ދުނިޔޭގެ އެންމެ ވައި ނުސާފު 15 ރަށުގެ ތެރޭގައި އިންޑިޔާގެ 14 ރަށް

އިންޑިޔާގެ ވެރިރަށް ނިއުދިއްލީ: ވައި ނުސާފުކަމުން އުޅަނދުތަކުގެ ބޮކި ދުވާލުގެ ވަގުތުގައިވެސް ދިއްލާފައި

ދުނިޔޭގެ ޖައްވު ތަޣައްޔަރުވެފައިވާ މިންވަރު ބަލަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ 15 ރަށުގެ ތެރޭގައި އިންޑިޔާގެ 14 ރަށެއް ހިމެނިއްޖެއެވެެ.
އެ ޖަމްއިއްޔާއިން މިއަދު (ބުދަދުވަހު) ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތައި ދުނިޔޭގައި ދިރިއުޅޭ ކޮންމެ ދިހަ މީހެއްގެ ތެރެއިން 9 މީހަކު ނޭވާލާއިރު އެތެރެކުރަނީ ވައި ތަޣައްޔަރުުކުރާ މާއްދާތައް މަތީ ދަރަޖައަކަށް އެކުލެވޭ ވައެވެ. އަދި ގޭތެރޭގައާއި ގެއިން ބޭރުގައި ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި އަހަަރަކު 7 މިލިއަން މީހުން މަރުވެއެވެ.
އެންމެ ވައި ނުސާފު 15 ރަށުގެ ތެރޭގައި އިންޑިޔާ ނޫން ގައުމެއްގެ ރަަށަކަށް އޮތީ ކުވައިތުގެ އަލީ ސަބާހުއްސާލިމް ސިޓީއެވެ. އެއީވެސް 15 ވަނައިގައެވެ. އެހެންކަމުން ލިސްޓުގެ އެެއްވަނައިން 14 ވަނަައާއި ހަމައަށް ހުރީ އިންޑިޔާގެ ރަށްތައެވެ. އެރަށްތަކަކީ (ވައި ނުސާފުކަމުގެ ތަރުތީބުން) ކާންޕޫރް، ފަރީދްއާބާދް، ވަރާނަސީ (ބަނާރަސް)، ގާޔާ، ޕަޓްނާ، ނިއުދިއްލީ، ލަކްނޯ، އާގަރާ، މުޒައްފަރުޕޫރް، ސްރީނަގަރް، ގުރްގާއޯން، ޖޭޕޫރު، ޕަޓިޔާލާ އަދި ޖޯދްޕޫރެވެ.
14 މިލިއަނަަށްވުރެ ގިނަ މީހުން ދިރިއުޅޭ ބިޔަ ރަށްތަކަށް (މެގަސިޓީތަކަށް) ބަލާއިރު އެއްވަނައިގައި އޮތީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީއެވެ. ހަތަރު ވަނައިގައި އޮތީ އިންޑިޔާގެ މުމްބާއީއެވެ. ދެން ބިޔަ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ (ވައި ނުސާފުކަމު ތަރުތީބުން) 2- މިސްރުގެ ޤާހިރާ، 3- ބަންގްލަދޭޝްގެ ޑާކާ، 5- ޗައިނާގެ ބެއިޖިިންގ، 6- ޗައިނާގެ ޝަންހާއީ، 7- ތުރުކީގެ އިސްތަންބޫލް، 8- މެކްސިކޯގެ މެކްސިކޯ ސިޓީ، 9- ބްރެޒިލްގެ ސައު ޕައުލޯ، 10- އާޖެންޓީނާގެ ބޮއިނަސް އައިރެސް އެވެ.
108 ގަައުމެެއްގެ 4300 ރަށް ހިމަނައިގެން ކުރެވުނު މިދިރާސާއިން ހާމަވީ ގޮތުގައި ވައި ނުސާފުވުމުުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި މަރުވާ މީހުންގެ %90 އަކީ ފަގީރު ގައުމުތަކުގެ މީހުންނެވެ.
އަދިވެސް އެ ރިޕޯޓުގައިވާ ގޮތުގައި ގާތްގަނޑަކަށް 3 ބިލިއަން މީހުންނަށް (ދުނިޔޭގެ އާބާދީގެ %40) އަދިވެސް ރައްކާތެރި ކެއްކުމުގެ ވަސީލަތްތައް ލިބިފައި ނެތެވެ. މިއީވެސް ވައި ނުސާފުވުމުގެ ސަބަބުން މަރުވާ މީހުން އިތުރުވާ ސަބަބެކެވެ.
ވައި އެންމެ ބޮޑަށް ނުސާފުކުރާ ކަންކަމުގެ ތެރޭގައި ގޭގައި ކެއްކުމަށާއި، ސިނާއީ މަސައްކަތަށާއި، ދަނޑުވެރިކަމަށާއި، ދަތުރުފަތުރަށް ކަމަށް އެކަށީގެންނުވާ ހަކަތަ ބޭނުންކުރުމާއި، ބައެއް ހިސާބުތަކުގައި ބޯދު ދެލިން ހިންގާ އިންޖީނުތައް ހިންގުމާއި، ވެލީގެ ޠޫފާން އައުމާއި، ކުނި އެންދުމާއި، ޖަންގަލީތައް އެންދުން ހިމެނޭކަން ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.