ރައީސް ނަޝީދާއި އެމަނިކުފާނާ ގުޅިފައިވާ ބައެއް މީހުންނާއި ޖަމާއަތްތަކުގެ މަގުސަދު ރިޔާސީ އިންތިޚާބުގެ ކުރިން އެނގުމަކީ ދިވެހިންނަށް ލިބުނު ރަހުމަތެއް ކަމަށް ގެމަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
"ދިވެހިންނަށް ލިބުނު ވަރަށްބޮޑު ރަހުމަތެއް ރައީސް ނަޝީދާއި، އޭނައާ ގުޅިފައިވާ ޔަހޫދީ މީހުންނާއި ޖަމާއަތްތަކުގެ މަގުސަދު ރިޔާސީ އިންތިޚާބުގެ ކުރިންވެސް އެނގުމަކީ. އެއީ އިންތިޚާބުގެ ކުރިން އެމްޑީޕީގައި ތިބި މީހުންނަށްވެސް ޕީޕީއެމާ ނުގުޅި ތިބި މީހުންނަށްވެސް އަދި ވަކި ގޮތަކަށް ވޯޓުގެ ކަންތައް ނުނިންމައިތިބި މީހުންނަށްވެސް ޔަގީންކަން މިހާރު ލިބިގެން އެދިޔައީ އެމީހުންގެ މަގުސަދަކީ އިސްލާމްދީން މިގައުމުން ފޮހެލައި އެހެން ދީންތައް ތައާރަފް ކުރުންކަން. އެއޮތީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އީޔޫގެ ގަރާރުން ސާފުކޮށް އެކަން އެނގެން. މީގެ ކުރިން އެހާ ފާޅުކޮށް އެވާހަކަ ބުނެފައެއްނެތް،" ޖޭޔޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ސުންނީ ނޫން އެހެން ޖަމާއަތްތަކުގެ މީހުންނަށްވެސް ވޯޓުލެވެންޖެހޭނެ ކަމަށް އީޔޫއިން ރާއްޖެއާ ބެހޭގޮތުން އެންމެފަހުން ނެރުނު ގަރާރުގައި ބުނެފައިވާ ކަމަށެވެ. އޭގެ އިތުރަށް އެހެން ދީންތަކުގެ މީހުންނަށް ވެސް ވޯޓު ލެވެމްޖެހޭނެ ކަމަށް އޭގައި ބުނެފައިވާ ކަމަށް ޖޭޔޫ ވިދާޅުވިއެވެ.
"މިސާލަކަށް އެމީހަކު ބޭނުންވާ ދީނަކަށް ބަދަލުވުމުގެ ފުރުސަތު އޮންނަންވާނެޔޭ. އެހެންވީމާ އެއިން ވަރަށް ރަނގަޅަށް ސާފުކޮށް އެބައެނގޭ އީޔޫއިން ބޭނުންވަނީ ރާއްޖެއިން އިސްލާމާދީން ފޮހެލަންކަން،" އޭނާ ވިދާޅުވިއެވެ.
ޖޭޔޫ ވިދާޅުވީ އީޔޫގެ މުޅި ގަރާރަށް ބަލާއިރު އެމީހުންގެ މަގުސަދަކީ ރާއްޖޭގެ ހަތަރުލައްކައެއްހާ ކުޑަ އާބާދީ އަކަށް ޓާގެޓުކޮށްގެން މުސްލިމް ގައުމުތަކަށް ދޭންއުޅޭ "ހަމަލާ" ގެ މޮޑެލްއެއް ތައްޔާރު ކުރުންކަން އެނގޭ ކަމަށެވެ.
"އެ ތައްޔާރުކޮށްފައި ދިވެހިރާއްޖެ ކަހަލަ އާބާދީ ކުޑަ ގައުމެއްގައި މިކަން (އެހެންދީން ފަތުރަން) ކުރަން ފަސޭހަވެދާނެތީވެ ހުރިހާ ރިސޯސަސްއެއް ބޭނުންކޮށްގެން ވެސް އެމީހުން ކުރަން ބޭނުންވާ ކަމެއް މިއީ. މިއީ އަސްލު ދިވެހިރާއްޖެއަށްދޭ ހަމަލާއެއްނޫން. މިއީ އިސްލާމީ ހުރިހާ ގައުމުތަކަށް އެމީހުންދޭން ބޭނުންވާ ހަމަލާގެ މޮޑެލްއެއް މިތައްޔާރު ކުރެވެނީ. މިކޮޅުގައި މީތި ވޯކު ކުރުވާފައި މިތީ އެމީހުން ބޭނުންކުރާނީ އިސްލާމީ ބޮޑެތި ގައުމުތަކާ ދެކޮޅަށް،" ޖޭޔޫ ވިދާޅުވިއެވެ.
އިދިކޮޅުގައި ތިބި ބައެއް މީހުންނަކީ އެފަދަ ކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ބައެއް ކަމަށާއި، އެ މީހުން ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ކަމަށްވާތީ، "މި މޮޑެލް ބޭނުން ކޮށްގެން ޑޮމޮކްރަސީގެ ނަމުގައި ރާއްޖެއަށް ތަފާތު ދީން ތައްރަފް ކުރަން އެމީހުން ވާގިވެރިވާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ،" ޖޭޔޫ ވިދާޅުވިއެވެ.