ޝައްކެއްވެސް ނެތެވެ. ދިވެހި ރާއްޖޭގެ އާޡާރީ ތަރިކާގައި ހިމެނޭ ދުވަސްވީ ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ވާހަކަ ތާރީޚްގައި އައި ގިނަ ސަރުކާރު ތަކުން ވެސް ވަރަށް ދައްކައެވެ. ނޫސް ތަކުގެ ސުރުޚީތަކުން ވެސް ފެނެއެވެ. ކަމާ ގުޅުންހުރި މުއައްސަސާތައް ހަދައެވެ. އެހެން ނަމަވެސް ރާއްޖޭގެ މުއްސަނދި ތާރީޚީ ލިޔުންތައް މިހާތަނަކަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރި ކުރެވިފައި ނެތްކަމީ ޙަޤީޤަތެކެވެ. ކޮންމެ ޤައުމެއްގެ ވެސް އެޤައުމެއްގެ އާޡާރީ ނުވަތަ ދުވަސްވީ ލިޔުންތައް އެއީ އެޤައުމެއްގެ މުހިންމު ތަރިކައެކެވެ. ރާއްޖޭގެ މިފަދަ ތަކެތި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރެއްގެ މަސްއޫލިއްޔަތެކެވެ.
މުސްތަޤްބަލްގެ ޖީލު ތަކަށް މިތަރިކަ ފޯރުކޮށްދިނުމަށް މިތަކެތި ޖިޒިޓަލައިޒް ކުރަން ބޭނުންވާނަމަ މިކަންކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދަން ޖެހެއެވެ. ހަމަ އެއާއެކު އެކަށީގެންވާ ވަރަށް މުއައްޒަފުން ތަމްރީނު ކުރަން އެބަޖެހެއެވެ. މިފަދަ ތަކެތި ބެހެއްޓިފައި ހުންނަ ތަން ތައްޔާރު ކުރެވިފައި ހުންނަން ޖެހޭނީ ވަކި ގޮތަކަށެވެ. ވަކިކަހަލަ ހަރުތަކެއް ހުންނަން ޖެހެއެވެ. ތަނުގެ ފިނިހޫނު މިނާއި، ލައިޓްތައް ހުންނަން ޖެހޭނީ ވެސް ވަކި ގޮތަކަށެވެ. އެތަކެތި ބަހައްޓާފައި ހުންނަ ތަނުގައި ބޭނުންކުރާ ކެމިކަލް ވެސް ލިބެން ހުންނަން ޖެހެއެވެ. މުއައްޒަފުން އެމަސައްކަތުގައި އުޅޭއިރު ބޭނުންކުރާ ޔުނީފޯމް ނުވަތަ ހެދުން، އަތަށް ލައްވާ އަންގިފަދަ ތަކެތި ހުންނަން ޖެހެއެވެ.
ލިޔެ ކިޔުންތައް ހުންނަންވާނީ ކޮޕީ ހެދި، ލިޔުން ތަކުގެ އަޞްލު ރައްކާތެރި ކަމާއެކު ފައިލް ކުރެވި ލާއަޅައި ބަންދު ކުރެވިފައެެވެ. އެފައިލް ބަންދު ކުރުމަށްފަހު އެއަޞްލު ފައިލް ހުޅުވޭނީ އެވިދާރާ އެއްގެ އެންމެ އިސް ވެރިއެއްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ކޮޕީގެ ފައިލް ތައްވެސް ރައްކާތެރި ކަމާއެކު ބެލެހެއްޓެން ޖެހޭނެއެވެ. ތަރިކައިގެ ތެރޭގައި ހިމެނޭ ލިޔެ ކިޔުންތައް ރައްކާތެރި ކަމާއެކު ބެލެހެއްޓޭނީ ދެންނެވިފަދަ ރައްކާތެރި ކަމުގެ މާޙައުލެއްގައެވެ. ތަރިކައިގެ ތެރޭގައި ހިމެނޭ ލިޔުން ތަކުގެ އިތުރުން، ފޮޓޯ ފަދަ ތަކެތި ވެސް ފައިލް ތަކުގައި ރައްކާ ކުރެވެން ޖެހޭނެއެވެ.
ދެން ފާހަގަ ކޮށްލާނީ، ތަރިކައިގެ ތެރޭގައި ހިމެނޭ ލަކުޑި، ލޮއި، ދަގަޑު، މުށި ފަދަ ތަކެތީގެ މައްޗަށެވެ. އެގޮތުން އެފަދަ ތަކެތި ރައްކާތެރި ކަމާއެކު ބެހެއްޓޭފަފަ ހަރުތަކާއި، ސޯކޭސް ފަދަ ތަކެތި ވެސް ހުންނަން ޖެހެއެވެ. މިތަކެތި ބެލެހެއްޓުމަށް ބޭނުންވާ ކެމިކަލްތައް ވެސް ލިބެން ހުންނަންވާނެއެވެ.
މިތަރިކައިގެ އެންމެހައި މަޢުލޫމާތު ކޮމްޕިއުޓަރައިޒް ކޮށް ނިމޭއިރު ހުންނަންވާނީ އެތަނުގައި ހުންނަ ކޮމްޕިއުޓަރު ތަކުން އެމަޢުލޫމާތު ލިބޭ ގޮތަށެވެ. އަދި ޤައުމީ ޔުނިވަރސިޓީއާވެސް ހުންނަންވާނީ ނެޓްވޯކުން ގުޅިފައެވެ. މަޢުލޫމާތު ހޯދަން އަންނަ ކިޔަވާ ކުދިންނަށާއި، ޢާންމުންނަށް ވެސް އެމަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހުންނަންވާނީ ކުރެވިފައެވެ.
ދެންއޮތީ ވެސް ދޫކޮށްލެވެން ނެތް މުހިންމު ތަރިކައެއްގެ ވާހަކަ އެކެވެ. އެއީ، އާސާރީ ޢިމާރާތްފަދަ ތަންތަނާއި، ތަކެތީގެ ވާހަކައެވެ. އެތަކެއްޗާއި، ތަންތަން ބެލެހެއްޓުމަކީ ވެސް ނުކޮށް ދޫކޮށްލެވެން ނެތް ކަންކަމެވެ. އެކަމަށް ވެސް ބޭނުންވާ ސާމާނު ހުންނަންޖެހެއެވެ. ތަމްރީނު ވެފައިތިބި ބަޔަކު ތިބެން ޖެހެއެވެ. ނޫންނަމަ އެފަދަ ޢިމާރާތް ތަކުގައި ކަތުރުފަނި ފަދަ ފަނިއަޅައި އިސާހިތަކު އެތަނެއް ހަލާކުވެއެވެ. ރާއްޖޭގެ ރަށްރަށުގައި ހުންނަ އެފަދަ ތަންތަނާއި، ތަކެތި ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގެ އާޡާރީ ތަރިކާގައި ހިމެނޭ ތަކެއްޗާއި، ތަންތަން ޙިމާޔަތް ކުރެވޭނީ ސަރުކާރުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ލިބުނު ދުވަހަކުންނެވެ.
