ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް އެކަންކަމަކީ ޤައުމަށް އެކަމުން ފައިދާވާނެކަންކަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭންއެއްގެ ގޮތުގައި ވަކި އުމުރެއް ކަނޑައަޅައި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވި އަދި އުފަންވާންތިބި ހުރިހާ އެންމެން އެކަމުން ސަލާމަތްކުރަން ނިންމެވީވެސް ޤައުމީ ވިސްނެވުމެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް ކުރިމަތިކުރުވި ސުވާލެއްގެ ޖަވާބުދެއްވައި، އެކަން އޮތްގޮތް ވަނީ ސާފުކޮށްދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލައްވަން ވަޑައިގަންނަވާ ފިރިހެން ބޭފުޅުންނަށްވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ ފަރާތްތަކަށް ވޯޓުލެއްވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ސުވާލެއް ކުރިމަތިކުރުމުން އެމަނިކުފާނު ވަނީ ވޯޓާއިމެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ އިންތިޚާބެއް އެއް ދުވަހެއްގައި އޮންނައިރު، ކައުންސިލަށް ވޯޓުދޭ ގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ފިރިހެން ބޭފުޅުންނަށް ވޯޓުދެއްވޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ދެ އިންތިޚާބު އެކުގައި ކުރިއަށްދާއިރު ތިން ވޯޓު ކަރުދާސްކޮޅެއް ލިބިވަޑައިގަންނަވާނެ ކަމަށާއި އެއީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ އެހުމަށް އޮންނަ ވޯޓު ކަރުދާސްކޮޅާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅާއި ކައުންސިލް އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅު ކަމުގައި ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކަރުދާސްކޮޅެއް ލާނެ ވަކި ފޮއްޓެއް ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

