ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ "ދިރާގު އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
"ދިރާގު އީދު ސައި" ގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދު އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން މި އިވެންޓްގައި ބައިވެރިވެފައެވެ.
މީގެ އިތުރުން، އެހެން އަހަރުތަކާ ވެސް އެއްފަދައިން ދިރާގުން ވަނީ އީދު ނަމާދަށްފަހު ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފައެވެ. މި ގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 7 އަތޮޅެއްގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެއީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.
ދިރާގުން ދަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

