ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރަން ޝާހިދު ނިންމައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ރިޔާސީ ޓިކެޓަށް ވާދަކުރަން ބާއްވާ ޕްރައިމަރީގައި އެޕާޓީން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނަމަ ތާއީދު ކުރައްވާނީ ނަޝީދަށް ކަމަށާއި އަދި ނަޝީދަށް ކެމްޕޭން ކުރެއްވުމުގައިވެސް އުޅުއްވާނެ ކަމަށެވެ. އެހެން ކެންޑިޑޭޓެއް ނަޝީދާ ވާދަކުރައްވަން ނުކުމެވަޑައިގަތަސް ހުންނަވާނީ ނަޝީދާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ޝާހިދު ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރު ނަމަވެސް ޝާހިދު ވިދާޅުވީ "ރައީސް ނަޝީދު ވާދަކުރައްވާ އެއްވެސް އިންތިޚާބެއްގައި ރައީސް ނަޝީދާ ދެކޮޅަށް އަޅުގަނޑު ނުނުކުންނާނަން" ކަމަށެވެ.

"އެމްޑީޕީއަށް އަދި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ނަޝީދު ހޮވުން، އެހެންވެ އަޅުގަނޑު ދެމިހުންނާނީ ރައީސް ނަޝީދާއެކު، ތާއީދު ކުރާނީ ރައީސް ނަޝީދަށް، އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 30 ގައި ބާއްވަން އެޕާޓީން ތައްޔާރު ވަމުން އަންނައިރު މިމަހުގެ 15 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން ނަން ހުށަހަޅަން ހުޅުވާލާނެ ކަމަށް ބެލެވެއެވެ. މިހާތަނަށް އެކަމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ހަމައެކަނި ބޭފުޅަކީވެސް ނަޝީދެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.