ޤައުމީ ދުވަސް ހަނދާންކޮށްދެނީ، ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.
ދިވެހިރާއްޖެ ޕޯޗުގީޒުންގެ އިސްތިޢުމާރަށް ހުށަހެޅުނު ހާދިސާއަށް ރިޢާޔަތްކުރައްވަމުން އެމަނިކުފާނު ވަނީ، ނުވަ ވަނަ ޙަސަން ރަސްގެފާނު އިސްލާމްދީނާއި ދިވެހި ޤައުމަށް ޣައްދާރުވުމުން، އޭރު ސިޔާސީ ޚިލާފުތަކަކާއި ވާދަވެރިކަމެއް ގެންގުޅުއްވި ދެ ލީޑަރުން ކަމަށްވާ ޢަލިރަސްގެފާނާއި އަބޫބަކުރު ރަސްގެފާނު، ޤައުމީ މަސްލަހަތު އިސްކުރައްވައި ޞުލްޙަވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ޙަސަން ރަސްގެފާނުގެ ޤައުމާއި ދީނާ ދެކޮޅު ވިސްނުމަށް ނޫނެކޭ ވިދާޅުވެ، އޭރުގެ ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުން އިސްކުރެއްވީ ޤައުމީ ވިސްނުމާއި އިސްލާމްދީންކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ދިވެހީންނަކީ އަދި ދިވެހި ކާބަފައި އަޖުދާދުންނަކީ، އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން، ޤައުމީ ދުވަސް ހެކިކޮށްދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށާއި، ޤައުމީ ވިސްނުމާއި ޤައުމީ ރޫޙުން ހިތްތަކަށް ހަމަޖެހުން ގެނައުމަށާއި، އެއް ރޫޙެއްގައި އެއް އަމާޒެއްގައި ގުޅިގެން ދެމިތިބުމަށާއި، ބައިބައިވުންތަކާ ދުރުހެލިވުމަށާއި، ދިވެހީންގެ ރާއްޖެ އަކީ ދިވެހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހީން ގިރިގެން ގޮސްގެން ނުވާނޭކަމަށާއި، ދިވެހީން ތިބެން ވާނީ، ދިވެހީންގެ ދީނުގައި، ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
