އެންމެ ފަހުގެ ޙަމަލާ – 35

(21 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނަމަވެސް އެ ޙާދިސާއަށް ފަހު، އަލަށް އައިސް ބައްދަލު ކުރާ ކޮންމެ ފަތިހެއްގެ އަލިކަން އޭނާއަށް ގެނެސްދެނީ، މަރު ހިޔަންޏެކޭ އެއްގޮތަށް އޭނާގެ ފަހަތްޕުޅުން އަޅައިގެންފައި ވާކަމުގެ މެސެޖެވެ. ދޭވަތާއިންގެ ބިމުގައި ސޫމްނާތުގެ އަޅުވެރިއެއްގެ ޤާތިލަކަށް އެއްވެސް ޖާގައެއް ނެތްކަމުގެ މެސެޖެވެ.

* * * *

އަމިއްލަފުޅު ގެކޮޅު

ރޭގަނޑުގެ އެއް ދަން ހުސް ވެއްޖެއެވެ. ރަންބީރާއި ޝަމްބޫނާތަށް ހަނދުވަރުގެ އަލީގައި ތަންކޮޅެއް ދުރުން އެ ބޭފުޅުންގެ ރަށް ފެނިވަޑައިގަންނަވާން ފަށައިފިއެވެ. ވަރުބަލި ވެފައި ވާ ދެ އަސް ކަނދުރާ އޮބައިލައިގެން މަޑު ދުވެއްޔެއްގައި ކުރިޔަށް ދެއެވެ. ހަނި މަގުގެ ދެ ފަރާތުން ބޮކާއި ފަނިފަކުސައިގެ ނިމުމެއް ނެތް ރާގުތައް އިވިވަޑައިގަންނަވަމުން ދެއެވެ. ރަންބީރުގެ ހަށިކޮޅުގައި ވާ ލޯލިފުޅުތައް ވެސް ދިޔައީ އޭނާގެ ވަޒަނުގެ ބިމުގެ މީރު ވަހުން މަސްތު ވަމުންނެވެ. އޭނާ އޭނާގެ އަހުގެ ކަނދުރާގައި ތަޅުއްވައިލައްވައިފައި ވިދާޅުވިއެވެ. "އަހަރެންގެ ރަޙުމަތްތެރިޔާއެވެ! އަހަންނަށް ކަލޭގެ ބަނޑުހައިކަމާއި ވަރުބަލިކަން ރަނގަޅަށް އިޙުސާސް ވެއެވެ. އަހަރެމެންގެ މަންޒިލް ދެން މާ ދުރެއް ނޫނެވެ."

ދަނޑުތަކުގެ ތެރެއިން ނުކުމެވަޑައިގެން އޭނާ ގަސް ބޯ ބަގީޗާއަކަށް ވެދެވަޑައިގެންފިއެވެ. ރަންބީރުގެ ހިތްޕުޅާއި ސިކުނޑިފުޅަށް މާޒީގެ އުފާވެރި ހަނދުމަފުޅުތައް ވެރި ވެގެންފިއެވެ. މިއީ އޭނާ ތުއްޕުޅު އިރު ހިނިފުޅު ވަޑުވަމުން ކުޅުއްވާން އުޅުއްވި ބަގީޗާއެވެ. އެ ހިނިފުޅު ވެޑުވުމުގެ އަޑު އޭނާގެ ސިކުނޑިފުޅުގައި މިހާރު ވެސް ގުގުމަމުން ދެއެވެ.

ބަގީޗާ ހުރަސް ކުރެއްވުމަށް ފަހު ރަންބީރަށް އޭނާގެ ކިއްލާއެއް ކަހަލަ ގަނޑުވަރުގެ ބޭރު ފާރު ފެނިވަޑައިގެންފިއެވެ. އޭނާގެ ތުންފަތްޕުޅުމަތީގައި ކުޅެމުން ދިޔައީ ހިނިތުންވެވަޑައިގަތުމެވެ. ލޯފުޅުގައި ވިދަވިދައި ހުރީ ޝުކުރުވެރިކަމުގެ ކަރުނަފޮދެވެ. ގަނޑުވަރުގެ އެތެރެއިން ފެންނަނީ ފުރިހަމަ ހަމަހިމޭންކަމެވެ. ބޯ ގަހެއްގެ ގޮފިތަކުގެ ތެރޭގައި ދެބައިކުޅަ އެއްބައި ފޮރުވިފައި ހުރި ކުޑަދޮރަކުން ބައްތިއެއްގެ ފަނޑު އަލި ބޭރަށް ފާއްދައިލައިފައި ހުއްޓެވެ. ޝަމްބޫނާތު ކުޑަދޮރާ ދިމާޔަށް އިޝާރާތް ކޮށްލައިފައި ދެންނެވިއެވެ. "ބައްލަވާށެވެ! ޝަކުންތަލާގެ ކޮޓަރިކޮޅުގެ ބައްތި އަދިވެސް އެހެރީ ނިއްވައިނުލައްވައެވެ. އޭނާ އިންނަވާނީ އަދިވެސް ހޭފުޅުލައްވައެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހުގައި ދަންނަވައިފައި ވާނޭ ފަދައިން މަނިކުފާނު ރަށުގައި ވަޑައިގެން ނެތީސް މަނިކުފާނު ކުޑަދޮރުން ޝަކުންތަލާގެ ކޮޓަރިކޮޅަށް ވަދެވަޑައިގެންނެވީތީ އޭނާއަށް ވަނީ ހުވަފެންފުޅުން ފެނިވަޑައިގެންފައެވެ. އޭގެފަހުން އޭނާ ރޭގަނޑު އެއްގޮތަކަށް ވެސް ކޮޓަރިކޮޅުގެ ބައްތި ނިއްވައެއްނުލައްވައެވެ."

އެ ބޭފުޅުން ފާރު ކައިރީން ލައްވައިފައި ދޮރޯއްޓާ ދިމާޔަށް ވަޑައިގަންނަވަނީއެވެ. ކުއްލިޔަކަށް ރަންބީރު އޭނާގެ އަސްކޮޅު ހުއްޓައިލައްވަމުން ވިދާޅުވިއެވެ. "ޝަމްބޫއެވެ! މަޑު ކޮށްލާށެވެ! މި ވަގުތު އަހަރެމެން ދޮރޯށިދޮށަށް ގޮސް ދޮރުވާނުންނަށް ގޮވައިލައިފި ނަމަ، ނޯކަރުން ހަޅޭއްފަޅޭއް ލަވައިގަނެގެން ރަށުގެ އެންމެން އެއް ކޮށްލާނެއެވެ. އަހަރެން ބޭނުން ވަނީ އެންމެ ފުރަތަމަ ޝަކުންތަލާ އާއި ބައްޕާފުޅާ ބައްދަލު ވާށެވެ. ކަލޭ އިރުކޮޅަކު މިތާނގައި މަޑު ކޮށްލާށެވެ. މިހާރު ޝަކުންތަލާ އަށް އަހަރެން ފާހަގަ ކުރައްވާން އެނގިވަޑައިގަންނަވާތޯ ނުވަތަ ނޫންތޯ ބަލައިލާނަމެވެ."

ޝަމްބޫނާތު ދެންނެވިއެވެ. "މަނިކުފާނުގެ އިސްތަށިފުޅު ނުރަ ވެފައި ހުންނެވި ކަމުގައި ވިޔަސް ޝަކުންތަލާއަށް މަނިކުފާނު އެނގިވަޑައިގަންނަވާނެއެވެ."

ރަންބީރު އޭނާގެ އަސް ފާރު ކައިރިއަށް ގެންދަވައިފިއެވެ. އަސްދާނު ގޮނޑިކޮޅުގެ މައްޗަށް ތެދު ވެވަޑައިގެން ފާރުމައްޗަށް އަރައިވަޑައިގެންފިއެވެ. އެކި ފަރާތްފަރާތް ބައްލަވައިލެއްވުމަށް ފަހު އެތެރެޔަށް ފުންމައިލައްވައިފިއެވެ. އޭނާ ތަނަވަސް ގޯތިތެރެ ހުރަސް ކޮށްލެއްވުމަށް ފަހު ގަނޑުވަރުގެ ބިތްދޮށުން ފާރު ކައިރީން ވަޑައިގެން، އެއް ކަނެއްގައި ހުރި ގަހެއްގެ ދޮށުގައި ހުއްޓިވަޑައިގެން މަތި ބައްލަވާން ފައްޓަވައިފިއެވެ. މަތީބުރީގެ ކޮޓަރީގެ ކުޑަދޮރުން އޭރު ވެސް އަލި ވެއެވެ. ރަންބީރުގެ ހިތްޕުޅުގެ ތެޅުން އިރުކޮޅަކަށް ވުރެ އިރުކޮޅެއް ދަނީ ހަލުއި ވަމުންނެވެ. އޭނާ ވިސްނައިވަޑައިގަންނަވަމުން ގެންދެވިއެވެ. "ޝަކުންތަލާ އެންމެ ފުރަތަމަ ހީ ކުރައްވާނީ އަހަންނަކީ ވަގެއް ކަމަށެވެ. ދެން، ބޭބޭއެވެ! ބޭބޭއެވެ ވިދާޅުވަމުން އަހަންނާ އޮޅުލައިވަޑައިގަންނަވާނެއެވެ. އަހަރެން ބުނާނަމެވެ. މޮޔަގަނޑާއެވެ! ތިޔަ ފެނިވަޑައިގަންނަވަނީ ހުވަފެންފުޅެކެވެ." އަނެއްކާވެސް އޭނާގެ ހިތްޕުޅަށް އެރިއެވެ. "ނޫނެކެވެ! އަހަރެން ސިއްރުން އެތެރެއަށް ވަދެ ކޮއްކޮގެ ލޯފުޅުމަތީގައި އަތް އަޅާނީއެވެ. ނަމަވެސް ... ނޫނެކެވެ. އޭރުން ކޮއްކޮ ބިރުފުޅު ގެންވަޑައިގެންފާނެއެވެ. އަހަރެން ކުޑަދޮރުން އެތެރެ ބަލައިލައިފައި ކޮއްކޮ ހޭފުޅު ލައްވައި އިންނެވި ކަމުގައި ވާނަމަ، ގަހުގެ ގޮފިތަކުގެ ތެރޭގައި ފިލައި އިނދެގެން މަޑުމަޑުން ކޮއްކޮއަށް ދަންނަވާނީއެވެ. އޭރުން ކޮއްކޮ ޙައިރާންފުޅު ވެގެން އެތަންމިތަން ހޯއްދަވާނެއެވެ. އޭރުން އަހަންނަށް ހީނުގަނެވިއެއް ނުހުރެވޭނެއެވެ. ދެން ދެބެއިން އެކުގައި ބައްޕަގެ ކޮޓަރިކޮޅަށް ދާނީއެވެ."

ރަންބީރަށް އޭނާގެ ބައްޕާފުޅާ މެދު ޚިޔާލުފުޅު ކޮށްލެއްވުމުން، ވައްތަރު ވައްތަރުގެ ޝައްކުތައް އޭނާއަށް އުނދަގޫ ކުރާން ފަށައިފިއެވެ. ރަންބީރަށް އޭނާގެ ވަޒަނުގެ ސަރަޙައްދަށް ވެދެވަޑައިގަތުމުގެ ކުރީން، ގުނޫޖަށް އައި ދާޚިލީ އިންގިލާބުގެ ޚަބަރު އޮތީ އިވިވަޑައިގެންފައެވެ. އެހެންކަމުން، އޭނާ އެންމެ ފަހު މަންޒިލް ކަޑައްތު ކުރެއްވީ ވެސް ވަރަށް ހަލުއި ދަތުރުފުޅެއްގައެވެ. އޭނާއަށް ޝަމްބޫނާތުގެ ވާހަކައިން سلطان محمود ގެ އަތްޕުޅުން ގުނޫޖުގެ ލަޝްކަރު ބަލި ވުމަށް ފަހު އޭނާގެ ބައްޕާފުޅު ގުނޫޖުގެ ޝާހީ ޚާންދާން ފިޔަވައި ވަށައިގެން ހުރި ދައުލަތްތަކުގެ ރަސްރަސްކަލުން ދެކެ ވެސް ފޫހިފުޅު ވެފައި ހުންނެވި ކަމަށާއި، އެ ބޭފުޅުންނާއި ގުނޫޖުގެ ރަސްގެފާނާ ދެމެދު ހިނގި ހަނގުރާމައިގައި އޭނާ ބައިވެރި ވެވަޑައިނުގަންނަވާނެކަން ޔަޤީން ވެވަޑައިގެންފައި އޮތުމާ އެކު ވެސް، އޭނާގެ ހިތްޕުޅަށް ބައެއް ފަހަރު ކޮންމެވެސް ނޭނގޭ ވަހުމުތަކަކާއި ޝައްކުތަކެއް ދަނީ ވެރި ވަމުންނެވެ.

ގަނޑުވަރުގެ އަނެއްކޮޅުން ފާރަވެރީންގެ މީހަކު ފެނިއްޖެއެވެ. ރަންބީރު ގަހުގައި ލެނގިވަޑައިގެންފިއެވެ. އޭނާއަށް ވިދާޅުވާން ވެސް އެއް ފަހަރަކު ރަންބީރުގެ ހިތްޕުޅަށް އެރިއެވެ. ނަމަވެސް އޭނާ އެކި ގޮތްގޮތަށް ވިސްނައިވަޑައިގަންނަވާން ހުންނަވަނިކޮށް އެ މީހާ ބޭރު ފާރު ކައިރީން ހިނގައިލައިފައި ހިނގައްޖެއެވެ. ފާރަވެރިޔާގެ ހިނގުމުން ގަނޑުވަރުގެ އަހުލުވެރީން ތިއްބެވީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކު އަވަހާރަފުޅު ލައްޕަވައިފައިކަން ރަންބީރަށް ޔަޤީން ކޮށްއަރުވާން ފުދެއެވެ. އޭނާ ގަހަށް އަރައިވަޑައިގެން، ބޭރަށް އަލި ވަމުންދާ ކުޑަދޮރާ ދިމާޔަށް ވަޑައިގެންފިއެވެ.

ރަންބީރު ގޮފިގަނޑެއްގެ މަތީގައި ހުންނަވައި އެ ކޮޓަރިކޮޅުގެ ތެރެޔަށް ނަޒަރު ހިންގަވައިލެއްވިއެވެ. ކުޑަދޮރާ އެންމެ ދެތިން ފިޔަވަޅެއްގެ ދުރުގައި ހުރި އެނދެއްގައި އަންހެން ކުއްޖަކު ނިދައިފައި އޮތެވެ. އޭނާ އޮތީ ހުދު ކުލައިގެ ރަޖާގަނޑެއް ގައިގައި އޮޅައިލައިގެންނެވެ. އޭނާގެ ބޯ ވަނީ ރަޖާގަނޑުގެ ބޭރުގައެވެ. ނަމަވެސް މޫނުގެ ބޮޑުބައި ވަނީ މުލައްދަނޑީގެ ސަބަބުން ފޮރުވިފައެވެ. އޭނާގެ ރީތި ދެ އަތް ބޮލުގެ މަތީން ވަނީ އެއް އަތް އަނެއް އަތާ ގުޅުވައިލެވިފައެވެ. އޭނާގެ އަތުކުރީގައި ރިހި ކުލައިގެ ހިމަހިމަ ތަނޑުތަކެއް ވިދަވިދައި ހުއްޓެވެ.

"ޝަކުންތަލާ!" ރަންބީރު އޭނާގެ ހިތްޕުޅުގެ ތެޅުން މައިތިރި ކުރެއްވޭތޯ ބައްލަވަމުން މަޑުމަޑުން ވިދާޅުވިއެވެ. ނަމަވެސް ނިދައިފައި އޮތް ކުއްޖާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިވަޑައިނުގެންނެވުމުން، އޭނާ ކޮޓަރިކޮޅުގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. އިރުކޮޅަކު އެއްވެސް ޙިއްސެއް ޙަރަކާތެއް ނެތި ހުންނެވުމަށް ފަހު، ރަންބީރު ޝަކުންތަލާ ހޭފުޅު އެރުއްވުމުގެ ޚިޔާލުފުޅުގައި އޭނާގެ އަތްޕުޅު އެނދާ ދިމާޔަށް ދިއްކޮށްލެއްވިއެވެ. ނަމަވެސް އަނެއްކާވެސް ކޮންމެވެސް އެއްޗެއް ވިސްނައިވަޑައިގަތުމަށް ފަހު އޭނާ ހުއްޓިވަޑައިގެންފިއެވެ. އޭނާގެ ތުންފަތްޕުޅުމަތީގައި ލާނެތްކަމުގެ ހިނިފުޅު ވެޑުވުމެއް ފެތުރިއްޖެއެވެ. ރަންބީރު އޭނާގެ އުނަގަނޑުފުޅުގައި އޮތް ގަހަނާ ކޮތަޅު ނަންގަވައިފިއެވެ. ހުރިހާ ގަހަނާކޮޅުތައް ނަންގަވައިފައި ނިދައިފައި އޮތް ކުއްޖާގެ ބާލީހުގެ ކައިރީގައި ބަހައްޓަވައިފިއެވެ. އޭނާ އެތަނުން ތަނޑުގަނޑެއް ނަންގަވައިފައި މަޑުމަޑުން އަންހެން ކުއްޖާގެ އަތުކުރީގައި އަޅުއްވައިފިއެވެ. ނަމަވެސް އޭނާ ދެވަނަ ތަނޑުގަނޑު އެ ކުއްޖާގެ އަނެއް އަތުގައި އަޅުއްވާން އުޅުއްވަނިކޮށް، އެ ކުއްޖާ އަތް ދަމައިގެންފިއެވެ. އޭނާ ފުރޮޅިލައިފައި ބިރާއި ސިހުމުގެ ތެރޭގައި ތެދު ވެ އިށީނދެއްޖެއެވެ. އެ ކުއްޖާ ބޭނުން ވީ ހަޅޭއްލަވައިގަންނާށެވެ. އެކަމަކު އޭނާގެ އަނގައިން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ.

ރަންބީރު ވެސް އިރުކޮޅެއް ވާންދެން ޙައިރާންފުޅު ވެވަޑައިގެން އެ ކުއްޖާއާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. މިއީ ޝަކުންތަލާއެއް ނޫނެވެ. މި ދެ ބޭފުޅުންނަކީ ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބީރައްޓެހި ދެ ބޭފުޅުންނެވެ. ކުއްލިއަކަށް ރަންބީރުގެ ހިތްޕުޅަށް އެރިއެވެ. މި ކުއްޖާ ވާނީ ޝަކުންތަލާގެ ކޮންމެވެސް އެކުވެރިޔަކަށެވެ. އަހަރެމެންގެ ގެއަށް މެހުމާނެއްގެ ގޮތުން އައީއެވެ. މި ޚިޔާލުފުޅު އައުމުން އަނެއްކާވެސް އޭނާގެ މޫނުފުޅުމައްޗަށް ހިނިތުން ވެވަޑައިގަތުމެއް ވެރިވެއްޖެއެވެ.

"ބިރުފުޅު ގެންވަޑައިނުގަންނަވާށެވެ." އޭނާ އަންހެން ކުއްޖާގެ ހިތް ހަމަޖައްސަވައިދެއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަކީ ވަގެއް ނުވަތަ ފޭރޭ މީހެއް ނޫނީމެވެ. ތިޔައީ ކޮން ބޭފުޅެއްތޯއެވެ؟ އަޅުގަނޑަށް މީގެ ކުރީން ތިޔަ ބޭފުޅާ ފެނިފައެއް ނެތެވެ. އަޅުގަނޑުގެ ކޮއްކޮގެ އެކުވެރީންގެ ތެރޭގައި ވެސް ތިޔަ ބޭފުޅާއާ ވައްތަރު ކުއްޖަކު ނުހުރެއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.