ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި، އެ ފައިސާ ދެއްކުމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ފެތުރެމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެކެވެ. ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން އާންމުކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2026 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ ތެރެއިން މީގެ ކުރިން ދެއްކި ދެ ފިޔަވައްސަށް ފަހު، އެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި ފައިސާއެވެ.
ބީއެމްއެލް އިން މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައެއް ނުވެއެވެ.
ބީއެމްއެލް އޮތީ މާލީގޮތުން ވަރުގަދަކޮށް
ބީއެމްއެލް އަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެކެވެ.
ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު ބޭންކުގެ މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން ދަނީ މެދުނުކެނޑި މޮނިޓަރ ކުރަމުންނެވެ. ސަރުކާރުން އެސްބީއައި އަށް ޓީ-ބިލްގެ ފައިސާ ދެއްކުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތެކެވެ. އެކަމުގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށާއި ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ބޭންކުން އަރުވައެވެ.
ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ މުހިންމުކަން
ގައުމުގެ މާލީ ނިޒާމާ ގުޅުންހުރި ކަންކަމުގައި އާންމުން ސުވާލުކުރުމާއި ބަހުސްކުރުމަކީ މުހިންމު ކަމެއްކަމަށް ބީއެމްއެލް އިން ގަބޫލުކުރެއެވެ. ނަމަވެސް، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ކަސްޓަމަރުންގެ އިތުބާރާއި، ހިއްސާދާރުންގެ މަސްލަހަތާއި، މުޅި މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށްވާތީ، އެފަދަ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށެވެ.
ހަގީގަތާ ޚިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގް ދާއިރާ އަދި ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ.
އެހެންކަމުން، ބޭންކުގެ މާލީ ހާލަތާއި ކަސްޓަމަރުންގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކެވުމުގެ ނުވަތަ ޝާއިއުކުރުމުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބީއެމްއެލް އިން އިލްތިމާސްކުރެއެވެ.
ބޭންކާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުން
ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ ބީއެމްއެލްގެ އެންމެ ބޮޑު ޒިންމާއެވެ. ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ބޭންކަށް ގެއްލުންވާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ބޭންކަށް ލިބިގެންވެއެވެ.
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ސައްހަ މައުލޫމާތު ކަސްޓަމަރުންނާއި އާންމުންނަށް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލް އަކީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ގޮތެއްގައި ހިންގަމުންދާ އަދި ދިވެހި އިގްތިސާދާއި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ބޭންކެކެވެ.
