ހުރާ ދޮންބަންޑާރައިންގެ މިސްކިތުގެ ބޯޑު ހުޅުވައިފި

ހުރަވީ ދުވަހާ ގުޅިގެން ކ. ހުރާ ކައުންސިލުން ހިންގި ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، ހުރާގައި ހުރި ދޮންބަންޑާރައިންގެ މިސްކިތުގައި ބެހެއްޓި މައުލޫމާތު ބޯޑު ހުޅުވައިދެއްވައިފިއެވެ.

ހުރާ ދޮންބަންޑާރައިންގެ މިސްކިތުގެ ގޯތި ތެރޭގައި ނޮވެންބަރު 12 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބޯޑު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރު، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ދ.ޝ.ޢ) އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) އާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ހަސަން ޝާކިރު މުޙައްމަދު އެވެ.

ދޮންބަންޑާރައިންގެ މިސްކިތުގައި ބަހައްޓާފައިވާ ބޯޑުގައި ދޮންބަންޑާރައިންގެ މިސްކިތުގެ ތާރީޚާއި އެ މިސްކިތުގެ އިމާރާތުގެ ބައިތަކާއި ސިފަތަކުގެ އިތުރުން މިސްކިތުގެ ގޯތިތެރޭގައި ހިމެނޭ ތާރީޚީތަކެއްޗާއި ކުރިން އެ ގޯތީގައި ހިމެނިފައި މިހާރު ނެތް ތާރީޚީ ތަކެއްޗާ ބެހޭ މަޢުލޫމާތު ލިޔެފައިވެއެވެ. ދެ ބޯޑެއް ގޮތަށް މިބޯޑުތައް ބަހައްޓާފައި ވަނީ ފަތުރުވެރިންނާއި ބޭރުގެ ފަރާތްތަކަށް އެ މަޢުލޫމާތު ސާފުވާނެހެން ދިވެހި ބަހާއި އިނގިރޭސި ބަހުންނެވެ.

މި ބޯޑު ހުޅުވުމުގެ ކުރިން ހުރާގައި ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިގެ ވަފުދަށް ދޮންބަންޑާރައިންގެ މިސްކިތުގެ ގޯތިތެރޭގައި ހުރި ތާރީޚީ ތަކެއްޗާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވީ ހުރާ ކައުންސިލްގެ ފަރާތުންނެވެ.

މި ބޯޑުގައި ވާގޮތުން ދޮންބަންޑާރައިންގެ މިސްކިތް ބިނާކުރެއްވީ މީލާދީން 1757 އާއި 1759 އާ ދެމެދުގައެވެ. އެއީ ހުރަވީ ދަރިކޮޅުގެ ބާނީ އަދި ޤައުމީ ބަޠަލު އައްސުލްޠާން އަލްޢާޒީ މުޙައްމަދު ޢިއްޒުއްދީން (ދޮންބަންޑާރައިން) އެވެ. މިހާރު ފެންނަންހުރި އިމާރާތަކީ 1925 އާއި 1926 އާ ދެމެދު، ދޮންބަންޑާރައިންގެ ދަރިކޮޅުން ވަޑައިގެންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އަލްޢައުޡަމް މަރާމާތުކޮށްދެއްވައި ބިނާކުރެއްވި މިސްކިތެކެވެ. މި މަސައްކަތް އެއްކޮށް ނިމުނީ ޙިޖްރީގޮތުން 1344 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 14 ވަނައަށްވީ ހުކުރު ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.