރި ފިލްމުގެ އަސަރު

ކޮންމެ ހަފްތާއަކު އެއްރޭ ބައިސްކޯފަށް ދިއުމަކީ އަޅުގަނޑުގެ އާދައެކެވެ. އެކަމަކު ބިރުވެރި ފިލްމެއް ބައިސްކޯފު ގެއެއްގައި އަޅުވާފައި ނެތިއްޔާ ދަނީ ދާ ހިތަކުންނެއް ނޫނެވެ. ކޮންމެ ހަފްތާ އަކު ކުރާ ކަމެއް ނުކޮށް ދޫކޮށްލައިފިއްޔާ ސުންޕާ ކަމެއް ލައިގެންފާނެތީ ޖެހިލުން ވަނީއެވެ. ބައިސްކޯފަށް ދިއުމަކީ އަޅުގަނޑުގެ އަންހެނުން މާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އެހެންވީމާ އޭނާ އަޅުގަނޑާ އެކީ ދާކަށް ނޫޅެއެވެ.

އެއް ރެއަކު އަޅުގަނޑު ބިރުވެރި ފިލްމެއް ބަލަން ބައިސްކޯފު ގެއަކަށް ހިނގައްޖައީމެވެ. އެ ރޭ ދައްކަނީ ވަރަށް ބިރުވެރި ފިލްމެކެވެ. ޔޫރަޕްގެ ގިނަ ގައުމު ތަކުގައި ހުކުރު ތޭރައަކަށް ވެއްޖެއްޔާ ބެލެވެނީ ސުންޕާ ރެއަކަށެވެ. އަޅުގަނޑު ބަލަން ދިޔަ ފިލްމަކީ ތޭރަ ހުކުރުވިލޭރެއެއްގައި ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ކުޅެފައި އޮތް ފިލްމެކެވެ.

ފިލްމު ފެށުނީއްސުރެ ނިމެންދެން ހޯލް ތެރެއިން އަޑު ކަނޑައިގެންނެއް ނުދެއެވެ. އަންހެން ކުދިން ހަޅޭއް ލަވާ އަޑާއި، ފިރިހެނުން ހޭނ އަޑު އިވެއެވެ. އަންހެން ކުދިން ހަޅޭއް ލަވަނީ ބިރުންނެވެ. ފިރިހެނުން ހެނީ ބިރު ނުގަންނަ ކަމަށް ހެދޭން ވެގެންނެވެ. އަޅުގަނޑުވެސް ހިމެނެނީ މި ބައިގައެވެ. އެކަމަކު އަޅުގަނޑުވެސް އިނީ ބިރުން ގޮސް އަވަދިވާ ވަރު ވެފައެވެ. ކައިރީގައި އިން މީހާ ނޭވައެއް ލިޔަސް ހީވަނީ ހަންޑިއެއް އައީ ހެންނެވެ. ބިރުވެރި ކަމުގެ ތެރޭގައި ދެ ގަޑި ބައި ހޭދަ ވެގެން ހިނގައްޖެއެވެ.

ފިލްމު ނިމިގެން އެންމެން ނުކުމެއްޖެއެވެ. އަޅުގަނޑުވެސް ގެއަށް ދާން ހިނގައިގެންފީމެވެ. އަޅުގަނޑުގެ ގެ ހުންނަނީ ވަރަށް އަނދިރިކޮށް އޮންނަ ގޯޅިއެއްގައެވެ. އެ ގޯޅީގައި ހޮޅި ބުރިއެއް އޮވެއެވެ. އެކަމަކު އެއް ދުވަހު ދިއްލުނިއްޔާ އަނެއް ހަތަރު ދުވަހު ނުދިއްލޭނެއެވެ. އެ ހިސާބު ގަނޑުގެ ކުދިންނަކަށް ގޯޅި އަލިވެފައި އޮވެގެން ކަމަކު ނުދެއެވެ. އެހެންވީމާ އިންޖީނުގޭ މީހުން އައިސް ހޮޅި ބުރި ދިއްލޭ ގޮތް ހަދާފައި ދާއިރަށް ކުދިވެރިން އެ ހަދާ އެއްޗެއް ހަދައެވެ. އޭގެ ފަހަކުން ހޮޅި ބުރިއެއް ނުއެއް ދިއްލޭނެއެވެ.

އެ ރެއަކީ ހޮޅިބުރި ނުދިއްލޭ ރެއެކެވެ. އެހެންވީމާ ގޯޅި އޮތީ އަނދިރި ކޮށެވެ. ވަރަށް ބިރުން ހުރެ، އެކަމަކު ބިރު ނުގަންނަ ކަމަށް ހެދިގެން ހުރެ ގޯޅި ތެރެއަށް ވަދެއްޖައީމެވެ. މަޑު މަޑުން ގެއާ ދިމާއަށް ހިނގާފައި ދިޔަ އިރު ފަހަތުން ކޮންމެވެސް މީހަކު އާދެއޭ ހީވެއެވެ. އެކަމަކު އެނބުރި ބަލާކަށް ނުކެރެއެވެ. ހަންޑިއެއް ވިއްޔާ ހަމަ ބަލައިލުމާއެކު ކައިލާނެއޭ ހިތަށް އަރާ ވަރުންނެވެ.

ތުރު ތުރު އަޅަމުން، ފައި އޮޅެމުން ކަށްޓެއްހެން ހުރެގެން ގޮސް ގެއާ ހަމައަށް ފޯރީ ލައްކަ ހިތްވަރުންނެވެ. ދޮރުގައި ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވިއްޖެއެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރީ އަޅުގަނޑުގެ އަންހެނުންނެވެ. ދޮރު ބުޑުގައި އަޅުގަނޑުގެ އިންތިޒާރުގައި ހުރީހެން ހީވެއެވެ. އޭނާ އަށް އަޅުގަނޑު ފެނުމާއެކު ވެފައި ހުރި ގޮތް އެނގިއްޖެއެވެ.

"އަނެއްކާ މިރޭވެސް ބިރުވެރި ފިލްމެއް ބެލީ ދޯ-؟" އޭނާ އަހައިލިއެވެ.

އާނއެކޭ ބުނަން އަނގަ ހުޅުވާލީމާ އެހެރަ ނުކުތް އަޑެއް ދަންނަވާކަށްވެސް ނޭނގެ އެވެ. އާނއެކޭ ބުނެވުނު ގޮތުން އަޅުގަނޑުވެސް ސިހުނެވެ.

"އަހަރެންގެ ފުރަގަހުގައި މީހަކު އެބަ ހުރިތަ-؟" އަޅުގަނޑު އަހައިލީމެވެ.

އަންހެނުން ބޯ ހޫރައިލިއެވެ. "ނެތް- އަވަހަށް ގެއަށް ވަދޭ-"

އަޅުގަނޑަށް ގެއަށް ވަދެވުނު އިރު ހުރެވުނީ ކުޑަ ކަމު ދާން ޖެހިފައެވެ. "އަހަރެން ފާޚާނާ އަށް ވަދެލަން ވެއްޖެ-"

"ހައިރާނެއް ނުވާނެތަ-؟ މިއީ ކަލޭގެ ގެއެއް ނުން-؟ ފާޚާނާ އަށް ވަދެވެނީ އަހަރެންގެ ހުއްދައެއް އޮވެގެންތަ-؟"

އަޅުގަނޑު ދުވެފައި ކަހަލަ ގޮތަކަށް ފާޚާނާ އާ ދިމާއަށް ހިނގައްޖައީމެވެ.

ކުޑަ ކަމު ގޮސްފައި އެނބުރި އާދެވުނު އިރު އަޅުގަނޑުގެ ބިރުވެރިކަން ހުރީ އިހަށް ވުރެ ބޮޑު ވެފައެވެ. އަންހެނުން ކަޅިވެސް ޖަހައި ނުލައި އަޅުގަނޑާ ދިމާއަށް ބަލަން އިނެވެ.

"މި ގޭގައި ހަންޑިއެއް އެބަ އުޅޭ-" އަޅުގަނޑުގެ އަޑު ތުރު ތުރު އަޅަނީއެވެ.

"މި ގެއަކު ހަންޑިއެއް ނޫޅޭ- މާ ގިނަ އަނގަ ނުތަޅާ ނިދަން ދޭ- އަހަރެން އެބަ އަންނަން-"

"އެހެނެއް ނުވާނެ- ހަންޑިއެއް އެބަ އުޅޭ- އަހަރެން ފާޚާނާ އަށް ވަންނަން ދޮރު ހުޅުވައިލުމާއެކު ބޮކި އަމިއްލައަށް ދިއްލިއްޖެ- ދޮރު ލައްޕައިލުމާއެކު ނިވިއްޖެ- އެއީ ހަންޑިއެއްގެ ކަމެއްކަން ހަމަ ކަށަވަރު-"   

އަންހެނުން ވަރަށް ބޮޑަށް ރުޅި އައިސްފައި ބުނެލިއެވެ. "މި ބުނީނު- އަނގަ ނުތަޅާ ނިދަން ދާށޭ- ކަލޭ ތިޔަ އައީ އައިސް އަލަމާރިއަށް ކުޑަ ކަމު ގޮސްފައި-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.