ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާހަކީ އާއިލީ ޒިންމާތައް ހިފެހެއްޓުމަށް ލިބޭ އެހީތެރިކަމެއް: މެޑަމް ސާޖިދާ

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހަކީ ވަޒީފާ އަދާކުރާ މައިންނަށް ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން، އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު މިމަހުގެ 14ވަނަ ދުވަހު ތަސްދީގުކުރައްވާފައިވާ މި އިސްލާހާ ގުޅިގެން ސޯޝަލް މީޑިއާގައި މެޑަމް ސާޖިދާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިފުޅަށް 2 އަހަރު ފުރެންދެން މުވައްޒަފުންނަށް ދަރިފުޅު ބެލެހެއްޓުމަށްޓަކައި ވަގުތު ދިނުމަށް (ޗައިލްޑްކެއަރ ޓައިމް-އޮފް) ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަށް ހޫނު މަރުހަބާއެއް ކިޔުއްވާ ކަމަށެވެ.

މި މުހިންމު ނިންމުމަކީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއްކަމަށް ރައީސްގެ އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މިއީ މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވެ، ތަރުތީބުން ގާތުން ދިނުން ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތަކަށް ވާއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކަށް ވާސިލުވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރިން ޤާނޫނުގައިވާ ގޮތުން ވަޒީފާގެ ވަގުތުން ދަރިފުޅަށް ވަގުތު ދެވޭނީ ދަރިފުޅަށް 1 އަހަރުވަންދެނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.