އަންދަލުސްގެ ބާޒު – 83

(29 މޭ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެޔަށް ފަހު އެންޖެލާގެ ގާތަށް ޖެހިވަޑައިގެން އޭނާ އައްސައިފައި ހުރި ވައުތައްވެސް ކޮއްޓަވައިލައްވައިފިއެވެ. އަދި އެހެން އަސްވާރެއްގެ ގާތަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [އަވަސްކުރާށެވެ. ކަލޭގެ ކަމަންދު ނިކަން އަވަހަށް އަހަރެންގެ އަތަށް ދޭށެވެ.] (ކަމަންދަކީ ހަމަލާގައި ތިބޭ މީހުން އެކަކު އަނެކަކުގެ ކަރުގައި އަޅުވައިފައި ދަމައިގަންނާން ގެންގުޅުނު މަޅިއެކެވެ. މަޅި ޖަހައިފައި ހުންނަނީ ދިގު ވަލެއްގެ އެއް ކޮޅުގައެވެ.)

އަސްވާރު އޭނާގެ އަސްދާނުގޮނޑީގައި އައްސައިފައި އޮތް ކަމަންދު ނަގައި ބަދްރުގެ އަތްޕުޅަށް އަރުވައިފިއެވެ.

ތަންކޮޅެއް ދުރުން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށުމާއެކު އެއްވެފައި ތިބި މީހުންގެ ސަމާލުކަން އެ ދިމާއަށް އެނބުރިއްޖެއެވެ. ބަޝީރް ބިން ޙަސަން އޭރުވެސް ހުންނެވީ ފުލުހުންގެ ވެރިޔާއާ ވާހަކަފުޅު ދައްކަވައި އޭނާގެ ސަމާލުކަން އެހެން ދިމާއަކަށް ދިޔަނުދީ ހިފަހައްޓަވައިގެންނެވެ. އަސްތަކުގެ ފިޔަވަޅުގެ އަޑު އިވޭން ފެށީމާ އޭނާ ބުނެފިއެވެ. [މާތްވެގެންވާ ބައްޕާއެވެ. ކައުންޓް އެންތަނީ ވަޑައިގަތީހެން ހީވެއެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ. އަޅުގަނޑު އެ ދިމާއަށް ޖެހިލާނަމެވެ. އެކަމަކު ފުރައިވަޑައިގަތުމުގެ ކުރީން މާދަމާގެ ވަގުތެއްގައި އަޅުގަނޑާ ބައްދަލުކޮށްލައްވާން ވާނެއެވެ.]

ބަޝީރްގެ ޖަވާބަކަށް އިންތިޒާރު ނުކޮށް އޭނާ އަޑު އަންނަ ދިމާއަށް ހިނގައިގެންފިއެވެ.

ގަވަރުނަރާއި ބިޝޮޕާ ދެމީހުން އޭރުވެސް ތިބީ އަސްވާރަކާ ވާހަކަދައްކާށެވެ. ގަވަރުނަރު ބުންޏެވެ. [ކައުންޓް އެންތަނީ އަރިހުގައި ލަޝްކަރެއް އައި ފާޑު އެބަ ޖަހައެވެ.]

އަސްވާރު ބުންޏެވެ. [އެމަނިކުފާނުގެ އަރިހުގައި ފަންސާހަކަށް މީހުން އަންނާނެއެވެ.]

ބިޝޮޕް ބުންޏެވެ. [އެހައި ގިނަ ބަޔަކު ގެންނެވުމުގެ ބޭނުމެއް ނުވިސްނެއެވެ.]

ބަދްރު ބިން މުޣީރާ ފައިމަގުގައި ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ސަބަބު އަޅުގަނޑު ދަންނަވައިފާނަމެވެ. އަޅުގަނޑާއެކު ހިންގަވާށެވެ.]

ބިޝޮޕް ކަންބޮޑުވެފައި އަހައިލިއެވެ. [ކަލޭ ތިޔައީ ކާކު ހެއްޔެވެ؟]

ބަދްރު ވިދާޅުވިއެވެ. [މަނިކުފާނަށް އަޅުގަނޑު އެނގިވަޑައެއް ނުގަނޭތޯއެވެ؟]

ބިޝޮޕް ބުންޏެވެ. [އަނދިރިކަމުން ތަނެއް ދޮރެއް އެނގޭވަރެއް ނޫނެވެ. ކަލޭގެ އަޑަކީ އަހަންނަށް ބީރައްޓެހި އަޑެކެވެ.]

ބަދްރު ވިދާޅުވިއެވެ. [މާތްވެގެންވާ ބައްޕާއެވެ. އެންމެ ފުރަތަމަ ވަރަށް މުހިއްމު ވާހަކައެއް މަނިކުފާނަށް ދަންނަވައިލާން އަޅުގަނޑު ބޭނުން ވެއެވެ. އޭގެ ފަހުން އަޅުގަނޑާ އެއްވެސް ސުވާލެއް ކުރައްވާން ޖެހިވަޑައި ނުގަންނަވާނޭކަން ޔަގީނެވެ.]

ބިޝޮޕް ބުންޏެވެ. [ޑޮން ލުއީގެ ކުރިފުޅުމަތީގައި ނުދެއްކޭ ވަރުގެ ވާހަކައަކަށް އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟]

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑު ގަވަރުނަރު އަރިހުން ފަހުން މާފަށް އެދިފާނަމެވެ. އަޅުގަނޑު ދައްކާން އުޅޭ މުހިއްމު ވާހަކަ ދެންނެވޭނީ މަނިކުފާނުގެ އަރިހުގައެވެ. އެހެން އެއްވެސް މީހަކަށް އެ ވާހަކަ އަޑު އިއްވާކަށް އަދި ބޭނުމެއް ނޫނެވެ.]

ބަދްރު ބިޝޮޕްގެ މުލައްދަނޑީގައި ހިއްޕަވައިފިއެވެ. އޭނާ ކަންބޮޑުވެފައިވާ ހާލަތެއްގައި ބަދްރުގެ އަރިހުގައި ކުރިއަށް ހިނގައިގެންފިއެވެ. ތަންކޮޅެއް ދުރުގައި ހުންނެވި ބަޝީރަށް ބަދްރު ފާހަގަ ކުރެއްވުނީމާ އަރިހަށް ވަޑައިގެންފިއެވެ.

ބިޝޮޕް ބުންޏެވެ. [އެ މީހުން އެ އައީއެވެ. ތިޔަ ދައްކަން އުޅޭ ވާހަކައެއް އަވަހަށް ދައްކާށެވެ. އަހަރެންގެ އަތުން ދޫކޮށްލާށެވެ.]

އޭނާގެ މުލައްދަނޑި އޭރުވެސް ވަނީ ބަދްރުގެ ބާރުފުޅުގަދަ އަތްޕުޅުގެ ތެރޭގައެވެ. [ހިމޭނުން ހުންނާށެވެ.]

ބިޝޮޕްގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަދެއްޖެއެވެ.

ބަދްރު ވިދާޅުވިއެވެ. [މީނާ ގެންދަވާށެވެ. މި ވައުވެސް ގެންދަވާށެވެ. އެއްކޮޅުގައި މި ކަލޭގެ އައްސަވައިފައި ބަހައްޓަވާށެވެ. އަނެއް ކޮޅު ހުހަށް ބާއްވަވާށެވެ. ގަވަރުނަރު ގޮވައިގެން އަޅުގަނޑު އެބަ އަންނަމެވެ.]

ހަޅޭއްލަވައިގަންނާން ބިޝޮޕް އުޅުނެވެ. އެހެންނަމަވެސް އޭނާގެ ކަނދުރާގައި ބަޝީރް ޚަންޖަރެއް ޖައްސަވައިފައި ހުރުމުގެ ސަބަބުން އަޑެއް އިއްވައިލާކަށްވެސް ނުކެރުނެވެ. ބަޝީރް އޭނާ ގޮވައިގެން ކުރިއަށް ހިންގަވައިގެންފިއެވެ.

އަސްތަކުގެ އަޑު މިހާރު ވަރަށް ކައިރިވެއްޖެއެވެ. ޑޮން ލުއީ އެ ދިމާއަށް ދާން ގަސްތުކޮށްފިއެވެ. އެ ވަގުތު ބަދްރު ކުރިއަށް ޖެހިވަޑައިގެން އޭނާގެ މުލައްދަނޑީގައި ހިއްޕަވައިފިއެވެ. އަދި ޚަންޖަރު އޭނާގެ ކަރުގައި ޖެއްސެވުމަށް ފަހު ވިދާޅުވިއެވެ. [އަހަންނާއެކު ހިނގާށެވެ. ވާހަކަދައްކަން އުޅުނަސް، ހަޅޭއް ލަވައިގަންނާން އުޅުނަސް...] ޖުމުލަ ފުރިހަމަ ނުކުރައްވައި ބަދްރު ޚަންޖަރުގެ ތުނޑު ޑޮން ލުއީގެ ކަރުގައި ޖައްސަވައިލެއްވުމަށް ފަހު ކުޑައިކޮށް ބާރުކޮށްލައްވައިފިއެވެ. އޭނާ ކުރާނޭ ކަމެއް ނެތުމާއެކު ބަދްރުގެ އަރިހުގައި ކުރިއަށް ހިނގައިގެންފިއެވެ.

ބަދްރުގެ އަސްވާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ފުލުހުންގެ ވެރިޔާގެ ސިފައިން ދަރުފުންޏާ ވީހައިވެސް ދުރަކަށް ގެންދާށެވެ. އެހެންވީމާ ދަރުފުނީގެ ވަށައިގެން ބާރަށް އަސް ދުއްވަމުން ގެންދަނީއެވެ. އެ ރަށުގެ ސިފައިން އަސްތަކުގެ ފައިދަށު ނުވެ ސަލާމަތް ވެގެން ދުރަށް ދުވަނީއެވެ.

ބަދްރު ވަޑައިގެން ރަބީޢާ ދަރުފުނި މަތީން ބޭލުއްވުމަށް ފަހު ޑޮން ލުއީ އަރުއްވައި ތަނބާއެކު ބަންނަވައިފިއެވެ. ހަމަ އެ ވަގުތު ބަޝީރް ވަޑައިގެން ބިޝޮޕްވެސް އެންޖެލާ ހުރި ތާނގައި، ތަނބާއެކު ބަންނަވައިފިއެވެ.

އަނެއްކޮޅުން ފެންނަ މަންޒަރުވެސް ވަރަށް ބޮޑަށް ބަދަލުވެގެން ހިނގައްޖެއެވެ. ދުރުން އައި ފަންސާސް އަސްވާރުން އެއްވެފައި ތިބި މީހުންނާ ހަމައަށް އާދެވުމާއެކު ﷲ އަކްބަރުގެ ނަޣަރާކޮށްފިއެވެ. އެއްވެފައި ތިބި މީހުންނަކަށް ހަދާނެނަހަދާނެއެއް ނޭނގުނެވެ. ކޮޅުކޮޅު މައްޗަށް ދުއްވައިގަތީމާ އަނދިރީގެ ތެރޭގައި އެކަކު އަނެކަކާ މުޑިއަރާން ފަށައިފިއެވެ. ބައެއް މީހުން ވެއްޓި މީސްމީހުންގެ ފައިދަށުވެސް ވާން ފަށައިފިއެވެ. ލޯޝާގެ ސިފައިން މިހާރު ދަރުފުނީގެ މަތީން ހަނދާން ނައްތައިލާފައި ދުވަމުންދާ މީހުންނާ ބައިވެރިވެގެން ޖާނު ސަލާމަތް ކުރެވޭތޯ އުޅެގެންފިއެވެ.

ދަރުފުނީގެ ކައިރީގައި ފާރައަށް ތިބި ހަތަރު އަސްވާރަކު އަހުން ފައިބައިފިއެވެ. ބަދްރު ބިން މުޣީރާ ހެދުންކޮޅު މަތީން ތުރުކުރައްވައިގެން ހުންނެވި ރާހިބުގެ ހެދުން ބޭލުއްވުމަށް ފަހު އެ ތަނުން އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެންފިއެވެ. އެއް އަހަށް ބަޝީރު އަރައިވަޑައިގެންފިއެވެ. އަނެއް ދެ އަހަށް އެރީ ރަބީޢާއާއި އެންޖެލާއެވެ.

ބަދްރު ވިދާޅުވިއެވެ. [ބަޝީރެވެ. ރަބީޢާއާއި އެންޖެލާ ގޮވައިގެން އެތަނަށް ވަޑައިގެން އަޅުގަނޑަށް އިންތިޒާރު ކުރައްވާށެވެ. އަޅުގަނޑު ލަސްތަކެއް ނުވެ އަންނާނަމެވެ.]

ބަޝީރު ލަގަނަށް ސަމާލުވެވަޑައިގެންފިއެވެ. ބަދްރު އަރިހުގައި ތިބި ފަސް އަސްވާރުންނާ ދިމާއަށް ވިދާޅުވިއެވެ. [ކަލޭމެންވެސް ބަޝީރުގެ އަރިހުގައި ދާށެވެ.]

އެޔާއެކު އަށް އަސްވާރުން ހަލުވި ކަމާއެކު އަސް ދުއްވައިލައިފިއެވެ. ބަދްރު އަހުގައި ކުރިއަށް ޖެހިވަޑައިގެން ކައިރީގައި ހުރި ފުލުހެއްގެ އަތުން ދަންމަރެއް އަތުލެއްވުމަށް ފަހު ދަރު ފުންޏާ ދިމާއަށް އެއްލަވައިފިއެވެ. ދަރުފުނީގައި އަވަހަށް ހުޅު ހިފާނޭ ގޮތް ހެދުމުގެ ގޮތުން ހުރީ ހިކި ހުއި އަޅައިފައެވެ. ވުމާއެކު ދަންމަރު ގޮސް ދަރުފުނީގެ މަތީގައި ޖެހުމާއެކު ހުޅު ހިފައިފިއެވެ. ގަވަރުނަރާއި ބިޝޮޕާ ދެމީހުން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ގެންދެއެވެ. އެކަމަކު އެ ހައިޖާނުގެ ތެރޭގައި އެ މީހުންގެ އަޑު އަހާނޭ އެއްވެސް މީހަކު ނެތެވެ. މައިދާން އޮތީ ގިޔާމަތެއް ލައިގަތް ކަހަލަ ގޮތަކަށެވެ. ބަދްރުގެ އަސްވާރުން ގެންދިޔައީ އައްޑަނައިގެ އެހީގައި މީހުންތައް ދުރައް ޖައްސަމުންނެވެ. ކަންބޮޑުވެގެން ދުވާ މީހުން އޭރުވެސް އެކެއްގެ ގައިގައި ޖެހިފައި އަނެކެއްގެ ގައިގައި ޖެހިފައި ވެއްޓެމުން ތެދުވަމުން ތިބެގެން ދެއެވެ. އެއް ބަޔަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ. އަނދިރީގެ ތެރޭގައި ލޯޝާގެ މީހުން ހީކުޅައީ އެތައް ހާސް އަސްވާރުންނެއް އެމީހުންގެ މައްޗަށް ފާވެގަތީ ކަމުގައެވެ. ލޯޝާގެ ފުލުހުންގެ ވެރިޔާއާއި އޭނާގެ ސިފައިން ވީތަނެއް މިހާރަކު ނޭނގެއެވެ. އަނދަމުންދާ އަލިފާނުގެ އަލީގެ ތެރެއިން ބައެއް މީހުންނަށް އެމީހުންގެ ގަވަރުނަރާއި ބިޝޮޕް ފާހަގަ ކުރެވިއްޖެއެވެ. އެކަމަކު އެކަކުވެސް އެ މީހުން ސަލާމަތްކުރާކަށް ނޫޅުނެވެ.

މާ ގިނަ އިރުތަކެއް ނުވެ މުޅި މައިދާން ހުސްވެއްޖެއެވެ. ސިފައިން އެއްކުރައްވައި އިންތިޒާމު ކުރެއްވުމަށް ފަހު ބަދްރު އެ މީހުންނާ މުޚާތަބު ކުރައްވައި ދިވާޅުވިއެވެ. [އަހަރެމެންގެ މަސައްކަތް ނިމުނީއެވެ. އެކަމަކު އެނބުރިދާން ވަރުބަލިނުވާ ތާޒާ އަސްތަކެއް އަހަރެމެންނަށް ބޭނުންވާނެއެވެ. ލޯޝާގައި މަދު ނުވާވަރަށް އަސް ހުންނާނެއެވެ. ގަޑިއެއްހައި އިރުގެ ތެރޭގައި ދަތުރަށް ފަށަން ޖެހޭނެއެވެ. ކަލޭމެން ތިޔަ ތިބީ ތައްޔާރަށް ހެއްޔެވެ؟]

މަންޞޫރު ބިން އަޙްމަދު ވިދާޅުވިއެވެ. [އާދޭހެވެ. އަޅުގަނޑުމެން ތައްޔާރެވެ.]

[އަވަހަށް ހިނގާށެވެ.]

(3)

ދޭއް ބައި ކޯހެއްހައި ދުރުމިނަށް ދަތުރު ކުރެއްވުމަށް ފަހު ބަޝީރް ބިން ޙަސަން ބައިވެރިންނާއެކު މަޑުކޮށްލެއްވީ ފައްޅިއެއްގެ ދޮރާށިދޮށަށެވެ. ދޮރާށިދޮށުގައި ރާހިބަކު އިންތިޒާރުގައި ހުއްޓެވެ. ބަޝީރް ފެނުމާއެކު ބޮޑު ދޮރާށި ހުޅުވަން އޭނާ ފާރަވެރިންނަށް އަމުރުކޮށްފިއެވެ. ފާރަވެރިން އެތެރެއިން މަކުޑިތައް ނައްޓައި ދޮރާށި ހުޅުވައިފިއެވެ.

އެތެރޭގައި ފައްޅީގެ އިމާރާތެއްގެ ފެންޑާގައި ތިން ރާހިބަކު ތިއްބެވެ. އެ މީހުން އައިސް ބަޝީރްގެ އަސްކޮޅާއި ދެ އަންހެންކުދިންގެ އަހުގެ ލަގަނުގައި ހިފައިފިއެވެ. އެންޖެލާއާއި ރަބީޢާއާއި ބަޝީރާ ވަޑައިގެން ވެދެވަޑައިގަތީ ތަނަވަސް ކޮޓަރިއަކަށެވެ. ކޮޓަރި ޒީނަތްތެރިކޮށްފައި ވަނީ އަގު ބޮޑު ތަކެތިންނެވެ. ދަންމަރުތައް ހަރުކޮށްފައި ވަނީ ރަނުގެ ބުޅިތަކެއްގައެވެ. ސަންގުމަރުމަރު ހިލައިގެ ތަޅަންމަތީގައި މޭޒެއްގެ ދޮށުގައި ގޮނޑި އަތުރައިފައި ހުއްޓެވެ. މޭޒުގެ މެދުގައި އަށެއްކަ އުށްބައްތި ދިއްލައިފައި ހުއްޓެވެ.

ބަޝީރު ވިދާޅުވިއެވެ. [މި ވަގުތަށް މިއީ އަހަރެމެންގެ ގެއެވެ. ދެ ކުދިން ރަނގަޅަށް އަރާމުކޮށްލާށެވެ.]

އެންޖެލާ ބިރުން ހުރެ އަހައިލިއެވެ. [އެކަމަކު މިއީ ފައްޅިއެއް...]

ބަޝީރް ހެދުންކޮޅުގެ މަތީން ތުރުކުރައްވައިގެން ހުންނެވި ރާހިބުގެ ހެދުން ބޭލުއްވުމަށް ފަހު ހިނިތުންވެވަޑައިގެންފައި ވިދާޅުވިއެވެ. [ފާއިތުވެ ދިޔަ ތިން ދުވަހުއްސުރެ މި ފައްޅި މިހިރީ އަހަރެމެންގެ ބާރުގެ ދަށުގައެވެ. ތިޔަ ދެކޭ ރާހިބުންނަކީ ހައްތަހައިވެސް އަހަރެމެންގެ މީހުންނެވެ. މި ފައްޅީގެ އަސްލު އަހުލުވެރިން މަތީބުރީގެ ކޮޓަރިއެއްގައި ހައްޔަރުކޮށްފައި އެބަ ތިއްބެވެ. ބަނޑުހައިވޭ ހެއްޔެވެ؟]

އެންޖެލާ ރަބީޢާއާ ދިމާއަށް ބަލައިލިއެވެ. އަދި ބަޝީރާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [މަނިކުފާނުގެ މި ގޭގައި ސީދާ ބަހުން ވާހަކަދެއްކުމަކީ ނާތާހުޒީބު ކަމެއް ކަމުގައި ނުވާނަމަ ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ ދައްތަ އެއިނީ ބަނޑުހައި ވެގެންގޮސް ހާންތިވެފައެވެ.]

ރަބީޢާ ބުންޏެވެ. [އަހަރެންގެ ކޮއްކޮއަކީ އަންދަލުސްގެ އެންމެ މޮޅު ބޭސްވެރިޔާއެވެ. އަހަރެމެން ދެ މީހުންގެ ތެރެއިން ބޮޑަށް ބަނޑުހައިވެފައި އިނީ ކާކުކަން ދެނެވަޑައިގަތުމަކީ އޭނާއަކަށް ދަތިފުޅު ކަމަކަށް ނުވާނެއެވެ.]

[އަހަރެންގެ ދެ މެހުމާނުންވެސް ތިޔަ ތިބީ ވަރަށް ބޮޑަށް ބަނޑުހައި ވެފައިތާއެވެ.] މިހެން ވިދާޅުވެފައި އޭނާ އަތްތިލަބަޑިއެއް ޖައްސަވައިލެއްވީމާ ރާހިބަކު އެ ކޮޓަރިއަށް ވަދެއްޖެއެވެ.

ބަޝީރު ވިދާޅުވިއެވެ. [މި ކުދިންނަށް ކާނޭ އެއްޗެއް ގެނެސްދޭށެވެ. ދެން ތިޔަ ހެދުންވެސް ބަދަލުކޮށްލާށެވެ. މިހާރަކު ތިޔައިގެ ބޭނުމެއް ނެތެވެ.]

ކުޑަ އިރުކޮޅެއް ފަހުން ސިފައިންގެ ޔުނިފޯމުގައި ހުރި މީހަކު ބޮޑު ދޮލަނގެއް ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އެ ދޮލަނގުގައި ހުރީ ރޮށީގެ އިތުރަށް ފިހެފައި ހުރި ބަކަރި މަސް ހުއްޓެވެ. އޭގެ ފަހުން އެހެން މީހަކު މޭވާ ދޮލަނގެއް ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓައިފިއެވެ.

ބަޝީރް ތެދުވެވަޑައިގެންފިއެވެ. [ހަމަޖެހިލައިގެން ތިބެ ކައިލާށެވެ. އަހަރެން އެބަ އަންނަމެވެ.]

ރަބީޢާ އަހައިލިއެވެ. [މަނިކުފާނު ފަރީއްނުކުޅައްވަނީތޯއެވެ؟]

ބަޝީރް ވިދާޅުވިއެވެ. [އަހަރެން ކާނީ އެހެން މީހުންނާ އެކުގައެވެ.]

ބަޝީރް އެ ކޮޓަރިން ނުކުމެވަޑައިގެން ފެންޑާއެއްގެ ތެރެއިން ވަޑައިގެން އެހެން ކޮޓަރިކޮޅަކަށް ވެދެވަޑައިގެންފިއެވެ. އެ ކޮޓަރީގައި ހަތަރު މީހަކު ތިއްބެވެ. އޭނާ ވެދެވަޑައިގަތީމާ އެ މީހުން ތެދުވެއްޖެއެވެ. ބަޝީރް ސުވާލުކުރެއްވިއެވެ. [އެންމެން ކެއީ ހެއްޔެވެ؟]

އެތަނުން އެކަކު ޖަވާބު ދިނެވެ. [އަޅުގަނޑުމެން ކައިފީމެވެ. އަބޫ މުޙްސިން ފަރީއްނުކުޅުއްވައެވެ.]

ބަޝީރް ވިދާޅުވިއެވެ. [އޭނާ މިހާރު ހުންނަވާނީ ބޮޑު ރާހިބާ ބަހުސުކުރައްވާށެވެ.]

ސިފައިން ހީނގެންފިއެވެ.

ބަޝީރް ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. މިތަނަށް ވަޑައިގަންނަވާށޭ އޭނާއަށް ދަންނަވާށެވެ. އަހަރެމެންގެ ކެއުން މިތަނަށް ގެންނާށެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.