އެފް.އޭ.އޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" އިފްތިތާހްކޮށްފި

ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" އިފްތިތާހްކޮށްފިއެވެ.

"ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" ފެށުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި ކުދި ޖަޒީރާ ގައުމުތަކުގެ (SIDS) ފަރާތުން ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ޝާފިއާ ވަނީ، ދަނޑުވެރިކަމާއި ކާބޯތަކެތި އުފައްދާ ނިޒާމުތަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ބޭނުންތެރިކަމާއި، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަފައެވެ.

މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަސްކުނި ބޭނުންކޮށްގެން 'ފިޝް ސައިލޭޖް' އުފެއްދުމުގެ މަސައްކަތެވެ. މިއީ މަސްވެރިކަމުން އުފެދޭ އުކާލެވޭ ބައިތައް ބޭނުންކޮށްގެން، ދަނޑުވެރިކަމާއި އެކުއަކަލްޗަރ ފަދަ ދާއިރާތަކަށް ބޭނުންވާ އިތުރު އަގު ހުރި އުފެއްދުންތައް ތައްޔާރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މި މަޝްރޫއުގެ ސަބަބުން އަންހެނުންނާއި ޒުވާނުންނަށް އިގްތިސާދީ ގޮތުން އާ ފުރުސަތުތަކެއް ހުޅުވި ބާރުވެރިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ އުކާލެވޭ ތަކެތިން މަންފާ ހޯދާ (ސާކިއުލަރ އިކޮނޮމީ)، ހަރުދަނާ އަދި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.