ނިއުކުލިިއާ އެއްބަސްވުން ދޫކޮށްލައި، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ނިންމައިފި

ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވިކަން ރައީސު ޓްރަމްޕް އިއުލާންކުރައްވަނީ

އިރާނާއެކު ވެފައިވާ ނިއުކުލިއާ އެއްބަސްވުން ދޫކޮށްލަން އެމެރިކާ ނިންމައިފިކަން ރައީސު ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ. އަދި އޭނާ ވަނީ އީރާނާ ދެކޮޅަށް އެންމެ މަތީ ދަރަޖައިގެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރެއްގައި މިއަދު ސޮއިކުރައްވައިފައެވެ. ޓްރަމްޕްގެ މިފިޔަވަޅުގެ ސަބަބުން މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ތެލުގެ އަގު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، އެމެރިކާއާ އެކުވެރި ޔޫރަޕްގެ ގައުމުތައްވެސް ވަނީ ނުރުހިފައެވެ.
ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ވައިޓްހައުސްގައި ހުންނަވައިގެން ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އީރާނު ސަރުކާރުންވަނީ "ޓެރަރިޒްްމްގެ ވިއުގައަކަށް ހޭދަކުރުމުގައި އެގައުމުގެ ރައްޔިތުންގެ މުދާ ބޭކާރުކޮށްލާފައި" ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އީރާނަށް ޔުރޭނިއަމް ފައްކާކުރުުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، އީރާނު ނިއުކުލިއޔާ ހަތިޔާރު އުފެއްދުމާ ވަރަށް ގާތަށް އައިސްފައިވާ ކަމުގައެވެ.
އިރާނު ނިއުކުލިޔާ އެއްބަސްވުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ފަސް މެންބަރުން ކަމުގައިވާ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ އިތުރަށް ޖަރުމަނާއި ޔޫރަޕްގެ އިއްތިހާދުން އީރާނާއެކު 2015 ވަނަ އަހަރު އެޕްރީލު މަހުގެ 2 ވަނަ ދުވަހު ސްވިޒަލޭންޑުގެ ލޫޒާންގައި އެއްބަސްވި ކަންކަމުގެ މައްޗަށް ބިނާކޮށް އެ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޖޮއިންޓް ކޮޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަމުގައި އިއުުލާނުކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް އީރާނުން ހުއްޓާލުމުން، އީރާނާ ދެކޮަޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދޫކޮށްލެވޭނެއެވެ.
އެެއްބަސްވުމުން އެމެރިކާ ވަކިވުމާއެކު އެ އެއެްބަސްވުމުގައި ބައިވެރިވާ އެހެން ފަރުާތްތަކުން ވަނީ އެއެްބަސްވުން ދަމަހައްޓާނެކަން އިއުލާންކޮށްފައެވެ. ޔޫރަޕިން ކޮމިޝަންގެ ތަރުޖަމާނު މާޔާ ކޮސިއާންޖިޗް ބުނީ އެއްބަސްވުން ރަނގަޅަށް މަސައްކަތްކުރާ ކަމަށާ، އީޔޫން އެއްބަސްްވުމަށް ފުރިހަމަައަށް ތާއީދުކުރާ ކަމަށެވެ. އަދި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އީރާނުން އެއަށް އަމަލުކުރޭތޯ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެެޖެންސީން 10 ފަހަރު ބަލާފައިވާރު، އެއްބަސްވުން އުވާލަން ޖެހޭ ސަބަބެއް ފެނިފައި ނެތް ކަމުގައެވެ.
ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނު އަދި ރަޝިޔާއިން ވެސް ވަނީ އެއްބަސްވުމާއެކު ކުރިއަށް ދާނެކަން އިއުލާނުކޮށްފައެވެ.
ޓްރަމްޕްގެ ނިންމެވުމަށް މިހާތަނަށް ތާއީދުކޮށްފައިވަނީ އެންމެ ދެ ގައުުމުންނެވެ. އެއީ އިސްރާއީލާއި ސައޫދީ އަރަބިއްޔާއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ "ރައީސު ޓްރަމްޕްގެ ހިތްވަރުގަދަ ނިންމެވުމަށް" އޭނާ ފުރިހަމައަށް ތާއީދުކުރާ ކަމުގައެވެ. ސައޫދީ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، އެއްބަސްވުމުގެ ސަބަބުން އީރާނަށް ލިބުނު އިގްތިސާދީ ފައިދާ ބޭނުންކޮށްފައި ވަނީ ނިއުކުލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އިތުރުކުރުމަށް ކަމުގަައެެވެ.
އީރާނުގެ ރައީސު ޙަސަން ރޫޙާނީ ވިދާޅުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން އެކަހެރިވާނީ އެމެރިކާ ކަމަށާ، ދެން ތިބި ގައުމުތަކާއެކު އީރާން ކުރިއަށް ދާނެ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.