ކުރިޔަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޒުން ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޙިފްޒުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޒުން އެކަމަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަން ކޮށްދޭން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީން ދޫކުރަމުން އަންނަ "ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިނިސްޓްރީން ބުނެފައި ވަނީ މާލޭގެ މިސްކިތް ތަކުގައި ހިފްޒްކޮށް ތަރާވީޙް ނަމާދު ކުރަން ބޭނުންވާ މީހުން އިސްލާމިކް މިނިސްޓްރީއަށް ފޯމު ހުށަހަޅަން ޖެހޭއިރު ރަށްރަށުގައި ނަމަ ރަށު ކައުންސިލް އިދާރާއަށް ފޯމު ލެވޭނެ ކަމަށެވެ. މި ފޯމާއެކު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް" ވެސް މިނިސްޓްރީން މިހާރު ދަނީ ދޫކުރަމުންނެވެ. މި ފޯމު އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވެން އެބަހުއްޓެވެ.
ކުރިޔަށް އޮތް ރަމަޞާން މަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ހާފިޒުން ހޯދަމުންދާއިރު ތަރާވީޙް ނަމާދު އިމާމްވެ ކުރާ ބޭފުޅުންނަށް އުޖޫރައެއްގެ ގޮތުގައި ދިނުމަށް މިނިސްޓްރީން ނިންމާފައި ވަނީ ތަރާވީޙް ނަމާދު ކުރާ ކޮންމެ ރެޔަކަށް 400 ރުފިޔާއެވެ. ރަށްރަށުގައި ނަމަ ފައިސާ ދޫކުރަނީ ގިނަވެގެން 2 މިސްކިތަށް، 2 އިމާމުންނަށެވެ. އެލަވަންސް ހޯދުމަށް މިނިސްޓްރީއަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން މީގެކުރީ އަހަރު ތަކުގައި ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށްޓަކައި ރާއްޖެއިން ބޭރު ގައުމުތަކުންވެސް ހާފިޒުން ގެނެސްފައިވެއެވެ.