އިރު ކޮލަމް: މިގައުމުގެ ދަރީންގެ އަޚްލާޤަށް މިވަނީ ކިހިނެތް ހެއްޔެވެ؟

މިރީތި ޤައުމުގެ ދަރީންގެ އަޚްލާޤް ގެއްލި ޤައުމުގެ ޙާލަތު ވަރަށް ހުތުރު ވެއްޖެއެވެ. މިވާގޮތަކާމެދު ޤައުމުގެ އެންމެން އަދިވެސް ވިސްނާލަން ނުޖެހޭ ހެއްޔެވެ؟ އެގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލާނަމެވެ. އަޅުގަނޑަށް ފެންނަ އެއްޗެއް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް އެތައް ދަރީންނެއްގެ ބެލެނިވެރިއެއްގެ ޙައިޘިއްޔަތުން އެއްޗެއް ދަންނަވާ ނުލައި ނުހުރެވުނީއެވެ.

އަޅުގަނޑުމެން މީގެ ކުރިން މި ޤައުމުން ދުށް ރީތި މަންޒަރު މިއަދު ބަދަލު ވެއްޖެއެވެ. ސްކޫލް ތަކުގެ އަޚްލާޤް ބޮއްސުން ލައިފިއެވެ. ދަރިވަރުން ސްކޫލުގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރި ކޮށް ނުހިތައެވެ. ބޭނުންވީމާ ފެންނުވަރައި ވެސް ސްކުލަށް ދަނީއެވެ. ސްކޫލުން މަނާ ކުރިޔަސް ބޭނުންވީމާ އައިޕެޑާއި، ފޯނާއި، ކަޓަރު ވެސް ގެންދަނީއެވެ.އަދި ކްލާސްތެރޭގައި ގޭމް ކުޅުމާއި، ދެޖިންސުން މަސްހުނިވެ ތިބެ ގަޔަށް އަތްވެސް ލަނީއެވެ. މިއިން ކަމެއް ޓީޗަރަކަށް ފެނިގެން މަނާކުރިޔަސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ބެލެނިވެރިން ގޮސް ސްކޫލްތެރެއަށް ވަދެ ދަރިވަރުންގެ ކުރިމަތީގައި ޓީޗަރާއި، ޕްރިންސިޕަލާ ދިމާއަށް ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުންވެސް މިއޮތީ ޢާއްމު ވެފައެވެ. ދަރިވަރަކު ފޮތް ނުގެނެސް ފިލާވަޅު ދަސް ނުކުރިޔަސް ޓީޗަރަށް ކުރެވޭނެ ކަމެއް ނޯވެއެވެ. ގިނަ ސްކޫލް ތަކުގައި ސްކޫލަށް ގެންދިޔުން މަނާ ތަކެތި ގެންދިޔަސް ސްކޫލަކުން ފިޔަވަޅެއް އެޅޭކަށް އޮންނަ ކަމަށްކަށް ނުވެއެވެ. ގިނަފަހަރަށް އެފަދަ ތަކެތި ގެންދަނީ ސަރުކާރުގެ ކޮންމެ ވެސް މަތީ މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ދަރިއެއްވީމާ އެޅޭނެ ފިޔަވަޅެއް ހަމަނޯންނަނީ ކަމަށް ވެއެވެ. ފިޔަވަޅު އަޅައިފިނަމަ އެޓީޗަރެއް ނުވަތަ ޕްރިންސިޕަލްގެ ވަޒީފާ ގެއްލިދާނެތީއެވެ.   އާދައިގެ މީހެއްގެ ދަރިއަކު މަނާއެއްޗެއް ސްކޫލަށް ގެންގޮސްފިނަމަ އެކަމާ ފިޔަވަޅު އެޅެއެވެ. ދެރަ ނިކަމެތީންނަށް އޮންނަނީ ދެރަ ގޮތެވެ.

ދެން ދަންނަވާލާހިތް އޮތީ މިކަން ރަނގަޅު ކުރެވޭނެ ގޮތަކާމެދު އަޅުގަނޑުގެ ކޮށި ވިސްނުމަށް ފެންނަ ގޮތެވެ. މިގޮތުން އަޅުގަނޑަށް ފެންނަ ގޮތަކީ ތަންކޮޅެއް ކުރިން އަޅުގަނޑުމެން ތަޖުރިބާ ކޮށްފައި އޮތް ގޮތެކެވެ. އެއީ ކޮންމެ ސްކޫލެއްގައި ވެސް ނާޒިރު ނުވަތަ ޕްރިންސިޕަލްގެ ދަށުން ސްކޫލްގައި މުރުޝިދުލް އަޚްލާޤަކު ނޫންނަމަ ޑިސިޕްލިން ބަލަހައްޓާ ސްޕަވައިޒަރަކު ބެހެއްޓުމެވެ. އެސްޕަވައިޒަރު ކަނޑައަޅާނީ ޕްރިންސިޕަލްއެވެ. ސްޕަވައިޒަރު މަސައްކަތް ކުރާނީ ޕްރިންސިޕަލްގެ ލަފާގެ ދަށުންނެވެ. ޓީޗަރުންނަކަށް އެކަމެއް ނުބެލެހެއްޓޭނެއެވެ. ޓީޗަރުން އެއަށްވުރެ ބިޒީވެސް ވާނެއެވެ. އަދި ޓީޗަރުންގެ ތެރޭގައި ތިބޭނީ ތަފާތު މިޒާޖު ތަކުގެ ޓީޗަރުންނެވެ.

ސްކޫލަށް ކުދިން ވަންނަންދާ އިރު ބެލެނިވެރި ފަރާތާއި، ދަރިވަރުގެ އެއްޙާޟިރުގައި ޑިސިޕްލިންގ ސްޕަވައިޒަރު ސްކޫލުގެ ޤަވާޢިދު ކިޔައިދޭން ޖެހޭނެއެވެ. އަދި އެޤަވާޢިދުގައި ބެލެނިވެރިޔާ ސޮއިވެސް ކުރަން ޖެހޭނެއެވެ. އެޤަވާޢިދާ ޚިލާފަށް ސްކޫލަށް ނާދެވޭނެ ކަން ވެސް އޭގައި އޮންނަން ޖެހޭނެއެވެ. ފިރިހެން ކުދިން ބޯނުކޮށައި، ކުލަ ޖައްސައިގެން ނިޔަފަތި ނުކަނޑައި، އަތުގައި އުޅާ، ގަޑިފަދަ ތަކެތި އަޅައިގެން ނާދެވޭނެކަން، އަދި އަންހެން ކުދީންނަށް ކަރުގައި ފަށް އަޅައި،ތުންފަތުގައި ކުލަ ޖައްސައި، ކަންފަތުގައި އެލުވޭ ޒާތުގެ ތަކެތި ހަރުކޮށްގެން ނާދެވޭނެކަމާއި، ސްކޫލުން އެކަންކަން މަނާކުރާ ސަބަބު ވަރަށް ރަނގަޅަށް ބެލެނިވެރިޔާއާށް އަންގަން ޖެހޭނެއެވެ. މިޤަވާޢިދުގައި މަތީ ފަންތިއެއް ، ދަށް ފަންތިއެއް ނުބާއްވާނެކަން އަންގާ ސޮއި ކުރަން ޖެހޭނެއެވެ. ހުރިހާ ކުދީންނަކީ ވެސް ހަމަހަމަ ކުދީންނެވެ.

ކްލާހަށް ގެންނަންގެހޭ ފޮތްފަދަ ތަކެތި ނުގެނެސް ، ފިލާވަޅު ދަސް ނުކުރާނަމަ އެކަން ސްކޫލުން، ބެލެނިވެރީންނަށް އަންގައި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަން އަންގަން ޖެހޭނެއެވެ. ކޮންމެ މީހަކުވެސް ތިމާގެ ދަރި ވީމާ ކޮންމެ ކަމެއް ކުރިޔަސް ނުބެހެވޭނެ ކަމަށް ބުނެ، ސްކޫލަށް ވަދެގަނެ ޓީޗަރުންނާއި، ސްޕަވައިޒަރުންނަށް އަދި ޕްރިންސިޕަލަށް ދަރިވަރުންގެ ކުރިމަތީ ބަވައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުން ހުއްޓާލާކަށް އަދި ވެސް ހަމަ ނުވޭތޯއެވެ؟

މިދަރަޖައަށް މިކަންކަން މިދިޔައީ ކުއްލިއަކަށް ނޫނެވެ. މިއީ އެޑިޔުކޭޝަނުން  އެކި ދުވަސްވަރު ހަދާފައި ހުރި ދޯހަޅި ޤަވާޢިދު ތަކުގެ ސަބަބުން ވަމުންދާ ކަންކަމެކެވެ. މި ޤަވާޢިދުތައް މުރާޖަޢާކޮށް، ރަނގަޅުކުރުމަކީ މި ވަގުތަށް ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅު ތަރުބިއްޔަތަކަށް އިސްކަން ދިނުމާއެކު، ކުދީންނަށް ދޭންޖެހޭ އަދަބު ދެވި ކުދިން ހަމަ މަގަށް އެޅުވޭނެ ނިޒާމެއް ޤާއިމު ކުރެވިގެން ނޫނީ މިހާރު ފެތުރިފައި މިވާ ސުލޫކީ ބަލިމަޑުކަން ފިލުވައެއް ނުލެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.