ދުރުން މޭގަވާ ބާނި ފަރުބަދަތަކެއްގެ މަތިން އައްސޭރިފަށު ރަށަކަށް އިރުއަރާ މަންޒަރު ދައްކުވައިދޭ ރީތި އަތުކުރެހުމަކަށް އިސްއުފުލައި ފާޑުކިއުމުގެ ނަޒަރެއް ދީގެން އަނޫއަށް ހުރެވުނެވެ. ވަކި ފަރާތަކުން އެދުނު އެދުމަކަށް، ލިބުނު ދައުވަތަކަށް މިތަނަށް އައިސް ހުރި ނަމަވެސް ހިތަށް ވެރިވެފައިވާ ވަޅޯކަމާއި ނުތަނަވަސްކަން ދުރުކޮށް ވަގުތު ކުރުކޮށްލާނަމޭ ހިތައެވެ. ފަސްފަހަތުން ވިއްދައި، ހިމާޔަތުގެ ކަޅިއެއް ދީގެން، އޭނާގެ އަހުމަދުބެ ހުއްޓެވެ. އެ ގޮތަށް ހަށިފާރަވެރިއެއް ފަދައިން އަހުމަދުބެ ހުރި ހުރުން، އެއީ މި ދަނޑިވަޅުގައި އަނޫއަށް ލިބޭ ނުހަނު ބޮޑު ހިތްވަރަކަށް މެނުވީ ނުވެއެވެ.
ނަމަވެސް އަމިއްލަ ނަފުސު އޭނާޔަށް މަލާމާތްކޮށް ކުދިކިޔަމުން ދިޔަ ދިއުމެއް ނުހުއްޓުވުނެވެ. ކަންފަތްދޮށުގައި ބުނެލާ ކަހަލައެވެ. ކަމުގެ ދެކޮޅު ބެލުމެއް ނެތި ކަނބުލޯގެ އައު ޒުވާން ފުރައިގެ ހިތުގައި ޖެހި ވަގު ވިންދަކަށް އިތުބާރުކުރަން ހެޔޮވެދާނެ ހެއްޔެވެ؟ ދުވަހަކު ލޯ ނުދެކޭ ދުރުހިލޭ މީހަކަށް ކައިވެނީގެ މުގައްދަސް ގުޅުމާ ބެހޭ ގޮތުން އިސާރަތެއް ވެސް ކޮށްލުމީ ފަހެ ލަފާކަމަކަށް ވެދާނެ ހެއްޔެވެ؟ އެއް ކޮޅުން ދެވެން އޮތް އަގާއި ބޭނުންވާ އެތީގެ ސިފަ ބަޔާންކޮށް ތޯތްގޮވަމުން ބާޒާރު މައްޗަށް ނިކުތް ނިކުތުމަކަށް، އަނެއް ކޮޅުން އޭތްޔޭ ގޮވައި އިޖާބަދިނުން އެއީ މަގުމަތީގެ އުނގުވިޔަފާރިއެއް ނޫންކަމަށް ބެލެވިދާނެ ހެއްޔެވެ؟ ހަމައެކަނި ހަށީގެ ހޫނު އެދުންތަކަށް ޓަކައި، ލޯބީގެ ކަންފުޅެއް ވެސް ނެތި، މީހަކާ ގުޅުން އެއީ އަނެއްކާ ކޮން ކަހަލަ ކަމެއް ބާވައެވެ؟ ފަހުން އެ މީހަކު ދެކެ ލޯބިވެވި އެއީ އުމުރުދުވަހުގެ ގުޅުމަކަށް ވެދާނެ ހެއްޔެވެ؟ ހިންދީ ފިލްމުތަކުގައްޔާއި އެތާނގެ ސަގާފަތުގައި އަދި ފުލޯކު ވާހަކަތަކުގައި ވެސް މި ޒާތުގެ ކަންކަން ހިނގަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް އަހަރެމެން ދިވެހީންގެ ހަގީގީ ދިރިއުޅުމުގައި...؟
އަނޫގެ ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތައް އެއްފަރާތްކޮށްލައި ފާރުގައި ފުރޭމުކުރެވިފައި ހުރި ކުރެހުމަށް ޚިޔާލުތައް ހުސްކޮށްލައިގެން ހުރެވޭތޯ ބެލި ނަމަވެސް އެކަމުގައި މާ ބޮޑު ކުރިއެރުމެއް ލިބޭ ގޮތެއް ނުވިއެވެ. ނަސީބަކުން މި ގޮތަށް، ދެ އޮއިވަރެއްގެ ދެމެދުގައި ބެދި، ހުއްޓުން އަރައިފައި މާ ގިނައިރަކު ހުންނާކަށެއް ނުޖެހުނެވެ. ބައްދަލުވުމަށް ކިޔައިފައި އޮތް ގަޑި ޖެހެން މިނެޓަކަށް ވެފައި ހުއްޓައި، ފެންޑާގެ ކުރިމަތީ ހުރި ލިފުޓު ހުޅުވުނު އަޑަށް އެނބުރި ބަލައިލެވުނު ހިނދު އެއިން ފައިބައިގެން އައި ދެ މީހަކު ލޮލުގައި އަޅައިގެންފިއެވެ.
އެއިގެ ތެރެއިން އެކަކީ ބޮލުގައި ތަޖުރިބާގެ ނުރަޖަހައިފައިވާ ބޭކަލެކެވެ. އަނޫ ވެސް ކޮންމެވެސް ވަރަކަށް ދަންނަ ހަރުކުލައިގެ މާލޭމީހެކެވެ. ދެން ހުރީ ކުލަވަރު އޮޅަލި، ސަމައްތަރު ހެޔޮ، އިސްކޮޅުން ދިގުބަޔަށް ދައްކާ ޒުވާނެކެވެ. ކަންފަތުގެ ތިރިން ކޮލުކަން ތަންކޮޅެއް ފާޅުކަން ބޮޑު ގޮތެއް ހުރި މޫނުމަތިން ރީތިކަމަށް ބެލެވޭން ނެތަސް، މުޅި މީހާއަށް ބަލާ ނަމަ ހުތުރެކޭ ވެސް ނުބުނެވޭނެއެވެ.
މި ޒުވާނާގެ އަޒުމު ގަދަ ވައްތަރު ޖަހާ މޫނު އަނޫއަށް ހަނދާންކޮށްދިނީ ސިންގަޕޫރުގެ ގައުމީ ޔުނިވަރސިޓީގައި އޭނާ ކިޔަވަން އުޅުނު ދުވަސްވަރު، އެތާނގެ ސިނަމާއަކުން ދެކެފައިވާ ފިލްމެއްގައި އުޅޭ ހިލަފަރުބަދަ ކަނޑާމީހެއްގެ މަތިންނެވެ. މި ބުނާ "ވީރު" އޭނާ ދެކެފައިވަނީ ފަހުގެ ޝީރީން ފަރުހާދު ފަދަ ހިންދީ ފިލްމަކުން ބާވައެވެ؟ ނޫން ނަމަ ހޮލީވުޑުގެ ރަންޒަމާނުގެ ކޮންމެވެސް އިނގިރޭސި ފިލްމަކުން ހެއްޔެވެ؟ އެ އެއް ހަނދާންކުރަން އުޅެއުޅެ ވެސް ހަނދާނަކަށް ތިލަވެގެން އަންނަ ގޮތެއް ނުވިއެވެ.
އެކަމަކު، މިތާ ލޮލުގެ ކުރިމަތީ ފެންނާން މިހިރަ ޒުވާނާގެ އަތުގައި ހިލަ ފަޅާ މުޅޯ ނެތް ނަމަވެސް އޭނާގެ މައުޒަންވެފައިވާ މުލައްދަނޑިއާއި މީދާމަސްގަނޑު އަދި، ޖުމުލަކޮށް ބުނާ ނަމަ، ކަސްރަތީ ހަށިގަނޑު ވެސް ސިނަމާގެ ރިހި އިސްކިރީނުން އަނޫ ދެކެފައިވާ ފަރުބަދަކަނޑާ "ވީރު"ގެ ތަސްވީރު ފުރިހަމަކޮށްދޭކަން ކަށަވަރެވެ.
ފެނުމާ އެކު ވެސް، އިހަކަށް ދުވަހު "ކާވެނި އޮން ލައިން" ގެ އިޝްތިހާރު ދެކެގެން އެ އަށް ޖަވާބުދިނުމުން އެކޮޅުން ކިޔަން ފެއްޓި ލަވަޔަށް، ދެ ފިކުރެއްގައި އިނދެމެ، މިކޮޅުން އޭނާއަށް ކަޑި ނަގައިދެވުނު އަބީއަކީ މީކަން އަނޫ ދެނެގެންފިއެވެ. އެކަކަށް އަނެކަކާ ދިމާއަށް އިސްއުފުލައި ބަލައިލެވުނު ދެ ޒުވާނުންގެ ހަތަރުކަޅި ހިނދުކޮޅަކަށް ގުޅި ތަޅުލެވިފައި ހުއްޓެވެ. އަބީގެ ކަޅިމަތި ހުރި ގޮތުން އޭނާ އަނޫގެ ހިތުގެ އަޑިއަށް ފީނައިގަންނާން މަސައްކަތްކުރާކަން އޮޅުމެއްނެތި ދޭހަވެއެވެ.
ސިއްރުވެރި ހިނިތުންވުމެއްގެ ސިކުންތަކަށް ފަހު، އަނޫގެ މޫނެކޭ ސިގުނަލު ކެނޑިފައިވާ ޓުރެފިކު ލައިޓެކޭ އެއްފަދަވެއްޖެއެވެ. އެ ޖާޒުބީ މޫނާއި ކަޅިރަވައިން "ހިތްހެޔޮ" އަސަރެއް ކަމެއް ވިޔަސް ފާޅުވެދާނޭތީ އިހުސާސްތައް ނިވިފައިވާ ހުސް މޫނެއް ދައްކައިގެން ހުރީ ނޫން ބާވައެވެ؟ އެހެންކަމަށް ވާނަމަ، ތޫނު ސިކުނޑިއެއްގެ ވެރި އަބީ، ހަމަ ވަގުތުން ހަގީގަތާ ހަމަޔަށް ވާސިލުވެއްޖެއެވެ. އަނޫގެ ވިސްނުމަށް މިކަން ތިލަވީ ހިނދު، ލަދުވެތިކަމާ އެކު، އަނެއްކާ ވެސް އިސްޖަހައިލެވުނެވެ. އަބީ ވެސް، އިހުތިރާމުގެ ގޮތަކަށް ކަނދުރާ ލަނބައި ބޯ ތިރިކޮށްލައި ހިތުގައި ރާވައިގެން ހުރި ސަނާގަނޑު، އަލަށް ހުކުރު ޚުޠުބާ ކިޔާން މިންބަރަށް އަރައިހުރި ކަތީބެއް ފަދައިން، ނުތަނަވަސް ފާޑަކަށް އިއްވައިލައިފިއެވެ.
"އަނޫ! މިހިރީ މަގޭ ނޫރީބެ. މަގޭ މުރުޝިދު. މަގޭ އުސްތާޒެއް ވެސްމެ. މި ބައްދަލުވުމަށް އަހަންނަށް ކުރެވުނީ ކެތްތެރިކަމެއް ނެތް އިންތިޒާރެއް. އޭރު ނަމާއި އާއިލާ އެނގިފައި ނެތް ނަމަވެސް އެއް ދުވަސްވަރެއްގައި އެއް މަގަކުން އިސްކޫލަށް ދާން ހިނގައި އުޅުނީތީ އަނޫ ވަރަށް ކުޑައިރުއްސުރެ އަހަރެން އަނޫ ދެކެން ފަށައިފިން. މި އިއްތިފާގަކީ ދެ މީހުންގެ ގުޅުމަށް އޮތް ހެޔޮ ފާލެއްކަމަށް ވެސް މިއަދު ދެކެން." ދެން ދައްކާން އޮތް ވާހަކަޔަށް ތަން ހޯދަމުން، މި ޒީނަތްތެރި ފެންޑާގެ ވަށައިގެން ތާރީފުގެ ލޮލަކުން ބަލައިލައިފައި ގޮސް ބޯ ފަރުދާ ކަހައިލައި ތަނުގެ ބިއްލޫރި ބިތް އެކަށް ހާމަކޮށްލައިފިއެވެ. އެއާ އެކު، އަސުރާ އޮއްސުމަކާ ދެމެދުހައި ތަނަށް ތިރިވެފައިވާ އިރުގެ ދޯދިތައް، އަނގުރު ކުލައިން ކޮޅުމަތިލެވިފައި އެހެރަ ކަފަވިލާތައް ފޫއަޅުވައިލައިފައި އައިސް އަނޫގެ ރީތި ބުޅި އިސްތަށިގަނޑަށް ބުރައުން ކުލަވަރެއް ގެނެސްދީފައި ހުއްޓެވެ. ބޭރުން އައިސް ތަނަށް ގަދަކޮށްލި ގުދުރަތީ ދަޅަތަކަށް މުޅި ފެންޑާ ވެސް ހިނިތުންވެ ނަށައިލާ ކަހަލައެވެ.
"އަނޫ! މީ ހިތްފަސޭހަ ހަވީރެއް. ހިތްގައިމު މަންޒަރެއް، ދޮގެއްތޯ؟" އަބީ ބުނެލިއެވެ. ފުން ނިންޖަކުން ހޭލެވުމަށް ފަހު، ތަފާތު މަންޒިލަކުން ތަފާތު އައު މަންޒަރެއް ފެނިގެން އުޅޭ ދަތުރުވެރިއެކޭ އެއް ފަދައިންނެވެ.
ފުރަތަމަ އާދައިގެ ބަހުން އަނޫއާ މުޚާތަބުކުރި ނަމަވެސް މިހާރު އަބީ އެ ބޭނުންކުރަނީ މާތްބަހެވެ. މި ކަސިޔާރުކަމުގެ އިތުރަށް އަބީގެ ރާގުގައި އެހެރަ މައިތިރި މާސޫމުކަމަކުން އަނޫ ގާތަށް ހިނިވެސް އަންނަ ގޮތް ވިއެވެ. އެހެނަސް ހިނިގަނޑު ފުޅާވިޔަނުދީ އަބީއާ އެއްބަސްވުމުގެ ގޮތުން އަވަސްއަވަހަށް ދެ ފަހަރަކު ބޯޖަހައިލީއެވެ. ތެދެއްމެއެވެ. ހުޅުމާލޭ ފަޅު ހުރަސްކޮށް، އަނެއް ފަރާތުން އުދަރެހާ ޖެހެންދެން ވެސް ފޮނުލާ ކުދިކުދި ރާޅުތަކާ އެކު ފުސް ނޫކުލައެއް އަރައިފައިވާ ކަނޑުމަތި، މި ފަދަ ހަވީރެއްގައި ބަލައިލާން ކިތަންމެހައި ވެސް ހިތްފަސޭހަވެފައި ރީއްޗެވެ. ޖައްވުގައި މިހާރު ހެޔޮވެ ހިނގަމުން އެދާ ރޯޅިތަކަށް ރޫޅި، މަޑުމަޑުން ކެހެމުން ދިޔަ ވިލާތަކާ އެކު، ހަވީރަށް ދިއްލައިފައިވާ އަވީގެ ކުލަވަރު ބަދަލުވަމުންދިޔައެވެ. ދުރާއި ގާތުން ކަނޑުމަތިން، ހަނާއަޅައިލާ ކަހަލަ ގޮތެއްގައި، އެހެރަ ފެންނަ އެތެރެވަރީގެ ރަށްތައް ވެސް އަތްވާއި ހިޔަނީގެ މި ކުޅިވަރަށް "ބަދަލުވަމުން" ދިޔައެވެ. މި ރަށު ފަރުބޭރުން، އުދުހޭ ކިރުދޫނިތަކެއް ފަދައިން، ދެކޮޅަށް ދާ ކުދި ލާންޗުތަކާއި "ކޮށާރު"ތައް އަރުވާ ބަރާކޮށްގެން ކަނޑަވަޅިއާ ދިމާއަށް ފައިބައިގެންދާ ކުޑަވަރެއްގެ އާގުބޯޓު، ބޭރު ބަނދަރުގެ މަންޒަރަށް އިތުރު ދިރުމެއް ގެނެސްދޭ ކަހަލައެވެ.
އަނޫ ބޭރު ބަލަހައްޓައިގެން ހުރެފައި އަނެއް އަތަށް އެނބުރިލުމާ އެކު އަބީ ވެސް އިހު ހުރި ގޮތަށް ފަރުދާ ދަމައިލައިފައި އެނބުރިލިއެވެ. ބޭރުގެ އަލި ކެނޑުމުން ދެވަނަ ފަހަރަށް، އެލެކުޓުރިކު އަލިތަކަށް ބަރޯސާވެފައި އޮތް ފެންޑާއަށް ދެ މީހުންނަށްމެ ބަލައިލެވުނީ އެއް ލޮލަކުން ކަމަށް ވާނަމަ ތަނާ ގުޅޭ ގޮތުން އެއްޗެއް ބުނެލީ އަބީއެވެ.
"މިތާ "ހިލާލީ ޕެލަސް" ގެ ފައްކާ ކަމަކީ ކޮންމެ ބުރިއެއްގައި ވެސް ސޯފާސެޓު ޖަހައިފައި ހުންނަ މި ފަދަ ފެންޑާކޮޅެއް ހުންނަކަން! އެ ބުރިއެއްގެ ކޮޓަރިތަކުގައި ތިބޭ މީހުންގެ ހިތްފަސޭހައަކަށް. އެއްވެލައި އުޅުމަށް. މި ކަހަލަ ކާރުބާރު ބޮޑު، ބިޔަ ހޮޓަލެއްގެ ލޮބީއާ ޚިލާފަށް މި ތަނަށް ޖެހޭ އޮޔެއް ވައެއް ވެސް ނެތް. އެހުމުން ވައްކަންކުރާ ކަންފަތްތަކެއް، ފާރަވެރި ލޯތަކެއް ނުމެ ނެތްމެ. އަމިއްލަ ގޮތުން މީހަކާ ބައްދަލުކޮށްލާން ހަމަ ވަރަށް އެކަށީގެންވާ ތަނެއް. އެހެންވެ މި ފަދަ ބައްދަލުވުމަކަށް ލޮބީގެ ބަދަލުގައި ތިންވަނަ ބުރީގެ ފެންޑާ އަޅުގަނޑު ޚިޔާރުކުރީ!"
އެކޮޅުގެ ވާހަކަ ނިމުމުން އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައިފައި ލޮލުން ކަނާތްފަރާތަށް ކޮށްލި ކުއްލި އިސާރަތަކާ އެކު، މި ހުރިހައި އިރަކު ޚިޔާލަކަށް ގެއްލި ހިމޭންވެފައި ހުރި އަނޫގެ އަނގަފަޅައިފި ކަހަލައެވެ.
"އަޅުގަނޑާ އެކު އައިސް މިހިރީ އަޅުގަނޑުގެ އަހުމަދުބެ. ބަފާ ފުށުގެ ބޮޑުބޭބެ އަހުމަދު ޒާދީ. ކާފަޔާއި ދޮންމާމަގެ އެންމެ ހަގު ދަރިފުޅު!" މިހައިކަށްވަރަށް ބުނެފައި ހުއްޓައިލީއެވެ.
އަނޫއާ ދާދި އެއްފުރައެއްގެ ކުއްޖަކަށް ވާތީ ބޮޑުބެއަކަށް ވުރެ ބޮޑަށް އޭނާއަށް އަހުމަދުބެ އަސްލުގައި ވެފައި ވަނީ އެއްމާބަނޑު ބޭބެ ފަދަ މީހަކަށެވެ. އޭގެ ދެބެން އެހައިވެސް ގާތެވެ. ގުޅެއެވެ. މަންމަގެ ކަންތަކާ ހެދި އަނޫ ރުޅިހަދައިލައިފައި ކުޑައިވަރުއިރު، ދޭތެރެދޭތެރެއިން ގެއިން ނިކުމެގެން ގޮސް، ދުވަސްކޮޅަކަށް ކާފަ ގޭގައި ހުންނާތީ މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ ކަމަށް ވެދާނެއެވެ. އަނެއް ކޮޅުން އަހުމަދުބެއާ އެއްބަޑު އެއްބަފާގައި ތިބީ ހުސް ފިރިހެނުން ކަމަށް ވާތީ އޭނާއަށް ނުލިބުނު އުޚުތުގެ މަގާމު އަނޫކޮއްކޮއަށް ދެވިފައި ވަނީ ކަމަށް ވެސް ވެދާނެއެވެ.
ސަލާންގަލާމަށް ފަހު ހަތަރު މީހުން ކޭލިހަމަކޮށް ގޮނޑިސެޓުގައި ޖައްސައިލައިފިއެވެ. ނަލަހެދި ޗާލުކޮށްލައިގެން ހުރި އަނޫ، އަހުމަދުބެ ގާތުގައި ދެތިން މީހަކަށް އިނދެވޭ ވަރުގެ ބޮޑު ސޯފާގޮނޑީގައެވެ. ކަޅުނޫ ޖިންސު މަތިން ވައްޓައިލައިގެން ހުރި ވައިލެޓުކުލައިގެ ދޫ ހެދުމުގެ އުނަގަނޑުގެ ތިރިން ރޫޖެއްސި ފަސްބައިގައި އަތްހިންގައިލައިހަދައިފައެވެ. އަބީއާއި ނޫރީ އިށީނދެގެން ތިބީ އެކަނި އެކަކަށް އިނދެވެން ހުރި ކޮޅު ދެ ގޮނޑީގައެވެ. ސޯފާގޮނޑި ކުރިމަތީ، ހައިވަކަރު ކޮފީމޭޒުމަތީގައި އެންމެ ފަހުގެ "ޓައިމް" އާއި "ނިއުސްވީކް" އާއި "އިކޮނޮމިސްޓް" މަޖައްލާ އޮތެވެ. އިތުރަށް އަންހެނުންގެ މަޖައްލާއެއް ކަމުގައިވާ "ފެމީނާ" ވެސް އޮތެވެ. މޭޒުގެ ތިރީ ޖާލިގަނޑުގައި މި ބުނި މަޖައްލާތަކުގެ މި އަހަރުގެ ބާ އަދަދުތައް ވެސް މަހުން ނުވަތަ ހަފުތާއިން ބަރިޖަހައިލައިފައި ހުއްޓެވެ. އޭގެ ބައެއް އަދަދުތައް ހުރީ ގިނަ ބަޔަކު އަތްކޭއްތުމުގެ ސަބަބުން ވަރަށް ބޮޑަށް ކަފާސްވެ ބޭރުގަނޑުން ހީރަސް ނެއްޓޭ ގޮތްވެފައެވެ.
(ނުނިމޭ)

