
އައްޑޫސިޓީ ހިތަދޫ ބޮޑު މަގުގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވުމުގެ ސަބަބުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ފަރުވާ ދޭން ފަށައިފިއެވެ.
ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނެސްފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އޭނާއަށް ދިމާވެފައިވާ މައްސަލަ އެނގޭނީ އެކްސްރޭ ނަގައިގެން ބެލުމުން ކަމަށެވެ.
"މިހާރު ގެންދަނީ އެކްސްރޭ ނެގުމުގެ މަސައްކަތް ކުރަމުން. ލަފާ ކުރެވެނީ އޭނާގެ ހިޕްސްއަށް އަނިޔާވެފައިވާ ކަމަށް. ބިންދައިގެން ގޮސްފައިވުން ނުވަތަ ރެނދުލައިފައިވުމަކީވެސް އެކަށީގެންވާ ކަމެއް. ޔަގީން ކުރެވޭނީ އެކްސްރޭ ނަގައިގެން ބެލީމައި،" ނަޖީބު ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހިނގީ ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ސަރުސަނާ ފިހާރަ ކައިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.