ކަޅުކަމަނާ - 2

(19 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނޫގެ ހިތް އުދާސްކުރުވި ޝައްކުތައް، ފަރިތަ ނޫން ނަމަވެސް އަބީ ފަދަ ދެކިއުޅޭ މީހަކާ ބައްދަލުވުމާ އެކު، ވަޔަށް ބުރައިގެން ދިޔަ ކަހަލައެވެ. ޗާބީދީފައިވާ ސޯނާގަޑިއެއްގެ ކެނބު ފަދައިން ވާންވެފައި ހުރި އެތެރެހަށީގެ ހިމަ ނާރުތަކަށް ވެސް ދޫކަމެއް ލިބި ހަމަޖެހިގެން ދިޔައެވެ. މޫޑު، މުޅިން އުފައުވެރި ނުވާ ނަމަ، ހަމަގައިމު ވެސް ހިތް ނުތަނަވަސް ކުރުވި ޚިޔާލުތަކާ ދުރުވެވި މީހާ ދިރޭ ގޮތް ވެއްޖެއެވެ. އެހެނަސް، އޭނާގެ މޭ ދަށުގައިވާ ޒުވާން ހިތް އަދިވެސް އޮތީ ތެމާލައިފައި އޮތް ކަނޑެކޭ އެއް ފަދައިން ހިމޭންވެ ހުއްޓުން އަރައިފައެވެ. އެ ހިތުގައި، މަތީ ސާނަވީ ތާލީމުގެ ދައުރު، އެކުގައި ކިޔަވާން އުޅުނު "ހުވަފެންތަކުގެ ރާޖާ" އެ އުފެއްދި ފަދަ އޮއިވަރެއް، އުދަބާންޏެއް ނުމެ ހިނގާމެއެވެ. އުންމީދުގެ އުދަރެހުން ފެންނަމުން ދިޔަ ދަޅަތަކާ ޚިލާފަށް، އެންމެ ތިން ރޭގެ ހަނދުވަރަށް ފަހު އެ ގުޅުން ތާއަބަދަށް އޮއްސިގެން ދިޔައީއެވެ. އޭގެ ކަޅުކަމާއި ފަޅުކަން، އަހަރުތަކެއް ވެއަތުވެ ދިޔައިރު ވެސް، އަނޫގެ ހިތުން ފިލައި ނުގޮސް އޮތީއެވެ.

އަބީގެ މޫނުމަތީގައި މިހާރު އެހެރީ ބުނާނެ އެއްޗެއް ޚިޔާލުގައި ރާވަމުންދާ ކަހަލަ ކުލަވަރެކެވެ. އިސްޖަހައިލައިގެން އިނދެ "ނިޔުސްވީކު" ގެ ގަނޑުތައް އުކަން ފެށީ ލަދުވެތި ގޮތެއް ހުންނަ މީހަކަށް ވާތީ އެކަން ލޯތަކަށް ފޮރުވައި ފަރުދާކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. ލައިގެން އިން ގަދަ އާސްމާން ކުލައިގެ ގަމީހާ ވަރަށް ގުޅިގެންދާ ކަހަލަ ގޮތެއްގައި ކުލަމަރުވެފައިވާ ނޫ ޖިންސުގެ ފައިކުރީގެ ތިރިން ފެންނަ ހުދު "ނައިކޭ" ދުވާބޫޓު ތަޅުވާލަތަޅުވާލައި އިން ގޮތުން ވެސް އޭނާގެ ނުތަނަވަސްކަން އަންގައިދެއެވެ. އިސްއުފުލައިލުމަށް ފަހު ހިންދިރުވައިލައި އަނޫއާ ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ.

"ސައި ނުވަތަ ކޮފީ ނުވަތަ ޖޫސް؟ މިތާނގެ މަޝްހޫރު ޕިއްޒާ ފޮއްޗެއް ސަންބޯސާއެއް ފަދަ އެއްޗަކާ ލައިގެން...؟"

ނޫން. ހަމަ އެކައްޗެއްވެސް ގެންނާނެ ކަމެއް ނެތް!" އަނޫ އަވަސްއަވަހަށް ބޯހޫރައިލައިފައި ބުނެލިއެވެ.

"އަހުމަދުބެއޯ؟" އަބީ އެ ދިމާއަށް ބަލައިލަމުން އަހައިލިއެވެ.

އަނޫ ކޮއްކޮގެ ކަޅިމަތި ބަލައިލައިފައި އަހުމަދުބެ ޖަވާބު ދިނެވެ. "އެއްޗެއް ގެންނަވާނެކަމެއް ނެތް އިނގޭތޯ!"

"ދެބެން މިއަދު ރޯދައީތޯ؟"

ހަތަރު މީހުންނަށް ބައިވެރިވެވުނު ވަރުގަދަ ހިނިގަނޑެއްގެ އަޑު ފެންޑާ ފަހަނަޅައި އޭގެ އެކޮޅަށް ދެ ކޮޓަރިބަރީގެ ދެމެދުގައި އޮތް ސަރައްކާއްޔަށް ވެސް ފެތުރިގެން ހިނގައްޖެ ކަހަލައެވެ.

"ނޫން ނޫން. އަޅުގަނޑުމެން އައީ އަޅުގަނޑުގެ ކާފަ ގެއިން ވަރަށް ރަނގަޅަށް ސައިބޮއިގެން ކަމަށް ވާތީ އެއްޗެއް ބޭނުން ނުވަނީ. ޝުކުރިއްޔާ އަބީ." މާނަވީ ރާގެއްލައި އަނޫ ބުނެލިއެވެ. ކޮންމެހެން މާ ގަދަޔަކަށް ސައިބޮއިގެން އައީތީއެއް ނޫނެވެ. ވައުދަކަށް ނުވާނޭ ގޮތަށް، އަނބުރާ ގެންދެވިދާނެ ފަދަ މޭރުމަކުން ލިޔުމުން ބަހެއް ދޫކޮށްލެވިފައި އޮތަސް ކައިވެންޏަށް ނޫނެކޭ ބުނާންޖެހިއްޖެ ހިނދެއްގައި އެއްވެސް ގޮތަކުން ދެރި ދެރުމެއް އަދި ވާން ޖެހިދާނެ ރަތްކެއް ވިޔަސް އޮންނާން ނޭދޭތީއެވެ. ވައްބަހުން ނަމަވެސް މި ވާހަކަ މި ދަނޑިވަޅުގައި އަބީއަށް ސާފުކޮށްލަދޭން ބޭނުމެވެ.

"މި އުޅެނީ ވަކަރުޖަހައިނުލެވިގެން ވިއްޔަ! ސަޔަކާ ހަމަޔަށް ދާން އަދި ގާތްވެސް ނުވޭ، ދޮގެއްތޯ؟" އަނޫގެ ތުންފަތް ހަރަކާތް ކޮށްލިނަމަވެސް ބުނާން އުޅުނު ބަސް ނުބުނެވި އަނގައިގައި ތާށީވީ އަބީގެ އެ ފުން ދެ ލޮލުން ފިޔަޖަހައިގަތް އުދާހާއި އާދޭސްތަކަށް، ބޭއިޚުތިޔާރުގައި ނަމަވެސް، ބޮލާއި ހިތްލެނބިލާ ގޮތްވުމުންނެވެ. އަނޫގެ ހަށިގަނޑުގެ ބަހުރުވައަށް ކަމާކަންފަށާ ބަލާން އިން އަބީ، ދަނޑިވަޅުގެ ބޭނުން ހިފަމުން، ރުވައިފައި ދުންޏެއް ދޫކޮށްލައިފިއެވެ.

"އަޅުގަނޑު މި ތަނަށް އައީ ސުވާލު ގޯންޏެއް ހިފައިގެން. އެހެނަސް ދަންނަވަން ޖެހެނީ އަނޫ މިއަދު މިހާ ގާތުން ފެނުމުން ހަވަނަ ހިއްސު، ސިކުނޑީގައިވާ މުހިންމު ހުރިހާ ސުވާލަކަށްހެން ޖަވާބު ދީފިކަމަށް. ތި ފަރާތުގެ ސުވާލެއް އޮތިއްޔާ...!

"އަބީގެ އިޝްތިހާރުގައި 'ކަމަނާ'އޭ ބުނެފައި އެ އޮތީ ކޮން މަތުލަބެއްގައި؟"

"ތިއެއް ޚުދު އަޅުގަނޑަށް ވެސް ސާފުކޮށް ދެންނެވުން ދަތި. އިޝްތިހާރު ލިޔަމުން ދަނިކޮށް ހުއްޓުން އަރައިފައި އިންދައި ކުއްލިއަކަށް ހިތަށް އައި ބަހެއް ބޭނުންކުރެވުނީ. ކިތަންމެ މާނައެއް ނެގިދާނެ ބަހެއް ބަހަކީ. އެހެން ނޫންތޯ؟ އަނޫ ނަންގަވާނެ މާނައެއް ނަންގަވާ!"

އަނޫގެ ހަނދާންތައް އުދުހިގަތީ މީގެ ދިހަވަރަކަށް ދުވަސް ކުރިއަށެވެ.

އެ ދުވަހު އަނޫ އިނީ އޭނާގެ ކޮޓަރީގެ ދިގު ބިތުގައި ލައްގަނެލައި އެނދުމަތީ ފައިވަށްކޮށްލައިގެންނެވެ. ކުރިމަތީ، ބާލީހެއްގެ މަތީގައި ލެޕްޓޮޕު ހުޅުވައިލައިފައި އޮތެވެ. ބީބީސީން ބޭރުގެ ޚަބަރުތައް ކިޔައިލައިފައި ދެން ބަލަން ފެށީ ރާއްޖޭގައި ނިކުންނަ ދުވަހު ނޫހެއް ކަމުގައިވާ "މިދުވަސްވަރެވެ."

ނޫހުގެ އެތެރޭގެ ސަފުހާތަކަށް ފީނަމުން ދަނިކޮށް އޭނާ ހުއްޓުވައިލީ "ކާވެނި އޮންލައިން" ކިޔާ ކައިވެނީގެ ސައިޓަކާ ބެހޭ ގޮތުން އޮތް ލިޔުމެކެވެ. އޭނާ އުޅޭ ވައިބަރު ގުރޫޕެއްގެ މެދުގައި ވެސް މި ސައިޓެއްގެ ވާހަކަ މި ދުވަސްކޮޅު މާގަދަޔަކަށް އެނބުރޭތީ ނޫން ކަމެއް ވެސް ނޭނގެއެވެ. އެ ސައިޓުގައި ހަޔާތުގެ ބައިވެރިޔަކު ބޭނުންވެގެން މީހުން ޖަހައިފައި ހުންނަނީ ކޮންކޮން ކަހަލަ ވާހަކަތަކެއް ތޯ އަމިއްލަޔަށް ވެސް ބަލައިލާ ހިތްވެއްޖެއެވެ.

ސައިޓަށް ވަދެ އިޝްތިހާރުތައް ހާވާލުމާއެކު ލޮލުގައި ވިކައިގަތީ، އާދައިގެ ދެ އިޝްތިހާރެއްގެ ދެމެދުގައި ހިޔަނިލީ ފަލަ އަކުރުން އޮތް، ކުރުކުރު އިޝްތިހާރެކެވެ. އޭގައި ވަނީ އަންނަނިވި އިބާރާތްކޮޅެވެ.

"މިއީ ދިރިއުޅުމާ މެދު މަތިވެރި އުންމީދުތަކެއްކުރާ އުމުރުން 28 އަހަރު ނުފުރޭ ޒުވާނަކީމެވެ. މާލޭގައި އަޅުގަނޑުގެ ގެދޮރު އެބަހުއްޓެވެ. ރަނގަޅަށް ކިޔަވައި މަސައްކަތް ދަސްކޮށްގެން ހުރި މީހަކީމެވެ. އަދާކުރަނީ ނުހަނު ރަނގަޅު، ޒިންމާދާރު ވަޒީފާއެއްމެއެވެ. އަޅުގަނޑުގެ އެދުމަކީ ވީހާވެސް އަވަހަކަށް ޒަވާޖީ ހަޔާތެއް ފެއްޓުމެވެ. ބައިވެރިއަކަށް އަޅުގަނޑު ބޭނުންވަނީ "ކަޅުކަމަނާ"އެކެވެ. އެއީ ކޮންމެ ރަށެއްގެ ކުއްޖަކަށް ވިޔަސް އެންމެ ރަނގަޅެވެ."

"ކަޅުކަމަނާ؟"

އަނޫގެ މޫނާއި ދެލޯ، ތަފާތު އަލިކަމަކުން، ކުއްލިއަކަށް އަލިވެ އުޖާލާވެގެން ދިޔައެވެ. މަހި ބޯ ތުންފަތްމަތީގައި މަޖާ ހިނިތުންވުމެއް ނަށައިގަތެވެ. ލައިގެން އިން ބުރިފަޓުލޫނުގެ ތިރިއަށް، ރިހާކުރު ބޮއްޔެއްހެން ދިހޭ ފައިގެ މާކަޅުވާއާއި ކުޑަކަޅުވާއަށް އަވަސް ނަޒަރެއް ހިންގައިލެވުނެވެ. ތެދެކެވެ. ކުލަވަރަށް ބަލާ ނަމަ އޭނާ ކިތަންމެ ރީއްޗަކަށް ވެސް ކުފޫހަމަވެއެވެ. އެކަމަކު އެއްވެސް މީހަކު އޭނާއަކީ "ކަމަނާ"އެއް ކަމަށް ސިފަކޮށްފާނެ ހެއްޔެވެ؟ ހަމަ އެސިކުންތުތެރޭ އޭނާގެ އަމިއްލަ ނަފުސު އޭނާއަށް ޖަވާބު ދީފިއެވެ. "އާއެނކެވެ! ކަޅު ފަތްމިންޏެއް ހޯދާ ފިރިހެނެކެވެ!

ބައެއް ފުލޯކު ވާހަކަތަކުގައި ވަކި ކަހަލަ މަލެއް އަދައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރުމުގައި މުޅި އުމުރު ދުއްވާލާ ފިރިހެނުން ވެސް އުޅެއެވެ. މިއީ ވެސް އެ ޒާތުގެ އާވާރާ މާބުރަކީ ނޫން ބާވައެވެ؟ ކޮންމެއަކަސް އަނޫގެ ހިތުގައި މީހާ ކުރެހި ކުލަވެގެން ހިނގައްޖެއެވެ. އޭނާގެ ސިފަ ބުނެދޭން ނޭނގޭހައި ފަނޑު ނަމަ، ޝަޚުސީ ގޮތުން ހަމަ ވަރަށް ސާފު ފޮޓޯއެކޭ ބުނެވިދާނެއެވެ. އޭގެ ފައުޅުކަން ބޮޑު ފަސްމަންޒަރު މި މީހަކީ ގެދޮރުވެރި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެއްކަމަށް އަންގައިދެއެވެ. މައިފުނަގެދޮރު ބެހެވޭނޭ ދެވަނަ އަޚަކު އުޚުތަކު އޭނާގެ ހުރި ނަމަ ގެދޮރުގެ ވާހަކަ އޭނާ ބުނެފައި އެ އޮތް މޭރުމަކުން ނުބުނީސްތާއެވެ. ވިސްނާ ފިކުރުކުރާ މީހަކަށް ލިޔުންކޮޅެއްގެ ދެ ފޮޅުވަތް ދޭތެރެއިން ވެސް ހާދަ ގިނަ އެއްޗެއް ނަގައިގަނެވެއެވެ.

އިޝްތިހާރަށް ޖަވާބުދިނުމުގެ ގޮތުން, ކުރުކުރު މޭލަކާއެކު ފޮޓޯއާއި ވަނަވަރު ވެސް އަނޫ ފޮނުވައިލީ އޭނާއަކީ ކޮންމެހެން ފަތްމިންޏެއް ކަމަށް ދެކޭތީއެއް ނޫނެވެ. ނަމަވެސް ހޯއްދުން ހެޔޮ ހަށިގަނޑެއް، ފިރިހެންކުދިން ހިތްކިޔާ ފަދަ ފަރިކަމެއް، ގުދުރަތުން އޭނާއަށް ދެއްވައިފައިވާކަމީ އިންކާރުކުރެވޭން ނެތް ހަގީގަތަކަށް ވާތީއެވެ. އޭނާ ވިސްނީ އިޝްތިހާރުގައި، އެމީހާގެ ހުރި ކަމަށް ބުނާ އަމިއްލަ ގެދޮރާ މެދުގައެއް ނޫނެވެ. އަދި އަދާކުރާ ރަނގަޅު ވަޒީފާއާ މެދުގައެއް ވެސް ނޫނެވެ. ކަޅު އަންހެންކުދިން ރީތިވެގެން އުޅޭ ފިރިހެނަކަށް ވާތީ ލިޔުންކޮޅުން އެއީ ކާކުކަން އެނގޭން ނެތް ނަމަވެސް މީހާ އޭނާއަށް ޚާއްސަވީއެވެ. އެއީ އޭނާގެ މަންމަގެ ފުށުން ނުލިބުނު ލޯބި، ކާވެނިން ގުޅިއްޖެ ނަމަ ފިރިއެއްގެ ހައިސިއްޔަތުން މި މީހާގެ ފުށުން ލިބިދާނެކަމަށް ހެއްޔެވެ؟

އެކަމަކު އިޝްތިހާރަކުން ލޯބި؟ އިޝްތިހާރަކުން ފިރިއެއް؟ އިޝްތިހާރަކުން އަނތްބެއް؟ އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި؟

މި ސުވާލުތައް ސިކުނޑީގައި އެނބުރޭން ފެށުމާ އެކު މަޖާވީވަރުން އެކަމުގެ ހިލަމެއް ވެސް އަބީއަށް ނުވާނޭ މަގުން މަޖައްލާބަރިއަކަށް އިސްއޮބައިލައި، އުރުގައި އޮތް އަތް އަނގަމައްޗަށް ޖޯޑުކޮށްލައި، ބަނޑަށް ހީނހީނ އިނދެވުނެވެ. އަބީ ކުރެން އަހައިލަފާނަމޭ ހިތަށްއެރިއެވެ. ބަގީޗާއަކުން ބިނދެލާނެ މަލެއް ޚިޔާރުކުރައްވާއިރު ބައްލަވާނީ ހަމައެކަނި މަލުގެ ކުލަޔަށްތޯއެވެ؟ އޭގެ ވަހާއި ވައްތަރަށް ވެސް ބައްލަވައިލެއްވުމެއް ކަމެއް ނެތްތޯއެވެ؟"

"އަނޫ!" އަބީގެ އަޑަށް ސިހި، ކުއްލިއަކަށް އެ ދިމާއަށް އަނޫއަށް އިސް އުފުލާ ބަލައިލެވުނެވެ.

ފިސާރި ހަމަޖެހިލައި، އިހަށް ނެތް އިތުބާރަކާ އެކު ހިނިތުންވެގެން އިނދެ އަބީ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑު އައީ އަނޫ ދަސްކުރުމުގެ ހޯމްވޯކު ވަރަށް ބޮޑަށް ހަދައިގެން. އެއް ކަމެއް ދެ ކަމެއް އަދި ކަށަވަރުކޮށްލަން ބޭނުން. އަހައިފައިވާ ގޮތުގައި މަންމަޔަކާ އަނޫ އެއްގޮތަކަށް ވެސް ނުގުޅޭ---"

"އަޅުގަނޑު މަންމަޔާ ނުގުޅެނީއެއް ނޫން. މަންމަ އަޅުގަނޑާ ނުގުޅެނީ!" އަނޫ މިހައިކަށްހައި ވަރަށް ބުނެފައި ހުއްޓައިލީއެވެ. މީ ދުރުހިލޭ މީހެއް ގާތުގައި ކޮންމެހެން މާ ބޮޑަށް ދައްކާ ހިތްވާ ޒާތުގެ ވާހަކައަކަށް ވެސް ނުވާތީއެވެ.

ހަގީގަތުގައި އޭނާ މަންމަ އޭނާއަށް ކުރީ ނަފުރަތެވެ. ކީއްވެ ހެއްޔެވެ؟ އޭނާއަކީ ކަޅު ކުއްޖަކަށް ވާތީއެވެ. މަންމަ ކަހަލަ ކުލަވަރު ދޮން އަންހެނަކު މާބަނޑުވެ އިނދެ ކަޅުދެލިގަނޑެއް ކަހަލަ އަންހެންދަރިއަކު ވިހެއުމީ މަންމަ ދުށް ގޮތުގައި ޖެހިފައި ހުރި ކުށުވެރިކަމެއްގެ އަލާމާތެކެވެ. އެ ފަދަ ކުއްޖަކީ ސުންޕާ ކުއްޖަކަށް ނުވެ ނުދާނޭކަމުގެ ދަލީލެކެވެ. ކުއްޖާގެ ބައްޕައަކީ ވެސް ކަޅޭ ބުނެވޭވަރުގެ މީހަކަށް ނުވާ ހިނދުގައެވެ. އަނޫ ކިރިޔާ ހަނދާން ހުންނަހައި ކުޑައިރު މަންމަޔާއި ބައްޕަގެ ކައިވެނި ރޫޅުނުކަން ވެސް ވީ ދަރިފުޅާމެދު މަންމަ ގެންގުޅޭ ބޯދާ ވަސްވާސްތަކަށް ތާއީދު ލިބިދިން ކަމަކަށެވެ.

މަންމަ ދެވަނަޔަށް ކުރި ކައިވެނިން ލިބުނީ މަންމަ އެދިއެދި ހުރި ފަދައިން ފިރިހެންދަރިއެކެވެ. ހެދި ބޮޑުވަމުން އައީ އެ ފަދަ ކުއްޖެއްގައި ހުންނާން ޖެހޭ ޅަނދޮޅުކަމާއި ހިނދޫކަން މަތީގައެވެ. ރަނޑު ގޮތެއް ހުރި ނަމަވެސް ގައި ކުލަވަރު ދޮންވެފައި ކުއްޖާ ރީއްޗެވެ. ދޮނެވެ. ދޮންފުތު ލޯބި، ފަސްބައި ހުސްކޮށް މަންމަ ދެމުންގެންދިޔައީ އެ ދަރިފުޅަށެވެ. ސިއްރަކުން ނޫނެވެ. އަނޫ ކުރިމަތީގައެވެ. ބައެއް ފަހަރު، މޫޑު ޚަރާބު ވެފައި ހުންނައިރު، ހަމަ ގަސްތުގައި "ކަޅުގޮއްޔެ" ހިތުގައި ޖައްސާން ވިއްދައިފައި ހުރީއޭ ހީވާ ކަހަލަ ގޮތަކަށެވެ.

މަންމަގެ ހިތުގައި ނުފިލައި އަބަދުވެސް އޮންނަ ޝަކުވާއަކީ މަންމަ ފަދަ ރީތި އަންހެނަކާ އަރާއަރަފޯދިގެންވާ ފަދަ މުއްސަނދި އަދި ފިރިހެންވަންތަ ރީތި ފިރިއަކު ނުލިބުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެ ނުފުދުމުގެ އުދާސްގަނޑު ވެސް އެ ބަންޑުންކޮށްލަނީ "ކަޅުގޮއްޔެގެ" ބޮލަށެވެ.

ކަޅު ކުލަވަރެކޭ އެއްފަދައިން ދުރު ވާރުތައެއްގެ ސިއްރެއް ހެއްޔެވެ؟ ނުވަތަ ތަގުދީރުގެ ސަމާސާއެއް ހެއްޔެވެ؟ މަންމަ، ފިރިހެންދަރިފުޅާމެދު ދެކެމުން އައިހައި ހުވަފެނެއް ތެދު ހަގީގަތަކަށްވެ ފުރާފުރިހަވަމުން ދިޔައީ އަންހެންދަރިފުޅުގެ މައްޗަށެވެ. ކިޔެވުމަށް ވެސް ކުޅިވަރަށް ވެސް މޮޅު ކުއްޖަކަށް ވީ އަންހެންދަރިފުޅެވެ. ގަދަ ދިހައެއްގައި ފާސްވެގެން ސަރުކާރުގެ ޚަރަދުގައި ޑިގިރީ ކޯހަށް ކިޔަވަން ބޭރަށް ދާން ފުރުސަތު ލިބުނީ ވެސް އަންހެންދަރިފުޅަށެވެ. އަދި ޔުނިވަރސިޓީން އޭނާގެ ކިލާހުން އެއްވަނަ ދަރަޖައިގެ ޝަރަފާއެކު ދަސްވެނިވުމުގެ ފަޚުރުވެރިޔަކަށް ވެސް ވީ "އެއްކަލަ ކަޅު ގޮއްޔެ"އެވެ. އެނބުރި މާލެ އައުމުން، ބޮޑު ކުންފުންޏެއްގެ، އެތައް ބަޔަކު ވާދަކުރި، މުހިންމު މަގާމެއް ލިބުނީ ވެސް އެ ގޮއްޔެއަށެވެ.

(ނުނިމޭ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.