( 31 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ގަންނާކުރެއްވި ބިރުން ، ޒުބާއާއި ސައިމްއާ ދެމީހުން ، ދަބަސްގަނޑު ހިފައިގެން އެތަނުން ނުކުމެ ، އަޅާ އިތިކޮށް ދުއްވައިގަތެވެ. އޭރު ، ބޯކޮށް ވާރޭވެހެމުން ދެއެވެ. ވެހޭ ވާރެޔަކަށް ބެލޭކަށް ނެތެވެ. ތެމި ފޯވެގެން ނަމަވެސް ، އެހިސާބާ ދުރަށް ، އެމީހުން ދާން އެބަ ޖެހެއެވެ. އެހެން ނޫނީ ސިފައިން އައިސް އެމީހުން އަތުލައި ގަންނާނެއެވެ.
ދުވަމުންދުވަމުންވެސް ، ޒުބާ ގޮވަމުން ގެންދޔައީ ، އޭނާ ގެޔަށްދާން ބޭނުން ވާހަކައެވެ. ސައިމްއަށް އެއީ މިވަގުތު ހަމަޖެއްސޭނެ ކަމެއްނޫނެވެ. އެމީހުން ސިފައިންގެ އަތްދަށުވެއްޖިއްޔާ ، ސައިމްގެ ދުވަސް ދާނެއެވެ. ސައިމް އެއުޅެނީ ޒުބާ ވަގަށް ނަގައިގެންކަމަށް ސިފައިން ނިންމާނެއެވެ. އެއީ ، ދާނިޔަލްބޭބެމެން ، ސިފައިންނަށް މައްސަލަ ހުށަހަޅާފައި އޮންނާނެގޮތް ކަން ސައިމްއަށް އެނގެއެވެ. އެއިން އެއްވެސް ކަމަކާ މެދު ވިސްނާކަށް ޒުބާ ބޭނުމެއް ނޫނެވެ.
ސައިމް ހާސްވެގެން އެނބުރިލިތަނާ ، ފަހަތުން އައި ކާރެއްގައި ޖެހި ސައިމް ވެއްޓުނެވެ. ކާރު އެދިޔަގޮތަށް ގޮސް އޮބާލައިފިއެވެ. ސައިމް އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ބޮޑަށް ތަދުވީ ސައިމްގެ ފަޔަށެވެ. ނުތެދުވެވިފައި އެތައް އިރަކު އޮތުމަށްފަހު ޒުބާގެ އެހީގައި ތެދުވެގެން ސައިމް ހިނގައިގަތެވެ. ކުރިޔަށް ގޮސް ވަންނާނީ ކޮންތާކަށްކަމެއް އެމީހުންނަކަށް ނޭނގެއެވެ. ވެހޭ ބޯ ވާރެއާ ހަނގުރާމަ ކުރަމުން ، ނޭފަތުކުރި ހުރި ދިމާލަށް ދެމީހުން ހިނގަމުން ގެންދިޔައެވެ.
ކުރިމަތިން ފެނުނު ހިޔާވައްސަކަށް އެމީހުން ވަދެ ހަމަޖެހިލިއެވެ. ކުރިމަތިވެފައި އޮތް ޙާލަތަށް ، ޒުބާގެ ޅަ ހިތާއި ސިކުނޑީގައި އުފެދެމުންދާ އުދާސްތައް ކޮންޓްރޯލްކުރާކަށް ޒުބާއަކަށް ނޭނގުނެވެ. ސައިމްއާ ދިމާލަށް އިރުއިރުކޮޅުން އެތިވަރު ގޮވައި ގަނެއެވެ. ލޯތްބަކީ އިމްތިޙާނެކެވެ. އެހާ އަވަހަށް އެ އިމްތިޙާނުން ޒުބާ ފޭލިވާނެކަމަށް ސައިމް ހިއެއް ނުކުރެއެވެ. ލޯބީގެ އިމްތިޙާނުތައް ހުންނަނީ އެބީދައިން ކަމުގައިވާނަމަ ، އެއީ ޒުބާ ބޭނުންވާ ލޯތްބެއް ނޫނެވެ. އެހާ ވޭންދެނިވި ، އެކަނިވެރި ލޯތްބެއް ޒުބާއަކަށް ކަމަކު ނުދެއެވެ.
ޒުބާގެ ބައްޕަވީ ހޮސްޕިޓަލުގައެވެ. ބައްޕަ ދިރިހުރިކަމެއް އަދި މަރުވީކަމެއް ނޭނގެއެވެ. ރޮޝްނާގެ ފަރާތުންވެސް ބައްޕަޔާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުލިބުނެވެ. ބައްޕަޔަށް އެ ޙާލަތު ކުރިމަތިވީ ، ޒުބާގެ ސަބަބުންނެވެ. ވީ އެންމެ އަވަހަކަށް ، ބައްޕަ ދެކިލަން ހޮސްޕިޓަލަށްދާން ޒުބާ ބޭނުމެވެ.
ސައިމްގެ ހިތުގައިވާ އުދާސްތައް ޒުބާގެ ތަކްލީފަށްވުރެ ވަކި ކުޑައެއް ނޫނެވެ. ޡުބާ ބޭނުންވާ ގޮތަށް ގެޔަށް ހިނގައްޖެނަމަ ، އެދެމީހުންނަށް އެކަކު އަނެކެއްގެ މޫނުވެސް ފެންނާނެކަމެއް ނޭނގެއެވެ. ވާހަކަވެސް ދައްކައެއް ނުލެވޭނެއެވެ. ދެފަރާތުގެ ޢާއިލާގެ މީހުންގެ މެދުގައި އޮތް ދެބަސްވުމުގެ އަސަރު ، އެދެމީހުންގެ ގުޅުމަށް ނުކޮށެއް ނުހުންނާނެއެވެ. އެދެމީހުންގެ ކައިވެނި ރޫޅާލާކަށްވެސް ސަމީރުމެން ފަހަކަށް ނުދާނެއެވެ. އެކަމަކުވެސް ، އެމީހުން ގެޔަށް ނުގޮހެއްވެސް ނުވާނެއެވެ. ކަރާޗީއަށް ގޮސް ކާފަމެންގޭގައިވެސް އެދެމީހުންނަކަށް ނުއުޅެވޭނެއެވެ. އެއީ ސައިމްގެ މަންމަ ، ފާއިޤާ ހުއްދަދޭނެ ކަމެއްނޫނެވެ. ސައިމްއަކީ ފާއިޤާގެ ދެލޮލުގެ ނޫރެވެ. ސައިމްއާ ދުރުގައި ދިރިއުޅުމަށް ފާއިޤާއަކަށް ކެތެއް ނުކުރެވޭނެއެވެ. އެއީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއެވެ.
ނިދިބުރަކައިގެންގޮސް ، ޒުބާއަށް ކޮއްޅަށް ނުއިނދެވިގެން އެތާ ހުރި އަށްޓެއްގެ މަތީ ޖައްސައިލިއެވެ. އެމީހުން ރޯކުރި އަލިފާންގަނޑަށް ދަރު އަޅާފައި ސައިމް އައިއިރު ޒުބާއަށް އޮތީ ނިދިފައެވެ. ޒުބާގެ ބޮލުގައި ފިރުމާލަން އަތްކާއްތާލިއިރު ސައިމްގެ އަތް ޒުބާގެ ނިތްކުރީގައި ޖެހުނެވެ. ޒުބާ އޮތީ ވަރަށް ގަދަޔަށް ހުން އައިއްސައެވެ. ކޮންމެވެސް ބޭހެއް ޒުބާއަށް ނުދީ ކަމުނުދާނެކަމަށް ސައިމް ނިންމިއެވެ. ޒުބާ އެތާ ބާއްވާފައި ، ފާމަސީއަކުން ބޭހެއް ހޯދަން ސައިމް ނުކުތެވެ. އޭރުވެސް ، ތުނިތުނިކޮށް ވާރޭ ވެހެއެވެ. ސައިމް ދިޔައީ އޭނާ ލައިގެންހުރި ބޯ ޖެކެޓް ޒުބާގެ ގައިމަތީ އަޅައދީފައެވެ.
ސަމީރު އަދިވެސް އޮތީ ހޭ ނާރައެވެ. ވެންޓިލޭޓަރަށް ލާފައެވެ. ޒުބާއަށް ކުޑަކުޑަ އިރުކޮޅަކު މާދުކޮށްލެވުނު ނަމަ ، އެއިން އެއްވެސް ތަކުލީފަކާ ނުލައި ، ޒުބާގެ ކައިވެނި ސައިމްއާ ކުރެވުނީއެވެ. ހިތާ ދެކޮޅަށް ނަމަވެސް ، ދެ ޢާއިލާގެ އެންމެންގެ ކުރިމަތީ އެކައިވެނި ކުރަން އޮތް ހަނި ފުރުޞަތު ގެއްލިގެން އެދިޔައީ ، ޒުބާގެ ކެތްތެރިކަމެއް ނެތީމައެވެ. އެ ކައިވެންޏަށް ހުރަސް އަޅަން ހަމައެކަނި ހުރި މީހަކީ ޒުބާގެ ބައްޕަ ސަމީރެވެ. އޭނާވެސް އެންމެ ފަހުން ގޮތް ދޫކޮށް އެ ކައިވެންޏަށް އާނބަސް ބުނެ ، ޒުބާއަށްޓަކައި އަމިއްލަ ގޮތް ބަދަލު ކުރިއެވެ. އެވާހަކަ ޒުބާގާތު ނުބުނެވެނިސް ، ޒުބާ އެވަނީ ފިލައިގެން ގެއިން ނުކުމެގެން ސައިމްއާއެކީ ގޮހެވެ.
ޒުބާއަށް ހޭލެވުނުއިރު ، އެތާނގައި ސައިމް ފެންނާކަށް ނެތެވެ. ޒުބާ ދޫކޮށްލާފައި ކޮންމެވެސް ތާކަށް ސައިމް ހިނގައްޖެއެވެ. ޒުބާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ސައިމްގެ ޖެކެޓް އެތާނގައި ފެންނަން އޮތެވެ. އޭގެ މާނަޔަކީ ، ސައިމް އެހާ ދުރަކަށް ނުދެއެވެ.
ސައިމް އަށް ނާދެވެނިސް ، ދަންވަރު މަގުހިނގާ ތިން ފިރިހެނަކު ، ހިނގަމުން ސިނގިރޭޓް ބޮމުން އައިސް ޒުބާމެން ތިބި ތަނަށް ވަނެވެ. އެމީހުންނަށް އެބޮވުނު އެއްޗަކުން ލޮލަށް ފެންނަނީ ޙަޤީޤަތެއްކަމެއްވެސް ނޭނގެއެވެ. އެމީހުންނަށް އެއޮށް ދަންވަރު އެތަނުން އެފެނުނީ ޕަރީއެކެވެ. ރީތިރީތި ޕަރީއެކެވެ. ޒުބާގަތް ބިރުން ، ސައިމްއަށް ގޮވާ ހަޅޭއްލަވަން ފެއްޓިއެވެ. އެމީހުންނަށްޓަކައި އެތަނަށް ޒުބާ ދޫކޮށްލާފައި ސައިމް ހިނގައްޖެކަމަށް އޭގެތެރެއިން އެކަކު ބުންޏެވެ. އެހެންނަމަވެސް ، އޭނާ ދޫކޮށްލާފައި ސައިމް ނުދާނެކަން ޒުބާއަށް އެނގެއެވެ. ޢަމަލުވެ ބުއްދިފިލާފައިތިބި އެ ތިން މީހުންގެ ކިބައިން ޒުބާ ސލާމަތްވާނީ ކިހިނެއް ހެއްޔެވެ ؟ އެ ތިންމީހުންވެސް ޒުބާއާ ދިމާލަށް ހިނގައިގަތެވެ. އެމީހުންނާ ޒުބާގެ ހަށިގަނޑު ހަވާލުކުރުމަށް އެމީހުން ބުނަމުން ގެންދިޔައެވެ.
ދާނިޔަލްއަށް މަގުދެއްކި މީހާ ބުނިގޮތަށް ، ކަރީމުގެ ގެޔަށްގޮސް ދޮރުގައި ތަޅައިގަތީމަ ދޮރުހުޅުވީ ކަރީމެވެ. ޒުބާއާއި ސައިމްއާ ދެމީހުންނާ ބެހޭގޮތުން ދާނިޔަލް ސުއާލު ކުރީމަ ، އެ ދެމީހުންގެ ޚަބަރެއް އޭނާގެ އަތުގައި ނެތްކަމަށް ކަރީމް ބުންޏެވެ. އެހެނަސް ، އެތާ ބިންމަތިން ޒުބާގެ ރުމާލެއް ދާނިޔަލްއަށް ފެނުމާއެކީ ، ދާނިޔަލްގާތަށް ރުޅިއައެވެ. އަދި ކަރީމުގެ ގައިގައި ތަޅައިގަނެ ފުލުހަށް ފޯނު ކުރާނެކަމުގެ އިންޒާރު ދިނުމާއެކީ ، އެދެމީހުންނާ ބެހޭ މަޢުލޫމާތު ، ކަރީމްގެ އަންހެނުން ދިނެވެ. އެވަގުތު ، ދާނިޔަލްއަށް ފޯނެއް އައެވެ. އަދި ، ތިމަންނަ މިއަންނަނީއޭ ބުނެ ، ދާނިޔަލް އެގެއިން ނުކުތެވެ.
ތަންކޮޅެއް ދުރުގައިހުރި ފާމަސީއަކުން ، ބިސްކޯދު ޕެކެޓް ކޮޅަކާ ، ބޯނެ ދެތިން ފުޅިއެއް ގަނެގެން ، ހުމަށް ކާ ބޭހެއްވެސް ގަނެގެން ، ސައިމް ނައްޓައިލިއެވެ. ބާކީލާރި ހޯދާކަށްވެސް ސައިމް މަޑުކޮށެއް ނުލިއެވެ. އެރެޔަކީ ވިއްސާރަ ރެޔެކެވެ. އެރޭގެ ކުރިޔަށްހުރި ގަޑިތަކުގައި ކުރިޔަށްވުރެ ބޯކޮށް ވާރޭވެހޭނެކަމަށް ، ފާމަސީކައިރީ ތިބިމީހުން ދެއްކި ވާހަކައިން ، ސައިމް އަށް އެނގުނެވެ.
ސައިމްގެ ފަޔަށް ލިބިފައިހުރި ތަދާއެކުވެސް ، ކޮރުޖަހަމުން ތަންކޮޅަކަށް އާދެވުނުތަނާ ، ޒުބާ ހަޅޭއްލަވާ އަޑު ސައިމް އަށް އިވުނެވެ. އޭރު ޒުބާ ގެންދިޔައީ އަޑޫގެ ނެތްތަނަށް ސައިމްއަށް ގޮވަމުންނެވެ. ސައިމްއަތުގައި އޮތް ބިސްކޯދު ޕެކެޓްތައް އެއްލާލައިފާ ، އަޅާ އިތިކޮށް ދުއްވައިގަތެވެ. އޭނާގެ ފަޔަށް ތަދުވާކަމެއް ސައިމްއަކަށް އިޙްސާސެއް ނުކުރެވެއެވެ. ޒުބާއާ މެދު ކަންބޮޑުވެފައި ހުރިވަރުންނެވެ. ސައިމްއަށް ގޮވަމުން ، ޒުބާ ހަޅޭއްލަވަމުން އެގެންދަނީ ، އާދަޔާ ޚިލާފު ކަމެއް ވެގެންނެވެ. ކޮންމެވެސް މުޞީބާތެއް ޒުބާއަށް ކުރިމަތި ވެގެންނެވެ. އެހެން ނޫންނަމަ އެހާ ބާރަށް ހަޅޭއްލަވާކަށް ޒުބާއަކަށް ނޭނގޭނެއެވެ.
ސައިމްއަށް ފެނުނުއިރު ، އެ ތިންމީހުންވެސް ތިބީ ޢަމަލުވެފައިކަން އެނގެއެވެ. އެ ތިންމީހުންވެސް ތިބީ ޒުބާއާ ދިމާކޮށްލާފައި ، ކިރިޔާ ޒުބާގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. ސައިމް ދިޔަގޮތަށްގޮސް އެމީހުންނާ ދިމާކުރިއެވެ. އަދި ތަޅައިގަތެވެ. ސައިމްގެ ގައިގައިވެސް އެތިންމީހުން ތެޅިއެވެ. އެ ތަޅާފޮޅުމުގެ ތެރޭގައި އެމީހުން އުޅެނިކޮށް ، ފުލުހުންގެ ސައިރަންގެ އަޑު އިވުނެވެ. އެ ތިންމީހުން އެތަނުން ނުކުމެގެން ދުއްވައިގަތެވެ. ސިފައިންގެ އަތުޖެހިއްޖިއްޔާ އެތިންމީހުންގެ ދުވަސް ދާނެކަން އެމީހުންނަށް ވިސްނުނީއެވެ.
ޒުބާ ހަމަޖެހިލުމަށްފަހު އަނެއްކާވެސް ސައިމްއާ ދިމާލަށް އެތިވަރު ގޮވައިގަތެވެ. އެހުރިހާ ތަކުލީފެއް ޒުބާއަށް އެ ލިބެނީ ސައިމްގެ ސަބަބުންނެވެ. އެމީހުން އިސްލާމްއާބާދުން ނުކުތީ ، ކާފަމެންގެޔަށް ކަރާޗީއަށް ދާށެވެ. ހަމަޖެހިލައިގެން ތިބެ ، ކާފަމެންގެ ހެޔޮ ދުޢާއާއެކީ ، އެމީހުންގެ ކައިވެނި ކުރުމުގެ މަޤްޞަދުގައެވެ. ރައްކާތެރިކަމާއެކީ ޒުބާ ބެލެހެއްޓޭނެފަދައެއް ސައިމްގެ ނެތްނަމަ ، އޭނާގެ ގެއިން ނެރެގެން ، ލިބެމުން އެދާ ތަކުލީފުތަކުގައި ހިތްހަލާކުވާން ، އިސްލާމްއާބާދުން ނުކުންނަންވީ ކީއްކުރަން ހެއްޔެވެ ؟ މިހާރުވެސް އެމީހުން އެތިބީ ، އާވާރާއިން އައިސް ތިބޭޒާތުގެ ، ހަޑި ތަނެއްގައެވެ. އަބުރުވެރި އެއްވެސް އިންސާނަކު އެފަދަ ތަނެއްގައި ރޭގަނޑުގެ ވަގުތު ހޭދައެއް ނުކުރާނެއެވެ. އެތަނަށް އާދެވުނީމަވެސް ، ޒުބާ އެކަނި އެތާ ބާއްވާފައި ބޭރަށް ދިޔައީއެވެ. އެއައި ގުންޑާއިން ޒުބާއަށް ގޮތެއް ހެދިނަމަ ، ޒުބާގެ މުޅި އުމުރު އެ ގެއްލުނީއެވެ. އަބުރާއި ޢިއްޒަތާ އަދި އިއްފަތާއި ދުނިޔެ ޒުބާއަށް ގެއްލިގެން ދާނެއެވެ.
ޒުބާ ބޭނުންވަނީ ގެޔަށްދާންކަމަށް ބުނެ ، އެމީހުންގެ ކައިވެނީގެ ސެޓްފިކެޓް އިރާލައި ، ސައިމްގެ މޫނުމައްޗަށް ޖެހިއެވެ. ޒުބާ ބޭނުންވަނީ ، އޭނާގެ އަމިއްލަ މީހުންގެ ގާތަށް ދާށެވެ. އެމީހުންނަށް ޒުބާ ބެލެހެއްޓޭނެއެވެ. ސައިމްހެން އޭނާ އެކަނިކޮށްލާފައެއް އެއިން އެކަކުވެސް ނުދާނެއެވެ. އެހެން ނޫންނަމަ ، ކަރާޗީއަށް އައިސް ދާނިޔަލްބޭބެ އޭނާ ހޯދާކަށް ނޫޅޭނެއެވެ. ސައިމްއާހުރެ ، ދާނިޔަލް ބޭބެއާވެސް ޒުބާއާ ދިމާވާގޮތެއް ނުވިއެވެ.
ސައިމްއާ ދިމާލަށް ޒުބާ ގޮވަމުންދިޔަ އެއްޗިއްސަށް ކެތްނުވެގެން ، ޒުބާ ބޭނުންތާކަށް ދާށޭބުނެ ، ޒުބާ ކޮށްޕައިލާ އެތަނުން ނެރެލިއެވެ. ޒުބާއަކަށް ވާނުވާއެއް ނޭނގެއެވެ. ސައިމް އެކުރިކަމަކުން ޒުބާގެ އުއްމީދުތައް ގެއްލުނެވެ. ސައިމް ، އެހެން ހަދައިފާނެކަމަކަށް ޒުބާގެ ހިތަކަށް ނާރައެވެ. ވެހެމުންދިޔަ ވާރޭގެ ތެރެޔަށް ނެރެ ، ކޮއްޕާލައި ، ދާނެތާކަށް ދާށޭބުނެ ، ޒުބާގެ އަތުން ސައިމްގެ އަތް ދޫކޮށްލިއެވެ.
ސައިމްގެ ހިތަށް އެންމެ ތަދުވީ ، އެމީހުންގެ ކައިވެނީގެ ސެޓްފިކެޓް ، ޒުބާގެ ދެއަތުން އިރާލައި އޭނާގެ މޫނުމައްޗަށް ޖެހީމައެވެ. ޒުބާވެސް ސައިމްއާ ދިމާލަށް ބަލަހައްޓައިގެންހުރެ ، ފަހަތަށް އެނބުރި ދުއްވައިގަތެވެ. ސައިމް އާއެކީ އެންމެ ސިކުންތަކުވެސް ހުންނާކަށް ޒުބާ ބޭނުމެއް ނޫނެވެ. ސައިމްއަށް ރޮވުނެވެ. ގުދުވެލައި ، ބިންމަތީގައިހުރި ކައިވެނީގެ ސެޓްފިކެޓްގެ ކަރުދާސްތައް ހޮވައި އެއްކޮށް އޭނާގެ ޖީބަށް ލިއެވެ. އެންމެ ކަރުދާސްކޮޅެއްވެސް ގެއްލުނަކަ ނުދެއެވެ.
މަގުގެ ހަތަރުފަރާތަށް ބަލަމުން ، މަޑުމަޑުން ހިނގަމުން އައިސް ، ޒުބާއަށް މައިމަގަށް ނުކުމެވުނެވެ. ކުއްލިޔަކަށް މަގުގެ އެއްކައިރިން ގޯޅިޔަކުން ނުކުތް ކާރެއްގައި ޖެހި ޒުބާ ވެއްޓުނެވެ. ކާރު މަޑުކޮށްލުމަށްފަހު ، ދުއްވަންއިން އަންހެންމީހާ ފައިބައިގެން އައިސް ޒުބާ ނަގައި ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި ކާރަށް އެރުވިއެވެ.
ޒުބާގެ ޙާލާމެދު ސައިމްއަށް ވިސްނައިލަން އެނގުނީ ، ޒުބާ ދިޔަތާ އިރުކޮޅެއް ފަހުންނެވެ. ޒުބާގެ ކަންތައްވެސް ތަންފުކެއް ބޮޑީއެވެ. ސައިމްއާއެކީ މުޅި ޢުމުރު ހޭދަކުރަން ހުވާކޮށް ކައިވެނި ކުރުމަށްފަހު ، ހަމަ އެރެއިން އެރެޔަށް ސައިމް ދޫކޮށްލާފައި ޒުބާ އެދިޔައީއެވެ. ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ސައިމްއަށް އިތުބާރު ކުރާކަށް ޒުބާއަކަށް ނޭނގެއެވެ. ޒުބާގެ ޅަކަމުން ވީކަމެއްކަމަށްވެސް ވެދާނެއެވެ. އެކަމަކުވެސް ، ސައިމް ހަޅޭއްލަވައިގެންފައި ކޮއްޕައިލިޔަސް ، އެތަނުން ޒުބާ ގޮސްގެން ނުވާނެއެވެ.
ސައިމްވެސް ، ކޮރުޖަހަމުން ހިނގައިގަތެވެ. ކައިރި ހިސާބަކުން ޒުބާއެއް ނުފެނުނެވެ. ގިނައިރު ވީވީހެން ސައިމްގެ ހިތަށް ވަންނަމުންދިޔަ ބިރުވެރިކަން އިތުރުވިއެވެ. ޒުބާ އެދާނީ ކޮންތާކަށް ބާވައެވެ ؟
ސަމީނާ ގޭގައި އުޅުނިކޮށް ، ސަމީރުގެ ޙާލު އިތުރަށް ގޯސްވެގެން ހޮސްޕިޓަލަށް ދާން ވަގުތުން ނުކުތެވެ. ދާނިޔަލް ފިޔަވައި ގޭގެ އެންމެންވެސް އޭރު ތިބީ ހޮސްޕިޓަލުގައެވެ. ދާނިޔަލް ވީ ޒުބާ ހޯދަން ކަރާޗީއަށް ގޮހެވެ. ޒުބާ ދެން ނަޔަސް ސަމީނާއަށް މައްސަލައެއް ނެތެވެ. ޒުބާއަކީ އޭނާގެ ދަރއެއް ނޫންކަމަށް ސމީނާހުރީ ނިންމައިގެންނެވެ. ޒުބާ ބޭނުންވާހާ ކަމެއް ކުޑަ އިރުއްސުރެ ، ސަމީނާއާވެސް ދެކޮޅަށް ކޮށްދެމުން އިންތިހާއަށް ލޯބިދިން ބައްޕަ ، މިއަދު އެއޮތީ ހޮސްޕިޓަލުގައި އައިސީޔޫ ގައެވެ. ޒުބާގެ ނޭއްގާނީ ޢަމަލުގެ ސަބަބުންނެވެ.
ދާނިޔަލް އެތަން މިތަން ހޯދަމުންގޮސް ސައިމްމެންނަށް ތިބެވުނު ސަރަޙައްދަށް ދިޔައެވެ. އެކި މީސްމީހުންކުރެން އަހައިގެން ޒުބާމެން އުޅުނު ހިސާބު ހޯދަން ފެއްޓިއެވެ. މާގިނައިރުތަކެއް ނުވެއެވެ. ކޮރުޖަހަމުން ސައިމް ހިނގަމުންދާތަން ދާނިޔަލްއަށް ފެނުނެވެ. ދާނިޔަލްއަށް ބަލާކަށް ނުހުރެވުނެވެ. ފަހަތުން އައިސް ސައިމްގެ ގައިގައ އެއެއް މިއެއް ނުބަލައި ތަޅައިގަތެވެ. ތަޅައިގަތްގަތީނުންގޮސް ، ސައިމްގެ ހެޔަށް ގޮތްވަންދެން ދާނިޔަލް ސައިމްގެ ގައިގައި ތެޅިއެވެ. އަދި ، ސައިމް ވެއްޓިފައި އޮތްތަނަށް ދޫކޮށްލާފައި ސައިމް ހިނގައިގަތެވެ. ސައިމްއާއި ޒުބާގެ ކައިވެނި ކުރެވުނުކަން ދާނިޔަލްއަށް އެނގެއެވެ. އޭނާ އެތަޅައި ރޯނާގަންނުވައިލަނީ އޭނާގެ ކޮއްކޮގެ ފިރިމީހާގެ ގައިގައިކަން ދާނިޔަލްއަށް އެނގެއެވެ. އެހެނަސް ، ދާނިޔަލްއަކަށް އޭނާގެ ޖަޒުބާތު ކޮންޓްރޯލް ކުރެވޭގޮތެއް ނުވިއެވެ.
ޒުބާ އެކްސިޑެންޓްވީ އެ ގޭގައި ގެންގުޅޭ ޗޯކީދާރުގެ އަންހެނުން ގެޔަށްލާން ދަނިކޮށް ، ގޭގެ ކާރުގައި ޖެހިފައެވެ. އެމީހުން އަނބުރާލާފައި އައީ ޒުބާގެޔަށްލާން އެގެޔަށެވެ. ޒުބާއަށް ގެޔަށް އާދެވުނުއިރު ގޭގައި އެއްވެސް މީހަކު ނެތެވެ. އެންމެންވީ ، ސަމީރުގެ ޙާލުދެރަވެގެން ހޮސްޕިޓަލުން ގުޅީމަ ، އެތަނަށް ގޮހެވެ. ( ނުނިމޭ )

