ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި އޯވީއެސް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް އޯވީއެސްއިން ފޯރުކޮށްދޭ ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.
މި ޕަރޓްނަރޝިޕްގެ ދަށުން ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ވިޔަފާރީގެ ބިލުން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި، މީގެ ތެރެއިން 5،000 ރުފިޔާއިން މަތީގެ ބިލުތަކަށް %20 ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި، ބިލް ދައްކާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކައިލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.
އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމުގައިވާ އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު ފޭރާމާއި، އެކްސެސަރީޒް އަދި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދޭ ބްރޭންޑެކެވެ. ބައިނަލްއަގުވާމީ ފެޝަންގެ އާ އޮއިވަރުތަކާއި، ދުވަހުން ދުވަހަށް ބޭނުންކުރަން ފަސޭހަ ފަރުމާތައް އެކުލަވައިލައިގެން މުދާ ފޯރުކޮށްދޭ އޯވީއެސްއަކީ މިހާރު ރާއްޖޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ބްރޭންޑެކެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
