މިޞްރުގައި ބޭއްވުނު ރިޔާސީ އިންތިޚާބު ރަައީސު ޢަބްދުލްފައްތާޙު އައްސީސީ ކާމިޔާބުކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ. މިޞްރުގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ، ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ %92 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންެކަމުގައެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 21.4 މިލިއަން ވޯޓެވެ. އޭނާއާ ވާދަކުރެއްވީ ކުރިން މިޞްރު މީހުން ނުވެސް ދަންނަ މޫސާ މުޞްޠަފާ މޫސާ އޭ ކިޔާ ބޭފުޅެކެވެ. އޭނާ ހޯއްދެވީ 7 ލައްކަ 21 ހާސް ވޯޓެވެ. ބެލެވިފައިވާ ގޮތުގައި ރަސްމީ ނަތީޖާ އިއުލާންކުރާނީ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.
މިޞްރުގެ ސިފައިންގެ ވެެރިއަކަށް ހުންނެވި އައްސީީސީ ވެރިކަން ހޯއްދެވީ 2013 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބެއްގައި އޭރުގެ ރައީސު މުޙައްމަދު މުރްސީ މަގާމުން ދުރުކުރައްވައިގެންނެވެ. އަދި ޖެހިގެން އައި 2014 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ %96 ވޯޓުން އޭނާ ކާމިޔާބު ކުރެއްވިއެެވެ.
މިނިވަން އިންތިޚާބެއް ނުބޭއެްވޭތީ އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފައެވެ. އިންތިޚާބު އިޢުލާންކުރި އިރު 11 ކެންޑިޑޭޓަކު ވާދަކުރައްވާނެކަން އިޢުލާން ކުރެއްވިއެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު އަޙްމަދު ޝަފިޤާއި، ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސާމީ އަނާން އަދި ކުރީގެ ރައީސު އަންވަރުއްސަދާތަށް ބޮޑުބޭބެ ވިދާޅުވާ އަންވަރުއްސާދާތު ހިމެނިވަޑައިގަންނަވައެެވެ. ޖެނެރަލް ސާމީ އަނާން ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރެވުނެވެ. އަޙްމަދު ޝަފީޤު ޔޫއޭއީގައި ހުންނަވާފައި އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކެއްވުމަށް ފަހު މިޞްރަށް ވަޑައިގަތުމާއެކު އޭނާ މަންޒަރުން ގެއްލިއްޖެއެވެ. ދެން ކުރިމަތިލައްވަން ނިންމެވި އެހެން ބޭފުޅުންވެސް ތަފާތު މައްސަލަތައް ތަހުގީގުކުރަން ފެށުމުން ކުރިމަތިނުލައްވަން ނިންމެވިއެވެ. އައްސީސީއާ ދެކޮޅަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅާއަކީ އޭނާއަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
ވޯޓުލާން ނުކުތުމަށް ބާރުއެޅުމުގެ ގޮތުން ފައިސާއާއި ކާބޯތަކެތި ފާޅުގައި ބަހައި، ވޯޓުލާން ނުނުކުންނަ މީހުން 500 ޕައުންޑުން (28 ޔޫއެސް ޑޮލަރު) ޖުރުމާނާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ވޯޓުލާން ނުކުތީ މަދު ބައެކެވެ. އެއީ ވޯޓުލުމުގެ ހައްގު ލިިބިފައިވާ މީހުންގެ %41 އެވެ. ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ 60 މިލިއަން މީހުންގެތެރެއިން ވޯޓުލީ 25 މިލިއަން މީހުންނެވެ.
ނަތީޖާއަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ބާޠިލު ވޯޓު ގިނަކަމަވެ. 2 މިލިއަނެއްހާ ވޯޓު ވަނީ ބާޠިލުވެފައެވެ. ބެލެވޭ ގޮތުގައި މިއީ އެބައިމީހުން ރުހޭ ކެންޑިޑޭޓަކު ނެތުމުން ގަސްތުގައި ވޯޓު ބާޠިލުކޮށްލި މީހުންގެ ވޯޓެވެ.
އެހެެންކަމުން، ވޯޓުގެ ނަތީޖާއަށް ބަލާއިރު، ބޮޑު ތަފާތަކުން އައްސީސީ އިންތިޚާބު ކާމިޔާބުކުރެއްވި ނަމަވެސް ގިނަ ބަޔަކު މިވަނީ އޭނާއަށް ނޫނެކޭ ބުނެފައެވެ.