ބަލި އަވަހަށް ދެނެގަތުމާއި، ތަހުލީލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ފޯރުކޮށްދޭ އަޅާލުން އިތުރުކުރުމަށް ކުރެވޭ އައު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ޓިއުބާކިއުލޯސިސް (ޓީ.ބީ) ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ޓީ.ބީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ބަލި ފެތުރުން ހުއްޓުވުމާއި ފަރުވާ ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގައްޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ޓީ.ބީއަކީ އަދިވެސް އާންމު ޞިއްޙަތަށް އޮތް ބޮޑު ގޮންޖެހުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޓީ.ބީ ބަލި މަދު ގައުމެއްގެ ގޮތުގައި ބަލައިގަނެފައި އޮތުމީ ދިވެހިރާއްޖެއަށް ލިބޭ ފަޚުރެއް ކަމަށާ، އަދި މި ބަލި ނައްތާލުމުގައި ދުނިޔޭގެ އިސް ސަފުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބަލި، ދިވެހިރާއްޖެއިން ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު އަސާސީ މަސައްކަތްތަކުގެ ފެށުން، މި އަހަރު ފާހަގަކުރެވޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތްތަކުގައި އެންމެ އިސްކަން ދެވޭނީ އަވަހަށް ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރެޕިޑް ޑައެގްނޯސްޓިކްސް ނުވަތަ ހަލުވިކަމާއެކު ބަލި ދެނެގަނެވޭނެ ތަހުލީލުތަކާއި ފެންވަރު ރަނގަޅު ފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަލި ފެތުރޭ މިންވަރު މޮނިޓާކޮށް ބެލެހެއްޓުން (ސަވޭލަންސް) ވަރުގަދަކުރުމުގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ކަށަވަރުކުރުމަކީ ވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަންކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގައުމީ ފެންވަރުގައި ކުރެވޭ ގުޅިފައިވާ މަސައްކަތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިހުލާސްތެރި ޚިދުމަތާއި، އަދި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުމާއެކު، ޓީ.ބީ ކޮންޓްރޯލްކޮށް، އެންމެ ފަހުން އެ ބަލި ރާއްޖެއިން އެއްކޮށް ނައްތާލުމުގެ އަމާޒަށް ވާސިލުވެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖޭގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓީ.ބީ ބަލި ނައްތާލުމަށާއި، ބަލި ދެނެގަތުމަށާއި، ފަރުވާ ދިނުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންދާ ޞިއްޙީ ޚިދުމަތްތެރިންނަށާއި މުޖުތަމަޢުގެ ފަރުދުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ޓީ.ބީ ނެތް މުސްތަގުބަލެއް ބިނާކުރުމުގައި ސަރުކާރުގެ އަޒުމާއި، އެންމެންގެ ހިއްސާ އޮތް ޒިންމާ ތަކުރާރުކުރައްވަމުން، "އެންމެން ގުޅިގެން ޓީ.ބީ ނައްތާލެވިދާނެ" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، މި ޝުއޫރުތައް ތަކުރާރުކުރައްވައި، ދިވެހިރާއްޖެއަކީ ޓީ.ބީ ބަލި މަދު ގައުމެއްގެ ގޮތުގައި ދެމިއޮންނަކަން ކަށަވަރުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ އަޒުމް އައުކުރެއްވިއެވެ. އަދި ޓީ.ބީ ބަލި ނެތް މުސްތަގުބަލަކާ ގާތަށް ދިއުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންނާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ދުވަހާއި ގުޅިގެން އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި، ޓީ.ބީ ކޭސްތަކަކީ ހަމައެކަނި ތަފާސްހިސާބެއް ނޫންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ ކޭހަކީވެސް އިންސާނެއްގެ ދިރިއުޅުމާއި، އާއިލާއާއި، ކުރިމަގުގެ ރޭވުންތަކަށް ބުރޫއަރާފައިވާ ފަރުދެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ. އަދި ބަލީގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ގިނަ ބަޔަކަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ހޯދަން ހުރަސްއެޅޭކަން ފާހަގަކުރައްވައި، ޓީ.ބީ ނައްތާލެވޭނީ އެކަކު އަނެކަކަށް އެހީތެރިވާ މުޖުތަމަޢެއް ބިނާކޮށް، މަޢުލޫމާތު ފަތުރައި، ކުށްވެރިކުރުމުގެ ބަދަލުގައި އޯގާތެރިކަން އިސްކޮށްގެންކަމަށް އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ޓީބީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. މި އަހަރުގެ ޝިއާރަކީ "ޔެސް! ވީ ކޭން އެންޑް ޓީ.ބީ: ލެޑް ބައި ކަންޓްރީޒް، ޕަވަރޑް ބައި ޕީޕަލް" މި ޝިއާރެވެ.

