ކޮމިޓީން ބިލް ފާސްކުރީ 12 މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހަށް މިހާރު ވައްދާފައިވާ އެންޓި ޑިފެކްޝަން ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވާ ގޮތަށް މަޖިލީހުން ފާސްވެއްޖެނަމަ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ނިންމާފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވެއްޖެއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ ކޮމިޓީން އެބިލް ދިރާސާކޮށް ފާސްކޮށްފައި ވަނީ އެ 12 މެމްބަރުންނަށް ވިސްނައިގެން ކަމަށެވެ. ނަމަވެސް ކޮމިޓީ ރިޕޯޓް އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް 12 މެމްބަރުންގެ ގޮނޑި ގެއްލެނީ މިދިޔަ އަހަރުގެ ޖުލައި 13 ގެ ފަހުން ހިނގާފައިވާ ކަންކަމަށް ބިލުގައި ހިމެނި މާއްދާއަކުން ކަމަށްވެއެވެ.

12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކި ކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ނިންމި ނިންމުމަކާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެފަދަ ކަމެއް ހިނގިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ޙުކުމެއް ނެރެފައެވެ. އެއާއެކު އެ 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ތަކުގައިވެސް ބައިވެރިވެވޭގޮތް ވިއެވެ.

އެހެންކަމުން އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްވުމާއެކު ގޮނޑި ގެއްލޭނެ 12 މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙަންމަދު އަމީތު އާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން އާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ލޯޔަރު ވައްޑެ) ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު އާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙަންމަދު މުސްތޮފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި  ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

މި މެމްބަރުންނަކީ ކުރިން ޕީޕީއެމްގައި ތިއްބެވި މެމްބަރުންނެވެ. އޭގެތެރެއިން ބަޔެއް މެމްބަރުން އަމިއްލައަށް ޕީޕީއެމުން ވަކިވެފައިވާއިރު ބަޔެއް މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.