
މާލެ ސިޓީ ވިޔަފާރި ބަނދަރުގައި ފޯކުލިފްޓެއްގެ ދަށުގެ އެތަނުގައި މަސައްކަތް ކުރާ ރ. ދުވާފަރު މީހެއްގެ ފައިތިލަ ޗިސްވެއްޖެއެވެ.
ޝާހީން ނަމަކަށް ކިޔާ އެމީހާގެ ފައިތިލަ ޗިސްވެފައިވަނީ ފޯކްލިފްޓް ފަހަތަށް ޖެހިވަގުތު އޭނާގެ ފައިމައްޗަށް އޭގެ ފަހަތު ފުރޮޅު އަރައިގެންނެވެ. ފޯކްލިފްޓް ފަހަތަށް ޖައްސަން ފެށުމުން ފަހަތަށް ނުޖައްސަން ބުނެ އޭނާ ގޮވިކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުންޏެވެ. އެހެންނަމަވެސް ޑްރައިވަރަށް އެއަޑު ނީވުމުގެ ސަބަބުން މިހާދިސާ ހިނގީ ކަމަށްވެސް އާއިލާއިން ބުންޏެވެ.
ހާދިސާއަށް ފަހު ޝާހީނަށް މިހާރު ގެންދަނީ އައިޖީއެމްޗުގައި ފަރުވާ ދެމުންނެވެ. އާއިލާއިން ބުނީ ފައިތިލަ އެއްކޮށް ޗިސްވެފައިވާ ކަމަށެވެ. އެހެން ކަމުން ފައިތިލަ ބުރިކޮށްލުން ނޫން އިތުރު ގޮތެއްނެތް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އިތުރު ފުރުސަތެއް ނުވަތަ ގޮތެއް އޮތްތޯ ބަލަން ބޭރަށް ދިޔުމުގެ ފުރުސުތަކަށްވެސް އައިލާއިން ވަނީ ޑޮކްޓަރުންގެ ކިބައިން އެދިފައެވެ. އެހެންނަމަވެސް ބޭރަށް ދިޔަސް ކުރެވޭނެ އިތުރު ކަމެއްނެތް ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް އާއިލާއިން ބުންޏެވެ.
އެމްޕީއެލް އިން ވިދާޅުވެފައިވަނީ އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެތަނުން ނުދެއްވައެވެ.