ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި އެގޮތުން ހުޅުމާލޭގައި ދެން އަޅާނެ ފްލެޓް ތަކާއި ކުރިން ދޫކޮށްފައިވާ ފްލެޓް ތަކުގެ ކުލި ވެސް 2000 ރ އާއި 3000 ރ އަށް ކުޑަ ކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އުމަރުގެ ރިޔާސީ ކެމްޕޭންގެ މެނިފެސްޓޯ ސޯޝަލް މީޑިޔާ މެދުވެރިކޮށް ހާމަ ކުރައްވަމުންނެވެ. އުމަރުގެ ސަރުކާރުގައި ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއަށް ދެއްވާފައި ވަނީ "ހެޔޮ ހިޔާ" އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާނެ އަދި އަޅާފައިވާ ފްލެޓް ތަކުގެ ކުލި 2000 ރ އާއި 3000 ރ އާ ދެމެދަށް ކުޑަކުރައްވާއިރު ކުލި ކަނޑައަޅާނީ އެމީހެއްގެ އާންމުދަނީގެ 25 ޕަސެންޓް ދައްކަންކަން ޖެހޭ ގޮތަށް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމުގައި ދޫކުރައްވާ ފްލެޓް ތަކަށް ފްލެޓް ލިބޭ މީހާ ޑައުންޕޭމަންޓްވެސް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އުމަރުގެ 5 އަހަރުގެ ރިޔާސީ ދައުރު ނިމޭއިރު އަހަރަކު ބޯހިޔާވަހި ކަމަށް ހަތަރު ބިލިއަން ރުފިޔާ ޚަރަދު ކުރައްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ މާލެ ސަރަހައްދުގައި ފްލެޓް އެޅުމުގެ އިތުރުން އަތޮޅު ތަކުގައިވެސް ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު އެޅުމަށް ސަރުކާރުން ހިލޭ އެހީ އާއި ސަބްސިޑީ ދޫކުރައްވާނެ އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވުމަށް ފަހު ކެމްޕޭން ފައްޓަވަމުން އުމަރު ވިދާޅުވީ އިދިކޮޅުން އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓެއް ނުދެއްކުނު ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރެފިނަމަ އޭނާ އިންތިޚާބުގައި ނުހުންނަވާނެ ކަމަށެވެ. ނަމަވެސް ޖޭޕީން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކޮށްގެން ނުކުތަސް އުމަރު ރިޔާސީ ރޭހުން ވަކިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.