ދިރާގުޕޭ މެދުވެރިކޮށް މީލްޕެކް އަދި އާއިލާއަކަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މި ރަމަޟާން މަހާ ގުޅިގެން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ދިރާގުން ވަނީ ހާއްސަ ދެ ހަރަކާތެއް އިއުލާންކޮށްފައެވެ.

މިގޮތުން، ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަެއެވެ.

"މީލް ޕެކް" ހަދިޔާކުރުމުގެ ހަރަކާތަކީ "މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސް" އާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސްއަށް ހަދިޔާކޮށްފައެވެ. އަދި ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިރާގުން ވަނީ "މަމްސް އެއިޑް" އާ ގުޅިގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއަރ ބާސްކެޓެއް ފޯރުކޮށްދީފައެވެ. މި ކެއަރ ބާސްކެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ. މި ކެއަރ ބާސްކެޓްގައި ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭނެއެވެ. މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނަށް ކެއަރ ބާސްކެޓްއެއް 1،200 ރުފިޔާއަށް ނުވަތަ ބޭނުން ކޮންމެ އަދަދެއްވެސް ހަދިޔާ ކުރުމުގެ ފުރުސަތު ދިރާގުޕޭ މެދުވެރިކޮށް ލިބިގެންދާނެއެވެ.

އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުޕޭ އެޕްލިކޭޝަނުގެ ‘ފީޗާޑް ސަރވިސްއަށް’ ފިތާލުމުން، ޑޮނޭޓް ކުރަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު ފައިސާ ހަދިޔާކުރެވޭނެއެވެ. މިގޮތުން ޑޮނޭޓްކުރާ އަދަދުތައް ސީދާ އެ ޖަމިއްޔާތަކުގެ އެކައުންޓްއަށް ޖަމާވެގެންދާނެއެވެ.

ދިރާގުޕޭގެ މައިގަނޑު މަގުސަދަކީ މި ބަރަކާތްތެރި ރަމަޟާން މަހު، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.