ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އިޤުޠިޞާދީ ގުޅުން ބަދަހި ކުރުމަށާއި، ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ޤައުމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ޖަރުމަން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުޤުވެރިކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، "ދަ މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް" ބަރލިންގައި މިއަދު ބާއްވައިފިއެވެ.
މި ރައުންޑްޓޭބަލް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އިންވެސްޓް މޯލްޑިވްސް، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ، އަދި ޖަރުމަނުގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ޑީ.އައި.އެޗް.ކޭ) ގުޅިގެން އިންތިޒާމުކުރި ރައުންޑްޓޭބަލްއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތައް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ޕްރޮމޯޓްކުރުމުގެ މަޤުޞަދުގައި ބޭއްވުނު ބިޒްނަސް ރައުންޑްޓޭބަލެކެވެ.
މި ބައްދަލުވުން ފަށްޓަވައިދެއްވީ ޑީ.އައި.އެޗް.ކޭގެ ހެޑް އޮފް ފޮރިން ޓްރޭޑް އަދި އެގްޒަކެޓިވް ބޯޑުގެ މެންބަރު ޑރ. ވޮލްކަރ ޓްރަޔާ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންވެސްޓް ކުރުމަށް އެމަރޖިންގ މާކެޓެއްގެ ގޮތުގައި ރާއްޖެ ސިފަކުރައްވާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ޙިއްސާދާރުންނާއި ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމު ކަމުގެ މައްޗަށް މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ދެފުށް ފެންނަ، އިންވެސްޓަރުންނަށް ފަހި ވިޔަފާރީގެ މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ދެއްވާ ސަމާލުކަން ތަކުރާރުކޮށް ކަށަވަރުކޮށްދެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤުތިޞާދީ އިޞްލާޙީ އެޖެންޑާއާއި، އިންވެސްޓްކުރުމުގައި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ އިތުރުން، ޖަރުމަނުވިލާތުގެ ކުންފުނިތަކާއެކު އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އިޤުތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުމަށާއި، މާލީ ނިޒާމުގެ ހަމަޖެހުން ހިފެހެއްޓުމުގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން އިސްކަންދޭ މިންވަރު އަލުން ކަށަވަރުކޮށްދެއްވައިފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް މިހާރަށްވުރެ ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އޭޝިއާ-ޕެސިފިކް ކޮމިޓީ އޮފް ޖަރމަން ބިޒްނަސް (APA) ގެ ފަރާތުން 'ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް' ގެ ސީ.އީ.އޯ ގަންތަރ މަލް ވަނީ، ޑިޖިޓަލް ސޮލިއުޝަންސްއާއި އިއާދަކުރަނިވި ހަކަތައާއި ފާމަސޫޓިކަލް ސެކްޓަރ އަދި އައު ޓެކްނޮލޮޖީތަކުގެ ދާއިރާއިން ރާއްޖެއާއެކު މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ ނުހާ ރިޒާ ވަނީ، ރާއްޖޭގެ އިޤުތިޞާދީ ތަޞައްވުރާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ. މި ޕްރެޒެންޓޭޝަންގައި ރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ އިސްކަންދޭ ދާއިރާތަކާއި، ދާދިފަހުން ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކުގެ އިތުރުން، ބޭރުގެ އިންވެސްޓަރުންނަށް ހުރި ލުއިފަސޭހަ އިންތިޒާމުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނިޔާޒް ވަނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވައިފައެވެ. މިގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ރާއްޖޭގެ މޫސުމީ އަދި ދެމެހެއްޓެނިވި ލަނޑުދަނޑިތަކާ އެއްގޮތްވާނޭހެން ހުރި މަތީ ފަންތީގެ އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ޖަރުމަނުވިލާތުގެ ކުންފުނިތަކުން އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރިއިރު، ރާއްޖޭގެ އެކި ދާއިރާތަކަށް އަމިއްލަ ވިޔަފާރިތަކުން ބަހައްޓާ ޝައުޤުވެރިކަން އިތުރުވަމުންދާކަން ފާހަގަކުރިއެވެ. މީގެއިތުރުން، މި ބައްދަލުވުމުގެ ސަބަބުން ރާއްޖެއާއި ޖަރުމަނުވިލާތުގެ ވަފުދުތަކުގެ މެދުގައި ނަތީޖާނެރެވޭފަދަ ބިނާކުރަނިވި މަޝްވަރާތަކަކަށް މަގުފަހިވެގެންދިޔައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ވިޒިޓް މޯލްޑިވްސް އާއި ޖަރުމަނުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ 'ޑި ޓުއަރ (DERTOUR) ޑޮއިޗްލަންޑް' އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ޝިއުރީ އެވެ. އަދި ޑި ޓުއަރގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ މިސްޓަރ ޔޯން ކްރައުސާ އެވެ. މި އެމްއޯޔޫގައި މައިގަނޑު މަޤުޞަދަކީ ޖަރުމަނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް، ދާއިރާގެ ގުޅުން ބަދަހިކުރުމެވެ.
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ބޭއްވުނު މި "ބިޒްނަސް ރައުންޑްޓޭބަލް" އަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤުތިޞާދީ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އިތުބާރު ބޮޑުވެ، ވިޔަފާރީގެ އައު ދޮރުތަކެއް މި ބައްދަލުވުމުގެ ސަބަބުން ހުޅުވިގެންދާނެއެވެ.
