ދިވެހިން އިސްކުރަނިވި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ މިމިނިވަންދުވަހުގެ އިހުތިފާލުން ސާބިތުވޭ: ރައީސް

މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް ކަމަށާ، އަދުގެ ސަރުކާރުން ތަންފީޒުކުރައްވާ ދިވެހިން އިސްކުރަނިވި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ، މިމިނިވަންދުވަހުގެ އިހުތިފާލުތަކުން ސާބިތުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އޮތް ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠިބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ވަޑައިގެންނެވިކަމާއި، ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، 43 ޤައުމަކާއި، އެކި އިދާރާތަކުން 113 ޑިޕްލޮމެޓުން މި އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި މިއީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ ޢަދަދަކަށް، ޚާރިޖީ ޑިޕްލޮމެޓުން މިފަދަ ގޮތަކަށް އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށާ، މިކަމުންވެސް އަންގައިދެނީ އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާފައި އޮތް ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙަޤީޤީ މިނިވަންކަމުގެ ފުންމާނައަށް ތަފްޞީލީ ގޮތެއްގައި ބައްލަވާލައްވާފައެވެ. ސިޔާސީ ގޮތުން ޤައުމަކަށް މިނިވަންކަން ލިބުމަކީ، ޤައުމެއް މިނިވަންކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާ، ޚާރިޖީ މިނިވަންކަމަކީ އޭގެ އެއްބައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ ދިވެހީންގެ ރާއްޖެ ކަމަށާ، މި ރާއްޖޭގައި އިސްކުރެވެން ޖެހޭނީ ދިވެހީންގެ ސިޔާސަތު ކަމުގައި ވިދާޅުވެ، އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ދިނުމުގެ ސިޔާސަތުތަކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މި މޭރުމުން ދުނިޔޭގެ ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެއިން ގާތްގުޅުމެއް ދަމަހައްޓާ ކަމަށާ، ނަމަވެސް އެއީ ދިވެހީންގެ ހިތްތަކާ ގުޅިފައިވާ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ އިޒްރޭލު ފިޔަވާ އެހެން ޤައުމުތަކާކަން ރައީސުލްޖުމްހޫރިއްޔާ، ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މީގެ ކުރިން، ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތު ގެންގުޅުނު ކަމުގައި ވީ ނަމަވެސް، އެއީ ދިވެހީންނާ ދޯޅަ ގޮތެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހީންގެ ވިންދާއި، އިޙްސާސްތަކާ ގުޅޭ ޚާރިޖީ ސިޔާސަތަކީ، އެ ސިޔާސަތަކުން ދިވެހީންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުމެއް ދެމެހެއްޓުމާއެކު ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތުގައި އެހީތެރިކަންދޭނެ ހުރިހާ ޤައުމުތަކާއެކު ގުޅުންތައް ބަދަހިކުރެވޭނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ހަނގުރާމަތަކާއި އަނިޔާވެރިކަމަކީ ދިވެހީން ޤަބޫލުކުރާ ހަމަތަކެއް ނޫން ކަމަށާ، އަބަދުވެސް އިސްކުރާނީ ސުލްޙަ ކަމުގައި ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސުލްޙަވެރިކަމާއެކު ކަންކަން ޙައްލުކުރުމަށް ގޮވާލައްވާފައެވެ. ޚިޔާލުތަފާތުވުންތައް މެދުވެރިވީނަމަވެސް، ކަނޑިބަޑިން އެކަމަކަށް ހޯދޭނެ ޙައްލެއް ނޯންނާނެ ކަމަށާ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަވަނީ މި އަސާސްގެ މަތީގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އެކިއެކި ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާ ގުޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މަސައްކަތްތައް މަޑުޖެހިފައި އޮތްއޮތުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޚިޔާލުތަފާތުވުންތަކަކީ މަޝްވަރާކުރެވިގެން ހައްލު ހޯދޭނެ ކަމެއްކަމުގައި އަދުގެ ސަރުކާރުން ޤަބޫލުކުރާ ހިނދު، ސާކްގެ ބައްދަލުވުންތައް އަލުން ފަށައިގަތުމަށްޓަކައި، ސަރަޙައްދީ ސުލްޙަ އިސްކޮށް، މަޝްވަރާގެ މޭޒަށް މެންބަރު ޤައުމުތަކުން ހާޒިރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖެއިން އިސްވެ ހަރަކާތްތެރިވުމަށް ތައްޔާރަށް އޮތްކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ސާކްގެ އިތުރުންވެސް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)އާއި ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުގައި ދިވެހިރާއްޖެއިން އަދާކުރާ އިސްދައުރު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ސަރަޙައްދީ މިނިވަންކަން ކަށަވަރުވެފައި އޮތުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ދިވެހިރާއްޖޭގެ ޙައްޤު ސަރަޙައްދު ހޯއްދެއްވުމަށް މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުވެސް ތަކުރާރުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދީ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންވެސް އިސްލާޙްތައް ގެނެސްދެއްވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތަފްސީލީ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.