ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮވެދާނެ ކަމަށް ޝައްކު: ފައްޔާޒު

ގަމުދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮވެދާނެ ކަމާމެދު ޝައްކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދިއްދޫގައި މިރޭ ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ރައްޔިތުން ބޭނުންވާ ބޭފުޅަކު ވެރިކަމަށް ހޮވިދާނެތޯ ބައެއް މީހުން ސުވާލު ކުރައްވަމުން ގެންދަވާ ކަމަށެވެ. "އެކަމަކު އަޅުގަނޑު ހިތަށް އަރާ ވޯޓު ކަރުދާހުގައި އޮންނާނީ ރައީސް ޔާމީންގެ ނަންތޯ ނުވަތަ އެ ވިދާޅުވާ މަހާރެހެންދިގެ ނަންތޯ. އެކަމަކު ވޯޓު ކަރުދާހުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. އެކަމަކު ވަރަށް ބޮޑަށް ޝައްކުވޭ ރައީސް ޔާމީންގެ ނަން އެކަރުދާސްކޮޅުގައި އޮވެދާނެ ކަމާމެދު،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނިޔާވެރި ކަމުގެ ތެރެއިން މިސަރުކާރުން ގެންދަވަނީ ރައްޔިތުން މާޔޫސް ކުރުވުމަށް އިލެކްޝަނެއްވެސް ނޯންނާނެ ކަމަށާއި، އިލެކްޝަނެއް ބޭއްވިޔަސް ތިމަންނަމެން ބޭނުން ނަތީޖާއެއް ނެރޭނެ ކަމަށް ބިރު ދައްކަމުން ކަމަށެވެ. "ނޫނެކޭ އެހެނެއް ނުވާނެޔޭ އިނގޭތޯ. އެހެންވާނެ ނަމަ މިތާގައި މިނިވަން ކަމާއެކު ވާހަކަ ދައްކަން އަޅުގަނޑުމެން ނުތިބޭނެ. ތިޔަ ބޭފުޅުން މިތަނަށް ވަޑައިގެން ނުތިބޭނެ،" އޭނާ ވިދާޅުވިއެވެ.

"އިލެކްޝަނަށް އޮޅުވައެއްވެސް ނުލެވޭނެ. އޮޅުވާލަން މަސައްކަތްވެސް ކުރާނެ. އަދުލުވެރި އިލެކްޝަނެއް ނުވެސް އޮންނާނެ. އިންސާފުވެރިއެއްވެސް ނުވާނެ. އެހެންނަމަވެސް ވޯޓު އޮޅުވާލައިގެންނެއް އަޅުގަނޑުމެން ރައްޔިތުންލާ ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެކަމާމެދު ކުޑަކޮށްވެސް ތިޔަ ބޭފުޅުން ޝައްކު ނުކުރައްވާތި،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމުގައި ހުންނެވެންއޮތް ހަމައެކަނި ގޮތަކީ އިންތިޚާބެއް ނުބާއްވައި ކަމަށެވެ. "އިންތިޚާބެއް ނުބާއްވައިފިނަމަ ދުވަސް ކޮޅަކަށް ފަހަރުގައި ހުރެވިދާނެ. އެހެންނަމަވެސް އެއީވެސް ކުރެވޭނެ ކަމެއްނޫން،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ހިއްތިރި ރައީސެއްގެ ބަދަލުގައި، ބަދަލު ހިފާނެ ރައީސެއް ބޭނުންވާ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށެވެ. އެކަމަކު އެމްޑީޕީއަށް ލިބިފައިވާ ތާއީދެއް ލިބިފައިވަނީ 2008 ވަނަ އަހަރު ރައީސް ނަޝީދު ހިތްތިރި ކުރައްވައި ބަދަލު ނުހިއްޕެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެދުވަހު ރައީސް ނަޝީދު ބަދަލު ހިއްޕެވިނަމަ ރާއްޖޭގެ ބޮޑު ޕަސެންޓޭޖެއް އެމްޑީޕީއާ އެއްބަސް ނުވީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމައި ކުރިއަށްއޮތްތާގައިވެސް އަޅުގަނޑުމެން ބޭނުންވަނީ އަނިޔާވެރިކަން ތަހައްމަލް ކުރައްވައި ވެރިކަމުގައިވެސް އެ ތަޖުރިބާ ކުރައްވައި އަދި އެއަށްފަހު އެއަށްވުރެ ބޮޑެތި އަނިޔާތަކެއް ތަހައްމަލް ކުރައްވައިފައިވާ ވެރިއެއް ކުރިއަށް އޮތްތާގައިވެސް ދިވެހިރާއްޖެގެ ވެރިކަމަށް ގެންނަން،" އޭނާ ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރަންޖެހޭ ސަބަބަކީ ރާއްޖޭގެ ސިޔާސީ މާހައުލާއި އިގުތިސާދީ ހާލަތަށް ބަލާއިރު އެއްވެސް ބަދަލު ހިފުމެއްނެތި މިގައުމު ހަމަމަގަށް އެޅުވޭނެ ތަޖުރިބާ ލިބިފައިހުރި ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރުއޮތް ބައިބައިވުމާއި ގައުމުގެ ހާލަތަށް ބަލާއިރު އެހުރިހާ އެއްޗަކާއިގެން ރަނގަޅު މިސްރާބަކަށް ގައުމު ގެންދެވޭނެ ލީޑަރަކީވެސް ރައީސް ނަޝީދު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.