ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރު ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް އެ ކުންފުނިން ވަނީ 5 ފެބުރުވަރީ 2026 ގައި ހުޅުވާލައިފައެވެ.
ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ، މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ. މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ، އެ ފަރާތެއް އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. މި އިންތިހާބު އޮންނާނީ 2026ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 37ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ޝަރުތުހަމަވާ އާންމު ހިއްސާދާރުން "ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު" އާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސް އަށް ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ނުވަތަ
investor-relations@dhiraagu.com.mv އަށް އީމެއިލް މެދުވެރިކޮށް، 12 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުމަށް އެދެމެވެ. އެޕްލިކޭޝަން ފޯމު ދިރާގުގެ އޭ.ޖީ.އެމް ޕޭޖުން ނުވަތަ 5 ފެބުރުވަރީ އިން 12 މާރިޗު 2026 އަށް ދިރާގު ހެޑް އޮފީހުން ލިބެން ހުންނާނެއެވެ.
ހުށަހަޅާ އެޕްލިކޭޝަންތައް ވަކި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރް.އެން.ޖީ (RNG) ކޮމިޓީންނެވެ. މި ގޮތުން، ޝޯޓްލިސްޓްކުރުމަށްޓަކައި މަގާމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއަށްފަހު، ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެއެވެ. މި މަގާމަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ، ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށެވެ. ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.

